ފަސް އަހަރުން އެއް އަހަރު ރާއްޖެއަށް އަންނަ ސިޔާސީ ފޯރިގަނޑާއި ވާދަވެރިކަން މުޅި ރާއްޖޭގައި ކުރިއަށް ދާއިރު ކެމްޕެއިނުގައި ވާދަކުރައްވާ ކެންޑިޑޭޓުން ގެންދަނީ ރަށްރަށަށް ވަޑައިގެން ވައުދުތަކެއްވެސް ވަމުންނެވެ. އެގޮތުން އެންމެ ގަދައަށް ފޯރިއާއެކު ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދަވާ، މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދަތުރުފުޅުގައި މިހާރު 100 އަށް ވުރެ ގިނަ ރަށަށް އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ.
ރައީސް ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ރައީސްގެ އިސްތިގުބާލުގައި މަރުހަބާ ދަންނަވަން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު އެއްވަމުން ދާއިރު މަރުހަބާ ދެއްނެވުމަށް ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ދިދަތަކުން ބަނދަރު ސަރަހައްދާއި ބައްދަލުވުން ބާއްވާތަން ވެސް އޮންނަނީ އެކީ އެކަށްޗަލަށް ޒީނަތްތެރި ކޮށްފައެވެ. ކޯލިޝަނުގައި ހިމެނޭ އެމްޑީޕީ ދިދައާއި ރީނދޫ ކުލަ މައިގަނޑު ގޮތެއްގައި ރަށް ރަށުގައި ބޭނުންކުރި ނަމަވެސް، މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ އަތޮޅަށް ފަހު ރ އަތޮޅުގެ ދަތުރުފުޅު މިހާރު ފައްޓަވައިގެން ކުރިއަށް ދާއިރު އެ އަތޮޅުގެ ފުރަތަމަ މަންޒިލު ކަމަށްވާ ކިނޮޅަހަށް ރައީސް ވަޑައިގަތުމުން ފެނިގެން ދިޔައީ އެހެން ރަށްރަށާ ހިލާފަށް ތަފާތު މަންޒަރެކެވެ.
ރަޖިސްޓްރީގައި 684 މީހުން ތިބި 492 މީހުން ދިރިއުޅޭ ކިނޮޅަހަކީ ދީނަށް ލޯބިކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެކެވެ. މި ރަށުގެ ބަނދަރުމަތިންނާއި ބައްދަލުވުން ބާއްވަން ތައްޔާރު ކޮށްފައިވާ ސަރަހައްދުން ވެސް ފެނިގެން ދިޔައީ ދީނީ ޕާޓީގެ ގޮތުގައި މި ގައުމުގައި އޮތް އަދާލަތު ޕާޓީއަށް މި ރަށުގައި އޮތް ތާއީދާއި ތަރުހީބެވެ. ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން އެހެން ރަށްތަކުން ނިކުންނަނީ ރީނދޫ ކުލައިގެ ހެދުމާއި ބެނާތައް ބޭނުން ކޮށްގެން ނަމަވެސް ކިނޮޅަހުން ފެނިގެން ދިޔައީ ރީނދޫ ކުލައަށް ވުރެ ގިނައިން އަދާލަތުގެ ޓީޝާޓާއި ދިދަ އަދި ފެހިކުލަ ބޭނުން ކޮށްގެން ތައްޔާރުވެ ނިކުމެ ތިބި މަންޒަރެވެ.
ކިނޮޅަހަކީ އަދާލަތުގެ ޕާޓީގެ މެޖޯރިޓީ އޮތް ރަށެއްކަން އެ ރަށުގެ ކައުންސިލުން ވެސް ފެނި ހާމަވެއެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުހުގެ ނިޔަލަށް އަދާލަތު ޕާޓީގައި 9786 މީހުން ހިމެނޭއިރު އެ ލިސްޓުގައި ކިނޮޅަހުގެ އާބާދީގެ ބޮޑުބައި އޮންނާނެ ކަން އިއްޔެ ކިނޮޅަހުން ވަނީ ފާހަގަ ވެފައެވެ.
