ރ. ކިނޮޅަހުގައި މި ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ފާހަގަ ކޮށްދެއްވައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރާއްޖޭގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކިނޮޅަހަށް ވަޑައިން އެރަށު ބަނދަރާއި އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުއްވައި ދެއްވުމުގެ އިތުރުން ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން އެމަނިކުފާނު ވަނީ ފާހަގަ ކޮށްދެއްވާފައެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ކިނޮޅަހު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު ފުންކުރުމާއި 162 މީޓަރު ސަރަޙައްދުގައި ގްރޮއިން ޖެހުމާއި 285 މީޓަރުގެ ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ވަނީ ޖަހާފައެވެ. މީގެ އިތުރުންވެސް 186 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ޖެހުމާއި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ވެސް ކޮށްފައި ވެއެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއެވެ. އަދި މިއަދު ރައީސް ހުޅުއްވާދެއްވި އިންޖީނުގެއަކީ ކުރިއަށް ވުރެ ޖާގަ ތަނަވަސް އަދި ޒަމާނީ ވަސީލަތްތަކާއެކު މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތް ކޮށްފައިވާ އިންޖީނުގެއެކެވެ. އާ އިންޖީނުގޭގެ ކެޕޭސިޓީއަކީ 688 ކިލޯވޮޓެވެ. މި އިންޖީނުގޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފެނަކަ އޮފީސްވެސް ހުޅުވައިދެއްވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްގެންގޮސްފައެވެ.