"ހުރިހާ ކުދިންވެސް އުއްމައެއް ދިންދޯ ކުޑަބެއަށް."

ކޮލަށް އިޝާރާތް ކޮށްލަމުން ތޮލާލު ޖެއްސުމުގެ ނަޒަރަކުން ބަލާލީ އަހަރެންގެ މޫނަށެވެ. މިސްކު ތޮލާލުގެ ކޮލަށް ދޮނެއް ދޭން ގިނަ އިރެއް ނުނެގިއެވެ. ދެލޯ ބޮޑުކޮށްގެން އެމަންޒަރު ބަލަން އަހަރެންނަށް ހުރެވުނީ ރުޅިއައިސްގެން ދަތްވިކިފައެވެ. ހިނިއައިސްފައި ހުރި ތޮލާލު މިސްކު ދޫކޮށްލުމަށްފަހު ފޯނު ނަގަމުން އަހަރެންގެ ފޯނަށް މެސެޖެއް ފޮނުވާލިއެވެ. މިސްކު ގޮވައިގެން ބާރަށް ހިނގާފައިގޮސް އަހަރެން ކޮޓަރިއަށް ވަނީމެވެ.

"ހުވާ މިބުނީ ކުރިއަށް ވުރެން ދޫނި މިހާރު މާ ލޯބި. ދޫކޮށްލެވުނު މޮޔަ ހީވޭ މިހާރު."

މެސެޖު ފެނުމުން އިތުރަށް އަހަރެންނަށް އަހަރެންގެ ނަފްސު ހިފަހައްޓައިގެން ނުހުރެވުނެވެ. އަހަރެންނަށް ފޯނު ހޫރާލެވުނީ ފާރާ ދިމާލަށެވެ. އަހަރެންގެ އެ އަމަލުން މިސްކު ވަރަށް ބޮޑަށް ސިހުނެވެ. އަހަރެންގެ މޫނަށް މިސްކު ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އަހަރެންނަށް މަޖުބޫރުވީ ހަމަޖެހިލާށެވެ.

"މިއީ ކޮންކަމެއް؟"

ނަޒީފް ކޮޓަރިއަށް ވަނީ އަހަރެން މިސްކު ގެނެސް ގައިގައި ލައްކޮށްލި ވަގުތުއެވެ. އަހަރެން ފޯނަށް ހެދިގޮތް މިސްކު އަތުގެ އިޝާރާތުން ނަޒީފަށް ކިޔާލަދޭން ނެގީ ހިނދުކޮޅެކެވެ.

"ތެދެއް. އެހާ ރުޅިއެއް އަންނަވަރުގެ ކަމެއް މިހާރު ވެއްޖެތަ؟"

ނަޒީފަށް ލިބުނު ހައިރާން ކަމާއެކު ސުވާލުކޮށްލިއެވެ. އެސުވާލަށް ދޭނެ އެއްވެސް ޖަވާބެއް އަހަރެން ދުލަކު ނެތެވެ.

"ތުއްތަބެ މިއަދު ތުއްތައަށް ހަދިޔާއަކަށް ދިނީ އައި ފޯނެއް."

އަހަރެން ވާހަކައެއް ހަނދާލީމެވެ. ޝަނާއަށް މިއަދު އާ ފޯނެއް ލިބުނުކަން އެންމެނަށްވެސް އެނގެއެވެ. ނަމަނަސް އާ ފޯނެއް ބޭނުން ވެގެން އަހަރެން ފޯނު ހަލާކު ނުކުރާނެކަން ނަޒީފަށް މާ ރަނގަޅަށް އެނގެއެވެ. އަހަރެން ހެދީ ދޮގުކަން ނަޒީފަށް އެނގުނަމަވެސް މިސްކު ހީނގަތީ އަހަރެން މީ މޮޔައެކޭ ބުނަމުންނެވެ. ވެގެން އުޅޭގޮތެއް ކިޔައިދެން އަހަރެން ފަސް ޖެހޭތީ ނަޒީފް މާ ވަރަކުން އަހަންނާ ސުވާލުކޮށް ނަހަދައެވެ. ނަމަވެސް ދަތުރަށް ފުރުމުގެ ކުރިން އަހަރެންނަށް ފޯނެއް ހޯދައި ދިނެވެ. އާއިލާ ބޮޑުވުމާއިއެކު ގެންދަން ޖެހުނު އެއްޗެހި ގިނަކަމުން އަހަރެމެން ދަތުރަށް ފުރީ ދޯންޏެއްގައެވެ. ވިއްސަކަށް މިނެޓް ތެރޭ ދޯނި ފަހަލަ ތުނޑިއަށް ބަދަރުކޮށްފިއެވެ.