ކިނޮޅަހުގެ ބަނދަރަށް އައިސް ފޭބުމާއެކު އެހެން ރަށްރަށުން އިވެމުން ދިޔަ ރައީސް ސޯލިހުގެ ކެމްޕެއިން ލަވަ އަޑު ނީވުމުން ހަމަ ހައިރާންވިއެވެ. ޒަމާނަށް އައި ޒަމާނީ ކުދިންވެސް އުޅޭ ކިނޮޅަހުން މިފަދަ މަންޒަރެއް ފެންނާނެ ކަމެއް ކުޑަކޮންވެސް ގަބޫލެއް ނުކުރަމެވެ. އެ ރަށުގެ މީހުންނާ ވާހަކަ ދެއްކުމުން އެނގިގުނީ ކިނޮޅަހުގައި އޮތް ދީނަށް ލޯބިކުރުމުގެ ރިވެތި ސިފަ ކެމްޕެއިނުގައިވެސް އެ މީހުން ހިފަހައްޓަމުން ދާއިރު ކެމްޕެއިނާއި އެހެނިހެން މުނާސަބަތުތަކުގައި ލަވަ ޖަހާއި ނެށުމާއި ބޮޑުބެރު ފަދަ ކުޅިވަރުތައް ވެސް އެ ރަށުގައި ވަނީ މުޅިން ހުއްޓާލާފައި ކަމެވެ.
އެއާއެކު އެހެން ރަށްރަށުން ފެންނަ ފަދަ އަތާ އަތް ޖޯޑުކޮށް ދެ ޖިންސުގެ މީހުން ސަލާން ކުރުމާއި ޖަލްސާގައި ދެ ޖިންސު މަސްހުނިވެ ތިބި މަންޒަރުވެސް ކިނޮޅަހަކުން ނުފެނެއެވެ. އެ ރަށު މީހުން ބުނާ ގޮތުގައި މި ރީތި އާދަތައް ކިނޮޅަހުގައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
އެ ރަށުން ވާހަކަދެއްކި މީހުން ބުނީ އެ ރަށުގެ ބޮޑު ބަަޔަކީ އަދާލަތު ޕާޓީ ކަމަށެވެ. އަދި މި އިންތިހާބުގައި ކިނޮޅަހުން ރައީސް ސޯލިހަށް މެޖޯރިޓީ ލިބޭނެ ކަމުގެ ޔަގީންކަން އެ ރަށުގެ މީހުން ދެއެވެ. އެ ރަށުގެ މީހަކު ބުނީ ބައެއް ރަށް ރަށުގައި ސިޔާސީ ފޯރީގައި ޒުވާބުކޮށް، ދިދަފަތި ކަނޑާލުން ފަދަ ކަންކަން ފެނިގެން ދިޔަ ނަމަވެސް އެ ކަމަކީ ކިނޮޅަހުގައި ކުރާ ކަމެއް ނޫން ކަމަށެވެ.
ކިނޮޅަސް ތަމްސީލުކުރުމަށް އިނގުރައިދޫ ދާއިރާގެ މެންބަރުގެ ގޮތުގައި މަޖިލީހުގައި ހުންނަވަނީ އެމްޑީޕީގެ މެންބަރެއް ކަމަށް ވާއިރު މިދިޔަ ރިޔާސީ އިންތިހާބުގައި އަދާލަތު ކޯލިޝަނާއެކު ރައީސް ސޯލިހަށް ކިނޮޅަހުން ވަނީ 87 ޕަސެންޓް ދީފައެވެ. އަދި ރައީސް ސޯލިހާ ވާދަ ކުރެއްވި އިދިކޮޅު ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކިނޮޅަހުން ލިބިވަޑައިގަތީ އެންމެ 37 ވޯޓެވެ.
އިއްޔެ ކިނޮޅަހަށް ވަޑައިގެން ރައީސް ސޯލިހު ވަނީ ކިނޮޅަހުގެ ރައްޔިތުން އެންމެ ބޭނުމީ މަގުތައް ހަދަން ކަމަށާއި އެގޮތުން ތާރުއަޅާ އެންމެ ރަނގަޅު ފެންވަރަށް ކިނޮޅަހުގެ މަގުތައް ހައްދަވައި ދެއްވާނެ ކަމަށާއި ކައުންސިލް އިދާރާގެ އާ އިމާރާތާއި ސްކޫލްގެ މަލްޓިޕާޕަސް ހޯލު އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސިއްހީ މަރުކަޒު ބޮޑުކުރުމާއި އިންޑޯ ސްޕޯޓްސް ހޯލެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ކިނޮޅަހު ބަނދަރު ހުޅުއްވައި ދެއްވުމާއި އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނިންމުން އިފްތިތާހު ކޮށްދެއްވުގެ އިތުރުން ކިނޮޅަހު އިންޖީނުގެއާއި ފެނަކައިގެ އޮފީސް އިމާރާތް ވެސް ހުޅުއްވައި ދެއްވާފައި ވެއެވެ.