ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މަރުހޫމް ޝެއިހް އިބްރާހީމް ފަރީދު، އޭނާގެ ދަރިފުޅު އަބްދުﷲ ފަރީދު (އަބޯ) އަށް ފޮނުއްވި ފަހު މެސެޖަކީ ކާފަ ދަރިފުޅުގެ ފޮޓޯއަކަށް ފޮނުއްވި ރިޕްލައި މެސެޖެވެ. އެ މެސެޖުގައި ލިޔުއްވާފައި ވަނީ "ما شاء الله تبارك الله ކާފަގެ ލޯބި..!" މިހެންނެވެ. ބައްޕަގެ ހަނދާން އާކޮށް އަބޯ ފޭސްބުކްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އެއީ އޭނާގެ ބައްޕަގެ ފަހު މެސެޖް ކަމަށެވެ.
އެ މެސެޖް ފަރީދު ފޮނުއްވާފައި ވަނީ އަބޯ މި މަހުގެ 8 ވަނަ ދުވަހު ވައިބާ އިން އޭނާގެ ބައްޕައަށް ހިއްސާ ކުރި އޭނާގެ ދަރިފުޅުގެ ފޮޓޯއަކަށް ދެއްވި ރިޕްލައިއެއްގައެވެ. އެ ދުވަހުގެ 6:58 ގައި ފަރީދު ފޮނުއްވި މި މެސެޖަކީ އެންމެ ފަހުން އަބޯއަށް ލިބުނު އޭނާގެ ބައްޕަގެ މެސެޖެވެ.
އަބޯ ބުނީ، ހާލަތު ދިމާ ކުރިގޮތުން މިއަދު ބައްޕަ ވަކިވެގެން އެ ދިޔައީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނި، ނަމަވެސް އުރާލާ ބޮސްދީ ހަދާލަން ފުރުސަތު ނުލިބި ކަމަށެވެ. ވިއްސާ ކޮޓަރިން އެ ތުއްްތު ދަރިފުޅު ނެރުނު ވަގުތު ބައްޕަ ހުންނެވީ އޭނާގެ ގާތުގައި ކަމަށާއި އެ ވަގުތަކީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު ހަމަ ލޮލަށް ފެނުނު ފުރަތަމަ އަދި ފަހު ފަހަރު ކަމަށް އަބޯ ބުންޏެވެ.
ހޮސްޕިޓަލުން އެ ކުއްޖާ ދޫކޮށްލި އިރު ފަރީދު ވަނީ ދީނީ ދައުވަތުގެ މަސަތްކަތެއްގައި ފުރާ ވަޑައިންނަވަން ޖެހިފައެވެ. އެ ވަގުތުން ފެށިގެން އިންތިޒާރު ކުރަމުން އައީ ބައްޕަ އާއި ބައްދަލުވެ "ކާފަގެ ލޯބި" އުރާލަން ދެވޭނެ ފުރުސަތަކަށް ކަމަށް އަބޯ ބުނެއެވެ. ނަމަވެސް ލިބުނީ މަންމަގެ އަސަރުގަދަ ފޯނު ކޯލެކެވެ. މަންމަ ގިސްލަމުން އެދުނީ ބައްޕަގެ ހަބަރެއް ބަލައި ދިނުމަށް ކަމަށް އަބޯ ބުންޏެވެ.
އަދި ވަގުތުން ބައްޕައާއެކު ދަތުރު ކުރި ހިދުމަތް ޖަމްއިއްޔާގެ އިސްވެރިއަކަށް ގުޅި ކަމަށާއި އެ ވަގުތު ކަންފަތުގައި ޖެހުނީ ބައްޕައަށް އަވަސް ފަރުވާދޭ މެށިނުތަކުގެ އަޑުތައް ކަމަށް އަބޯ ބުންޏެވެ. އެއަށްފަހު އިވުނީ ބައްޕަ އަވަހާރަވެއްޖެ ކަމުގެ ހިތާމަވެރި ހަބަރު ކަމަށް އަބޯ ބުންޏެވެ.
ދުނިޔޭގައި ބައްޕަ ހުންނެވި އިރު ދެއްވި ހެޔޮ ނަސޭހަތް ހިތުން ފިލައިގެން ނުދާނެ ކަމަށާއި ބައްޕަ ފަހުރުވެރިވާ ފަދަ ސޯލިހް ދަރިއަކަށްވެ އެ ގޮތުގައި ހުންނާނެ ކަމަށް އަބޯ ބުންޏެވެ. އަދި އޭނާގެ ދަރިފުޅަށް ދޭން އޮތް ތަރުބިއްޔަތަކީ އޭނާއަށް ބައްޕަ ދެއްވި ތަރުބިއްޔަތު ކަމަށް އަބޯ ބުނެއެވެ. ދުއާ އަކީ ބައްޕަގެ ފާފަ ފުއްސަވާ، ކައްވަޅުގެ އަޒާބުން މިންޖު ކުރައްވާ، އަދި ބައްޕަގެ ލޯބިވާ ކާފަ ދަރިފުޅާ ޖަންނަތުލް ފިރްދައުސް އިން ބައްދަލްވުން ކަމަށް އަބޯ ބުނެއެވެ.
ޝެއިހް ފަރީދު އަވަހާރަވީ ހިދުމަތް ޖަމިއްޔާގެ ޓީމާއެކު މެލޭޝިއާއަށް ވަޑައިގަތްތަނާ، މެލޭޝިއާ އެއާޕޯޓުގައި ހުންނަވަނިކޮށް ވެއްޓިގެން ނޭވާ ލާން އުނދަގޫވެގެން ފަރުވާ ދެމުން ދަނިކޮށެވެ. އާއިލާގެ ފަރާތުން ފަރީދުގެ ހަށިގަނޑު ރާއްޖެ ގެނައުމަށް މަސައްކަތް ކުރި ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ޖެހުމުން ހަށިގަނޑު ރާއްޖެ ނުގެނެސް މެލޭޝިއާގައި ޖަނާޒާ ބާއްވަން ވަނީ ނިންމާފައެވެ.