"ތެމިގެން ރަށަށް އެރޭނީ. ތެމެން ބޭނުން ނުވާ މީހަކު ދޮންބެ ކޮނޑަށް އަރާ."

ނަޒީފް ދޯނިން ފައިބަމުން ގޮވާލިއެވެ. ނަޒީފްގެ އުނަގަނޑާ ހަމައަށް ފެން ހުރުމުން އެންމެ ފުރަތަމަ ނަޒީފްގެ ކޮނޑަށް އެރީ ރީނާއެވެ. ރީނާ ގޮވައިގެން އެއްގަމަށް އެރުމުގެ ބަދަލު ނަޒީފް ދިޔައީ ހުރިދިމާލަށް އަޑިއަށެވެ. ރީނާގެ ހަޅޭކާ އެންމެންގެ ބާރު ހުނުމުގެ އަޑު ދިޔައީ އެކުވެގެންނެވެ.

"ދެންވެސް ކިލޯއެއް މަދުވޭތޯ ދުވަން ދޭބަލަ. ކިރިޔާނު ދޮންބެ ބިންދައިގެން ނުދިޔައީ"

ނަޒީފް ތެދުވެ ޓީޝާޓް ބޭލުމަށްފަހު ދޯނި ތެރެއަށް ޓީޝާޓް އެއްލާލިއެވެ. ރީނާ ރޮމުން ތަޅައިގަތީ ނަޒީފް ގައިގައެވެ.

"މިސްކު އާދޭ"

ނަޒީފް ގޮވާލުމުން ހެމުން މިސްކު ދެފަރާތަށް ބޯ ހޫރުވަމުން އަތް ހޫރުވަން ފަށައިފިއެވެ.

"މަ ގެންދޭ. ތެއްމާނުލާތީ."

"އަވަހަށް އާދޭ. މަންމާ ނުބަލާތި މިކޮޅު."

އަހަރެން ގާތަށް ޖެހިލުމުން ނަޒީފް އަހަރެން އުރާލައިގެން އެއްގަމަށް ހިނގައިގެންފިއެވެ. ލަދުން ފާތިމާ މޫނު އަނބުރާލިއިރު ތޮލާލުވެސް މޫނު އަނބުރާލީ އަނެއްފަރާތަށެވެ. އޭރު އެހެން މީހުން ތުބުން ފުމެ ހީނ އަތްޖަހަނީއެވެ. ކުދިންތަށް ރަށަށް ފޭބީ އެކުދިންގެ ބައްޕަމެންގެ ކޮނޑަށް އަރައިގެނެވެ. ނަމަވެސް ނަޒީފް ކޮނޑަށް އަރަން މިސްކު ބޭނުމެއްނުވިއެވެ. އެންމެފަހު މީހާއާ ޖެހެންދެންވެސް ދޯނި ތެރޭގައި ހޭން މިސްކު އިނީއެވެ.

"ދެން އާދޭ. ބައްޕި ނޫޅެން މިސްކު ތެއްމާލަން."

ނަޒީފް އަންނާށޭ ގޮވި ވަރަކަށް މިސްކު ހެމުން ދުރަށް ޖެހުނެވެ. އެދަނޑިވަޅުގެ ފައިދާ ނެގުމަށް ތޮލާލު ހިނގައިގަތީ އެދިމާލަށެވެ.

"ކުޑަބެ ގެންގޮސް ދޭނަން. އާދޭ މިކޮޅަށް."

