ޖައިޕްރަކާޝް ޗައުދަރީ އަކީ އިންޑިއާގެ ކުޑަ އަވަށެއްކަމުގައިވާ ބާމާ ވިލެޖް ބޯ ޗަރަނާންއަށް އުފަން ޒުވާނެކެވެ. އޭނާގެ ބައްޕައަކީ އާދައިގެ މަސައްކަތު މީހެއް ނަމަވެސް އެ ބައްޕަގެ ހުރިހާ އެއްޗެއް ގުރުބާންކުރީ ޖައިޕްރަކާޝްއަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމަށެވެ. އޭނާ ޑޮކްޓަރަކަށް ހެދުމަށްޓަކައި އެ ބައްޕަގެ ހުރިހާ ވަގުތެއް ގުރުބާންކުރިއެވެ.
އެ ބައްޕަގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ޖައިޕްރަކާޝްވެސް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އުމުރުން އެންމެ 20 އަހަރުގެ އެ ޒުވާނާ ސަރުކާރުގެ މެޑިކަލް ކޮލެޖަށް ވަނުމަށް މޮޅަށް ކިޔެވިއެވެ. މީގެ ދެ އަހަރު ކުރިން ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް (އަންޑަގްރެޖުއޭޓް) އިން 720 އިން 686 މާކްސް ހާސިލްކޮށްގެން ބީޖޭ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުން ޖާގަ ހޯދިއެވެ.
އެހެންނަމަވެސް ތަގުދީރުގައިވަނީ މުޅިން އެހެން ޕްލޭނެކެވެ. މިދިޔަ ބުރާސްފަތި ދުވަހު އެއާއިންޑިއާ ބޯޓު ވެއްޓުނު ހާދިސާގައި ޖައިޕްރަކާޝް މަރުވީ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. ބުރާސްފަތި ދުވަހު އިންޑިއާގެ އަހްމަދުއާބާދުން، ލަންޑަނަށް ދަތުރު ކުރި މަތިންތާ ބޯޓު ފުރިތާ މާގިނައިރުތަކެއް ނުވެ 242 ފަސިންޖަރުންނާ އެކު ވެއްޓުނީ ބީޖޭ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލަށެވެ. އެ ބޯޓުގައި ތިބި 241 ފަސިންޖަރުންނާއި، ހޮސްޓެލްގައި ތިބި ފަސް މީހަކު މި ހާދިސާގައި މަރުވިއިރު އޭގެ ތެރޭގައި ޖައިޕްރަކާޝްވެސް ހިމެނެއެވެ. މެޑިކަލް ހަތަރު ދަރިވަރުންނާ، ޑޮކްޓަރެއްގެ އަނބިމީހާ މަރުވި މި ހާދިސާ ހިނގި ވަގުތު އެ އެންމެން ވެސް ތިބީ ހޮސްޓެލްގެ ދެވަނަ ފަންގިފިލާގެ ކާ ކޮޓަރީގައެވެ.
މި ހާދިސާ ހިނގި ވަގުތަކީ މެންދުރުގެ ކެއުން ނިންމާލުމަށްފަހު ޖައިޕްރަކާޝް އަތް ދޮންނަން ދިޔަ ވަގުތެވެ. އެސްފިޔަޖަހާލާހާ ކުޑަ ހިދުކޮޅެއްގެ ތެރޭގައި ބޯޓު އެ ބީޖޭ މެޑިކަލް ކޮލެޖްގެ މައްޗަށް ވެއްޓުނު އިރު ޖައިޕްރަކާޝް އަށް ސަލާމަތްވާނެ އެއްވެސް ފުރުސަތެއް ނުލިބުނެވެ. ބޯޓު ވެއްޓުމާއެކު ބޮޑު އަލިފާންގަނޑެއް ރޯވިއިރު، މި ހާދިސާގައި ޖައިޕްރަކާޝްގެ ހަށިގަނޑުގެ 30 އިންސައްތަ ވަނީ އަދާފައެވެ.
މި ހާދިސާއާއި އެކު ޖައިޕްރަކާޝްގެ މަންމަ އާއި ބައްޕަގެ އިތުރުން ކޮއްކޮއަށް ލިބިފައިވާ ހިތާމަ ވަރަށް ބޮޑެވެ. މިދިޔަ ހުކުރު ދުވަހު ޖައިޕްރަކާޝްގެ ހަށިގަނޑު އޭނާގެ ވިލެޖަށް ގެންގޮސްފައިވާއިރު، އޭނާއަކީ މުޅި އެ ވިލެޖުގެ އުއްމީދާއި ގުޅިފައިވާ ޒުވާނެކެވެ. އެ ވިލެޖުގެ ފުރަތަމަ ޑޮކްޓަރެއްގެ ލަގަބާއެކު ގައުމަށް ހިދުމަތް ކުރުމަށް ތައްޔާރުވަމުން ދިޔަ މައިންބަފައިންގެ ދިރިއުޅުމުގެ އެއްބައެވެ. ޖައިޕްރަކާޝްގެ ކުއްލި ވަކިވުމާއި އެކު އެ އާއިލާއާއި މުޅި އެ ވިލެޖު ވަނީ ހަމަހިމޭންވެފައެވެ. މުސްކުޅި މައިންބަފައިން މުސްތަގުބަލަށް ކުރަމުން ދިޔަ އުއްމީދުތައް ގެއްލިފައިވާއިރު، މިއީ މުޅި އެ ވިލެޖަށް ލިބުނު ބޮޑު ހިތްދަތިކަމެއްކަން ޔަގީނެވެ.