އެމެރިކާގެ ޓެކްސަސްގައި ރައްޓެހިވެގެން އުޅުނު ދެ ލޯބިވެރިން ވަކިވުމާއެކު، އަންހެން މީހާގެ ބަރަހަނާ ފޮޓޯތައް ފިރިހެން މީހާ ލީކު ކުރި މައްސަލައިގައި 1.2 ބިލިއަން ޑޮލަރު ދައްކަން ޖެހިއްޖެއެވެ.

މިއީ ބަރަހަނާ ފޮޓޯތަކެއްގެ މައްސަލައިގައި މިހާބޮޑު އަދަދެއް ދައްކަން ހުކުމެއް އައި ފުރަތަމަ ފަހަރަށް ވާއިރު، ފިރިހެން މީހާ ކުށްވެރިވާކަމަށް ޓެކްސަސްގެ ކޯޓުން ކަނޑައެޅީ، އަންހެން މީހާގެ ހުއްދައެއް ނެތި އޭނާގެ ބަރަހަނާ ފޮޓޯތައް ޕޯން ސައިޓުތަކުގައި ލީކް ކުރުމުގެ އިތުރުން އަންހެން މީހާގެ އާއިލާ އާއި ރައްޓެހިންނަށް ލިންކު ފޮނުވާ ހަދާފައިވާތީއެވެ.

އެ މައްސަލަގައި ފަނޑިޔާރުން ބުނީ، އަންހެން މީހާގެ ގެއްލުނު އަބުރު އަނބުރާ ނުލިބުނަސް އެއީ އޭނާއާ މެދު ފިރިހެން މީހާ ހިންގާފައިވާ ޖިންސީ ގޯނާއެއްކަން އާންމުކޮށް އެނގިގެން ދާނެ ކަމަށެވެ.

މި މައްސަލައިގައި އަންހެން މީހާގެ ލޯޔަރުން ފުރަތަމަ އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ޑޮލަރު ނަގައިދޭން ނަމަވެސް، ފަނޑިޔާރުން ނިންމީ، އަންހެން މީހާއަށް ދިމާވި ނަފްސާނީ ހާލަތާއި އަދި ކުރިއަށް އޮތްތަނުގައި ތަހަންމަލް ކުރަންޖެހޭނެ ނަފްސާނީ ހާލަތުގެ ގެއްލުމުގެ ގޮތުގައި 200 މިލިއަން ޑޮލަރާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 ބިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށެވެ. މިއާއެކު ޖުމްލަ ދައްކަން ޖެހޭ އަދަދަކީ 1.2 ބިލިއަން ޑޮލަރެވެ.

އެ އަންހެން މީހާ އާއި ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅުނީ 2016 ގައެވެ. އޭރުންސުރެ ދެމީހުން އެކުގައި އުޅެމުން ދިޔަ އިރު އާއި އެކިއެކި ދުވަސްމަތިން ގައިގޯޅި މަންޒަރުތަކާއި ބަރަހަނާ ފޮޓޯތައް ނަގާފައި ވެއެވެ. އަދި އަންހެން މީހާ ވަނީ ބައެއް ފޮޓޯ ފިރިހެން މީހާއަށް ފޮނުވާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ތުހުމަތު ކުރި ގޮތުގައި، އަންހެން މީހާގެ ފޯނާއި، ސޯޝަލްމީޑިއާގެ ބައެއް އެކައުންޓްތަކުގެ އެކްސެސް [ޕާސްވޯޑް" ފިރިހެން މީހާއަށް އެނގުމުގެ އިތުރުން އަންހެން މީހާގެ ގޭގައި ހުރި ސެކިއުރިޓީ ކެމެރާތަކަށް ވެސް ފިރިހެން މީހާ އެކްސެސް ވެއެވެ. އަދި އޭގެ އެހީގައި އަންހެން މީހާއަށް ފާރަލުމުގެ މަސައްކަތްވެސް ފިރިހެން މީހާ ކޮށްފައި ވެއެވެ.

މީގެ ކުރިންވެސް ބަރަހަނާ ފޮޓޯ އާއި ވީޑިއޯ މައްސަލައިގައި އެމެރިކާގައި މިފަދަ ހުކުމްތައް އައިސްފައި ވެއެވެ. އެގޮތުން 2018 ވަނަ އަހަރު ކެލިފޯނިއާ އަންހެނަކަށް ކޯޓުން ވަނީ 6.8 މިލިއަން ޑޮލަރުގެ ބަދަލެއް ނަގައިދީފައެވެ.

ބަދަލު ހިފުމަށް ހިންގާ މިފަދަ [ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކު ކުރުން] އެމެރިކާގައި ގިނަ އިރު ހިސާބުތައް ދައްކާ ގޮތުން 2016 ގައި 10 މިލިއަން މީހުން މިފަދަ މައްސަލަތައް ރިޕޯޓް ކޮށްފައި ވެއެވެ.

އެ އެންމެންނަކީވެސް އުމުރުން 18-19 އަހަރާ ދެމެދުގެ އަންހެނުން ކަމަށް ވެސް ރިޕޯޓްތަކުން ދައްކައެވެ.

އެެމެރިކާގެ 2 ސިޓީއެއް ފިޔަވައި ހުރިހާ ތަނެއްގައި އެންޓި ރިވެންޖް ޕޯން [ބަދަލު ހިފުމަށް ބަރަހަނާ މަންޒަރުތައް ބޭނުން ކުރުން މަނާ ކުރާ] ގާނޫނު އޮވެއެވެ.