ދޯންޏާ ކައިރިއަށް ލެފުމާއި އެކު ތޮލާލުގެ ކޮނޑަށް މިސްކު އަރައިފިއެވެ. އަހަރެންނެކޭ އެއްފަދައިން ނަޒީފްގެ މޫނުމަތީގެ ކުލަވަރުވެސް ދިޔައީ ބަދަލުވެގެންނެވެ. ފާތިމާއަށް ވެސް އެމަންޒަރު ކަމަކު ނުދިޔައެވެ. މިސްކު ގައިގަ ތޮލާލު އިނގިލީ ކުރި ޖައްސާލަންވެސް ނަޒީފް ބޭނުން ނުވާކަން އަހަންނަށް އެނގެއެވެ. ތޮލާލުގެ ކޮނޑުގައި މިސްކު ގެންގޮސް ބެހެއްޓީ ދޮންވެލި ފިނޮޅުމަތީގައެވެ.

"ކުޑަބެ ހާދަ ތަފާތޭ މިހާރު. މީ މަށަށް ފެންނަ ހުވަފެނެއްތަ.؟"

އާޝިއާއަށް ބަހެއް ނުބުނެ ނުހުރެވުނެވެ.

"ދޯ.؟ މަވެސް މިހުންނަނީ މުޅިން ހައިރާންވެފަ. މިއީ މީގެ ކުރިން ގޭދޮށުން ފެންނަވެސް މީހެއް ނޫނޭ. އަހަރެމެންނާ އެކު ދަތުރު އައުމަކީ އަދި މާ ފަހެއްގެ ކަމެއްނު. ކުދިންދެކެ ވެސް އަމަށަކު ލޯތްބެއް ނޫން މިއަދު އެވަނީ."

ރީނާވެސް އާޝިއާ އާ ވިއްދައި ތޮލާލާ ދިމާކުރަން ފަށައިފިއެވެ.

"މިއީ އަހަރެމެންނާއި އެކު ކުޑަބެ ދައްތަވެސް ދަތުރު އައި ފުރަތަމަ ފަހަރު. މި ދެމީހުން ސުލްހަ ވަނީ ތޯއްޗެއް.!"

ޝަނާ ހެމުން ތޮލާލު ކޮނޑުގައި ޖަހާލިއެވެ. ޒާހިޔާ ތުން އަނބުރާލަމުން ހިނގައިގަތީ ދުރަށެވެ. ނަޒީފް އަހަރެން އަތުހިފާލަމުން އެންމެނާ ދުރައށްޖެހިލީ އެމީހުން އެމަޖާކުރުން ގަނޑެެއްގައި ހީނ ހަދަން ތިއްބައެވެ.

"މިސްކުއަށް އެކަހަލަ ކަންކަން ކިޔައިދޭ ވަރުވެއްޖެ މިހާރު. އެހެން ނޫނީ އަތް ދިއްކޮށްލާ ކޮންމެ މީހެއްގެ އަތުތެރެއަށް ވެސް މިސްކު ހީނލާފަ ވަންނާނެ!"

"އަބަދުވެސް ކިޔައިދެން. އެކަމަކު ހުރިހާ ކުދިންވެސް ކުޑަބެ އުނގަށް އެރި އުޅޭތަން ފެންނާތީ ކަންނޭނގެ އެހެން އެވީ."

އަހަރެން އަވަސް އަވަހަށް ޖަވާބު ދިނީމެވެ.

"އެކަމަކު އަހަރެން އިތުބާރު ކުރާ މީހެއް ނޫން އެއީކީ. ފުލުހުންގެ ވަޒީފާ ދޫކޮށްލާފަ އަހަރެން މާލެ ބަދަލުވާން ޖެހުނީ އޭނަގެ ޖާހިލު އުޅުމުގެ ސަބަބުން. މިސްކު އޭނައާ އަނގައިން ބުނަންވެސް އަހަރެން ހިތްހަމައެއް ނުޖެހޭ. އޭނަގެ ބާރަ މައްސަލަ މިހާރުވެސް އެބަ ހިނގާ. ދުވަހަކުވެސް ކުރި ކުށަކަށް އެއްބަސް ވެފައެއް ނެތް."

