ގުދުރަތީ ގޮތުން އިސްތަށިގަނޑު ވަރުގަދަކޮށް ދިގުކުރުމަށް އަގުބޮޑު ސީރަމްތަކަށް ބޮޑު ހަރަދެއް ކުރަން ނުޖެހެއެވެ. އެމީހަކު އެންމެ ގަޔާވާ އިސްތަށިގަނޑުގެ ތެލަށް ގުދުރަތީ މާއްދާތައް އަމިއްލައަށް އިތުރުކޮށް ބޭނުންކޮށްލުމުންވެސް އިސްތަށިގަނޑަށް ހީނުކުރާ ވަރުގެ ފައިދާތައް ލިބި، އަވަހަށް ރަނގަޅު ބަދަލެއް ފެނިގެން ދެއެވެ. މި ކިޔައިދެނީ އިސްތަށިގަނޑު ވަރުގަދަކުރުމަށް ފަސޭހަކަމާއެކު ބޭނުންކޮށްލެވޭނެ، އާންމު ދިރިއުޅުމުގައިވެސް ބޭނުންކުރާ ބައެއް ތަކެތީގެ ވާހަކައެވެ.

ހިކަނދިފަތް

- ހިކަނދި ފަތަކީ ބޮލުން އިސްތަށި ފޭބުން ހުއްޓުވައި، އިސްތަށިގަނޑު ވަރުގަދަ ކުރުމަށް އެންމެ ބޭނުންވާ ބީޓާ ކެރޮޓީނާ އާއި ޕްރޮޓީން ގިނަ އަދަދަކަށް ހިމެނޭ އެއްޗެކެވެ. ހިކަނދިފަތުގައި ހިމެނޭ ނިއުޓްރިއެންޓްސްތަކުގެ ސަބަބުން ބޮލުގައި ހަންފޮޅުމާއި، ބޯ ހިރުވުމާއި އަދި ޑްރައިވުމުން ސަލާމަތްކޮށްދެއެވެ.

ހިކަނދި ފަތް، ކާށި ތެޔޮ ނުވަތަ އަލްމަންޑް ތެލުގެ ތެރެއަށް އެޅުމަށްފަހު 1 ގަޑިއިރު ވަންދެން ބަހައްޓާށެވެ. އެއަށްފަހު ހިކަނދި ފަތް ރަނގަޅަށް ފުނޑާ ހިމުންކޮށް ޕޭސްޓެއް ތައްޔާރުކުރާށެވެ. އިސްތަށިގަނޑު ވަރުގަދަކޮށް އަވަހަށް ދިގުކުރަން ބޭނުންވާ މީހުން މިޕޭސްޓް ހަފްތާއަކު އެއް ދުވަހު ބޮލުގެ އިސްތަށިގަނޑުގެ ބުޑުން ފެށިގެން ރަނގަޅަށް އުގުޅާލާށެވެ.

އޯބަތް

- އޯބަތަކީ ޕްރޮޓީން، ވިޓަމިން ސީ، ފޮލިކް އެސިޑް، އަދި ދަގަނޑުގެ ބައިތަކުން މުއްސަނދިވެފައިވާ އަދި ފަސޭހައިން ލިބޭނެ އެއްޗެކެވެ. އޯބަތަކީ އިސްތަށިގަނޑު ތުނިވުން ހުއްޓުވައި، ބޮލުގެ އިސްތަށިގަނޑަށް ބޭނުންވާ ކާނާ ލިބުމަށް ބޮޑު އެހީއެއް ވެދޭނެ އެއްޗެކެވެ. މީގެ އިތުރުން އޯބަތަކީ އާ އިސްތަށިތައް ފެެޅުވުމަށާއި ބޮލުން ހަންފޮޮޅުން ހުއްޓުވައި އިސްތަށި ފޭބުންވެސް ހުއްޓުވުމަށް އެހީއެކެވެ،

އެއް ރޭ ވަންދެން ދެ ސައިސަމުސާ އޯބަތް ފެނަށް އަޅާފައި ބަހައްޓާށެވެ. އަދި އާންމުކޮށް ބޭނުންކުރާ ތެލާއެކު މިކްސްކޮށްލާށެވެ. މި ތެޔޮ އިސްތަށިގަނޑާ، ބޮލުގެ ނާށިގަނޑުގައި އުނގުޅައި މަސާޖުކުރާށެވެ. އަދި 1 ނުވަތަ 2 ގަޑިއިރު ވަންދެން ތެޔޮލުމަށްފަހު އިސްތަށިގަނޑު ބެހެއްޓުމަށްފަހު އިސްތަށިގަނޑު ދޮވެލާށެވެ.

