ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމު "ސަރުޒަމީން" ގެ ޓްރެއިލާއާ އެކު އިބްރާހިމް އަލީ ހާންއަށް ގިނަ ބައެއްގެ ތައުރީފު އޮހެން ފަށައިފިއެވެ.

މި އަހަރުގެ މާޗް މަހު ނެޓްފްލިކްސްގައި ޕްރީމިއާކުރި ފިލްމު "ނާދާނިޔާން"އިން ބޮލީވުޑަށް ތައާރަފުވި އިބްރާހިމް އަލީ ހާންގެ ފުރަތަމަ ފިލްމުގައި ފެނިގެން ދިޔަ އެކްޓިންގެ ސަބަބުން އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި އޭނާއަށް ބޮލީވުޑުން ޖާގަ ލިބުނީ ބައްޕަ ސައިފް އަލީ ހާންގެ ސަބަބުންކަމަށް ބުނެ ގިނަ ބައެއްގެ މަލާމާތް އޭނާއަށް ރައްދުވިއިރު، މިހާރު އާންމުކޮށްފައިވާ "ސަރުޒަމީން"ގެ ޓްރައިލާއާ އެކު އޭނާވަނީ ބެލުންތެރިންގެ ފާޑުކިޔުންތަކަށް ރައްދުދީ އޭނާގެ މޮޅު ހުނަރު ދައްކާލާފައެވެ.

https://www.tiktok.com/@reeltalk122/video/7523145674691595542

ކުޅަދާނަ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީ ފިލްމު ޑައިރެކްޝަނަށް ނުކުންނަ 'ސަރުޒަމީން'ގައި އިބްރާހިމް އަލީ ހާން ފެނިގެންދަނީ ބަތަލާ ކާޖޮލް އަދި ސައުތު އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން ގެ ދަރިފުޅުގެ ރޯލުންނެވެ. ފިލްމުގެ ޓްރެއިލާއިން ފުރާވަރުގެ އުމުރުގައި ދިމާވާ ހާދިސާއަކާ ގުޅިގެން އިބްރާހިމްގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތް ފެނެއެވެ. އަދި ފިލްމުގައި ސިފައިންގެ މީހެއްގެ ރޯލުން ފެނިގެންދާ ބައްޕަ ޕްރިތުވީރާޖް ސުކުމަރަން އާ ދެކޮޅަށް ނިކުމެ އެ ދެމެދުގައި ބަދަލުކުރެވޭ ބަހުގެ ހަމަލާތައްވެސް ފެނިގެންދެއެވެ. މި ފިލްމުގައި، ވިލަންއެއްގެ ރޯލުން އިބްރާހިމް ފެނިގެން ދާއިރު އޭނާ އެ މަގު އިހްތިޔާރުކުރި ސަބަބު ހޯދުމަށް މިހާރު ބެލުންތެރިން ތިބީ ކެތްމަދުވެފައެވެ.

ފިލްމާ ބެހޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފައި ވަނީ، މިއީ ބެލުންތެރިން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖައްސާނެ ފިލްމެއް ކަމަށެވެ.