ނަޒީފްގެ ވާހަކަތަކަށް އެއްވެސް ބަހެއް އަހަރެންނަކަށް ނުބުނެވުނެވެ. އަހަރެންގެ ބުރަކަށީގައި ފިރުމާލުމަށްފަހު ނަޒީފް ދިޔައީ ޓެންޓު ހަނދަންވީ ސަރަހައްދު ސާފުކުރަން ތިބި ރިލްވާންމެން ގާތަށެވެ. އަހަރެންނަށް ފަސްއެނބުރި ބަލާލެވުނީ ތުނޑިމަތީ މިނިވަން ދޫންޏެއްހެން ހީނ، ދުވެ ހަނދަމުން ދިޔަ މިސްކުއަށެވެ. އެއްކުއްޖަކު އަނެއް ކުއްޖަކު އަތުލައިގަތުމުން ހުރިހާ ކުދިން ދުވެ މަޖާކުރަމުން ދިޔައިރު މީކް ރޮއެ ހަޅޭލަވަމުން ދިޔައީ މޫދަށް އެރޭށެވެ. ޒާހިޔާ މީކް ހިފަހައްޓާ ނުލެވިގެން އުޅޭތަން ފެނުމުން އަހަންނަށް ތޮލާލް ކޮބައިތޯ ހޯދާލެވުނެވެ. ފާތިމާ އެންމެނާ ދުރަށް ތޮލާލު ގެންގޮސްގެން ވާހަކަ ތަކެއް ދައްކަން ހުރިތަން ފެނުމުން އަހަރެންގެ ހިތުގައި ޖަހާލީ އަވަސް ވިންދެކެވެ. އެދައްކަނީ ކޮން ވާހަކައެއްކަން އަހަންނަށް އެނގުންވި ކަހަލައެވެ. ފާތިމާއަށް ހުރިހާ ހަގީގަތެއް އެނގިއްޖެކަން ތޮލާލަށް އެނގިއްޖެނަމަ އޭނަ އަހަރެންނަށް ހަދާލަން ވަކި ގޮތެއް ނުބަލާނެއެވެ.

މާޒީގެ ހިތި އެހަނދާންތަކުގެ ތެރެއިން އަހަރެންގެ ހަނދާނާ ކުޅެލީ ތޮލާލު އަހަރެންގެ ބަނޑުމަތީ ކޮޅުފައިން ޖެހި ދުވަހެވެ. ފާތިމާ ދުރައްޖެހިލުމުން ތޮލާލު ފަސްއެނބުރި ބަލާލީ އަހަރެންގެ މޫނަށެވެ. އަހަރެންނާ ހަތަރު ކަޅި ހަމަވި ވަގުތު ތޮލާލު އަތް މުއްކަވާލިއެވެ. ބިރުން އަހަންނަށް ހިންދިރުވާލެވުނީ މޫނު އަނބުރާލަމުންނެވެ.

"ސެލްފީ ނަގަން ތިބީމަ މިރޭ ހުންނާނީ ކެވިފަ. އަހަރެމެނަށް ވެސް ކުރެވޭނީ ކޮންމެވެސް އެއްކަމެއް. ވަލަށް ދަރު ހޮވަންތަ އަހަރެމެން ދާންވީ. ނޫނީ ޓެންޓުތަ ޖަހަންވީ." ޝަނާގެ ފިރިމީހާ ވާހިދު ގޮވާލުމުން ހުރިހާ އަންހެން ވެރިން އެކުގައި ހީނގެންފިއެވެ. އޭރު މީކް ހައްދާލައިގެން ފާތިމާ ހުރިހާ ކުދިންނާ އެކުވެ ވެލިފުންޏެއް ޖަހަން ފަށައިފިއެވެ.

"އަހަރެމެންނަށް ތިކަމެއް ނުވާނެ. ތި ދެމީހުންވެސް އާދޭ ވަލަށް ދަރު ހޮވަން."

އަހަންނާ ޒާހިޔާއަށް ގޮވާލަމުން ޝަނާ އާއި ރީނާ އަދި އާޝިއާ ވަލަށް ވަނުމަށް ވަޅިތަށް ހިފައިގެން ހިނގައިގެންފިއެވެ.

"މީކް މޫދަށް އެރިދާނެ. މިގަނޑީ މޫދަށް އެރިއްޖެނަމަ ދެން އަންނާނީ ހުން. އަހަރެން މަޑުކޮށްލާނީ މިތާ."