ފިޔާ

- ފިޔާ ޖޫހަކީވެސް އިސްތަށިގަނޑަށް ރަނގަޅު ފަރުވާއެކެވެ. ފިޔާއިން ހަމުގެ ސެލްތައް އުފެއްދުމާއި، އިސްތަށިގަނޑު ދިގުވުމަށް އެހީތެރިވެދޭ ކޮލާޖަން އުފައްދައިދެއެވެ. ފިޔާ ޖޫހަކީ އިސްތަށިގަނޑުން މީރުވަސް ދުވާއެއްޗަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ފިޔާގައި އިސްތަށިގަނޑު ހެދިބޮޑުވުމަށް ބާރުއަޅާ މާއްދާތަކެއް އެކުލެވިގެންވެއެވެ. ފިޔާއަކީ ޑައިޓޭރިއަން ސަލްފާ ގިނައިން އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ފިޔާ ޖޫސް އިސްތަށިގަނޑުގައި އުނގުޅުމުން އިސްތަށިގަނޑު ހެދިބޮޑުވެ، އިސްތަށިގަނޑު ވަރުގަދަވެ، އިސްތަށިގަނޑުގައި ހަންފޮޅުމާއި، އިސްތަށި ފޭބުމުން ރައްކާތެރިކޮށްދެއެވެ.

ކުޑަ އެއް ފިޔާ މިކްސްޗަރަށް އަޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު ކާށި ތެޔޮ، ނޫނީ އޮލިވް އޮއިލް އާއި މިކްސްކޮށްލާށެވެ. މި ތެޔޮ އިސްތަށިގަނޑާ، ބޮލުގެ ނާށިގަނޑުގައި އުނގުޅުމަށްފަހު ރަނގަޅަށް މަސާޖުކޮށްލާށެވެ. ބޭނުންނަމަ އެއް ގަޑިއިރު ފަހުންވެސް އިސްތަށިގަނޑު ދޮވެވިދާނެއެވެެ. އެހެންނަމަވެސް އެއް ރޭ ވަންދެން ބެހެއްޓުމަށްފަހު، ފަހު ދުވަހު ދޮވެލުމުންވެސް އެކަމުގެ ފައިދާކުރާނެއެވެ. މިކަން ހަފްތާއަކު 2 ނުވަތަ 3 ފަހަރުކޮށްލުމުން އެދެވޭ ހޮޔަ ބަދަލު ފެނި އިސްތަށިގަނޑު ވަރުގަދަވެގެން ދާނެއެވެ.

ފޭރު ފަތް

- ފޭރުފަތުގައި ތަފާތު އެކިކަހަލަ ވިޓަމިން ތަކާއި ނިއުޓްރިއެންޓުތައް ހިމެނޭއިރު މިއީ އިސްތަށިގަނޑަށް ގިނަ ފައިދާތައް ލިބިދޭ ފަތެކެވެ. ކޮންމެ ދުވަހަކު ކައްކާފައި ހުންނަ ފޭރު ފެނުން އިސްތަށިގަނޑު ދޮންނަ ނަމަ ބޮލުގެ ހަންގަނޑުގައި ހުންނަ ޖަރާސީމުތައް މަރުވެއެވެ. ފޭރު ފަތުގައި ހިމެނޭ ވިޓަމިން ސީ ގެ ސަބަބުން ކޮލަޖެން އުފައްދާ މިންވަރު އިތުރުވެއެވެ. އަދި އޭގެ ސަބަބުން އިސްތަށިގަނޑު ވަރުގަދަ ވެއެވެ. ގަވާއިދުން ފޭރު ފަތުން އިސްތަށިގަނޑު ދޮންނަ ނަމަ އިސްތަށިފެޅުން ގިނަވެ، އިސްތަށިގަނޑު ވަރުގަދަކޮށްދީ އިސްތާސިގަނޑު ހަލާކުވެ، އިސްތަށި ފޭބުން ހުއްޓުވާދެއެެވެ.