ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީއިން ކުރިއަށް ގެންދިޔަ ބަނދަރު ތަރައްގީ ކުރުމުގެ އެ މަޝްރޫއަކީ 46.55 މިލިއަން ރުފިޔާއަގެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން 31,726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި 15,252 ކިއުބިކްމީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި ހާބާ ބޭސިން ފުންކުރުމާއި 1,920 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރުފުންކުރުމުގެ އިތުރުން 6,100 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދު ފުންކޮށްފައިވެއެވެ.

186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުމާއި 172.30 މީޓަރުގެ ސަރަހައްދެއްގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމާއި 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 130 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. މީގެ އިތުރުން 1،884 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބީކަން ހަރުކުރުމާއި މޫރިން ބްލޮކްސް ހަރުކުރުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ނިންމާފައިވާއިރު އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީއިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.