އަންނަ ދައުރުގައި ރ. ކިނޮޅަހުގެ މަގުތަކުގައި ތާރު އަޅުއްވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި މިއަދު ރ. ކިނޮޅަހަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ކިނޮޅަހުން ރެކޯޑް އަދަދަކަށް އެމަނިކުފާނަށް ވޯޓުލިބިވަޑައިގެން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ 87 ޕަސެންޓް އެމަނިކުފާނަށް ލިބިވަޑައިގެންއިރު އެ އިންތިހާބުގައި ވާދަކުރި އިދިކޮޅުގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކިނޮޅަހުން ލިބިވަޑައިގަތީ އެންމެ 37 ވޯޓު ކަމަށެވެ. އަދި ބ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންއިރުވެސް ފެނިވަޑައިގަތީ އުފާވެރި އަމާން ރާއްޖެއަކަށް ދާން ބޭނުންވެފައި ތިބި މިންވަރު ކަމަށާއި ވެވަޑަިގެން ވައުދުތައް ފުއްދަމުންދާކަން ރައްޔިތުންނަށް ޔަގީންކަން ލިބިގެންފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކިނޮޅަހަކީ ތާރީހީ ރަށެއް ކަމަށާއި އެގޮތުން އިބުުނު ބަތޫތާގެ ފުރަތަމަ މަންޒިލަކީ އެ ރަށް ކަމަށެވެ. އަދި އެކަމުގެ ތާރީހީ ކަންކަން ކިނޮޅަހުގައިވެސް ފެންނާނެ ކަމަށާއި އެކަމާއެކު ރަށު ފަތުރުވެރިކަމަށް ކިނޮޅަސް ފައްކާވެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެއާއެކު ރައީސް ސޯލިހު ވަނީ ރަށު ފަތުުރުވެރިކަން ތަރައްގީ ކުރަން ލުއި ލޯނު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވަނީ ކިނޮޅަހުގެ ރައްޔިތުން އެންމެ ބޭނުމީ މަގުތައް ހަދަން ކަމަށާއި އެގޮތުން ތާރުއަޅާ އެންމެ ރަނގަޅު ފެންވަރަށް ކިނޮޅަހުގެ މަގުތައް ހަދައިދެއްވާނެ ކަމަށާއި ކައުންސިލް އިދާރާގެ އާ އިމާރާތާއި ސްކޫލް މަލްޓިޕާޕަސް ހޯލު އަޅައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ސިއްހީ މަރުކަޒު ބޮޑުކުރުމާއި އިންޑޯ ސްޕޯޓްސް ހޯލެއް އަޅުއްވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ކިނޮޅަހު ބަނދަރު ހުޅުވައިދިނުމާއި އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ ނިންމުން އިފްތިތާހު ކޮށްދެއްވުންގެ އިތުރުން ކިނޮޅަހު އިންޖީނުގެއާއި ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.