ޒާހިޔާ އިށީނީ ކުދިން ފެންނަ ފަށުގައެވެ. ނަޒީފްއަށް ގޮވާލާ މިސްކު ދައްކާލުމަށްފަހު އަހަރެން އާޝިއާ މެންނާއިއެކު ގޮސް ވަލަށް ވަނީމެވެ. ހޯލިދަރާ ފުޅަތްޕާ ހޮވާ ކިހިލި ޖަހަމުން އަހަރެންނަށް ދެވުނީ ވަކި ހިސާބަކަށެވެ. ފަހަތުން އައިސް ތޮލާލު އަހަންނާ އަރާ ހަމަކުރިއެވެ. އޭރު އަހަރުމެން ހަތަރު މީހުން ފެންނަ ފަށުގައި ހުރި ނަމަވެސް ތިބީ އެކެއް އަނިކަކާ މާ ކައިރިއަކު ނޫނެވެ. މީހަކަށް ތޮލާލު ނުފެންނަނީސް އަހަރެން އަތުގައި ބާރަށް ހިފަމުން ތޮލާލު އެތަނުގައި ހުރި ބޯކަށިކެޔޮ ގަސްފީންޏަކާ ނިވާ ވެއްޖެއެވެ.

"އައްދިއްޔޯތް. ތަދު..."

ތޮލާލު ކޮއްޕާލަން އަހަރެން އަތްނެގި ވަގުތު އަތްދަމާލާފައި ތޮލާލު އަހަރެންގެ މޫނުމަތީގައި ޖެހިއެވެ. ވީ ތަދަށް ވުރެން އަހަރެންނަށް ލިބުނު ސިހުމާ ގަތް ބިރު މާބޮޑެވެ. ދެލޯ ބޮޑުކޮށްލަމުން އަހަރެންނަށް ބަލާލެވުނީ ތޮލާލުގެ މޫނަށެވެ.

"މަންމަ ކައިރީ ކީކޭ ކިޔައިގެން ތިއުޅެނީ."

އަހަރެން އަނގައިގެ ދެފަރާތުން ހިފާ ތޮލާލު ފިއްތާލީ އެއްވެސް ރަހުމެއް ނެތިއެވެ.

"މޮޔަވެގެންތަ ތިއުޅެނީ.؟"

ވީ ތަދާއެކު އައި ރުޅިން އަހަންނަށް ތޮލާލު ކޮއްޕާލެވުނެވެ. ނަމަވެސް ތޮލާލާ ދުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅި އުޅެނިކޮށް ތޮލާލު އޭނަ އަތުތެރެއަށް އަހަރެން ދަމައިގެންފިއެވެ. އަހަންނަށް އަޑެއް އިއްވައި ނުލެވޭނެހާ ބާރަށް އަނގަމަތީ އަތްއަޅާ ފިއްތާލިއެވެ.

"މީހަކު މޮޔަ ނުވާ ކަހަލަ ގޮތަކަށްތަ ތި އުޅެނީ. މަށަށް ދައްކަންތަ ދޮންބެެ ގައިގަ ތި ކޭތެނީ. ބަލަ މަގޭ ދަރިއެކޭ އެއީ. ދޮންބެއަށް ބައްޕަ ކިޔަން މިސްކު ނުޖެހޭނެ. ތި އެންމެން ކީއްވެތަ ދޮންބެ ވަރެއް ނެތިގެން ތިއުޅެނީ. އެންމެނަށް ފަޅާ އެރިޔަސް މަށަށް ވަރިހަމަ. މަ ނުގަންނާނެ ބިރެއް. މަ ކުރިމަތީ ދޮންބެ އުނގަށް އެރި ކަލޭ އޮންނަތަން ބަލަން މަށެއް ނުހުންނާނަން. ތީ މަގޭ ހައްގެއް. "

ތޮލާލު މޮޔައަކު ފަދައިން މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ ގައިގަ ބީހޭށެވެ. ތޮލާލު އަތްދަށުން ދެމިގަންނަން އަހަރެން ކުރި ހުރިހާ މަސައްކަތް ވީ ބޭކާރެވެ.

"ދޮންބެ ދައްތާ. ކޮބާތަ އޭނަ. ފެންނާކަށް ނެތް. ދޮންބެދައް..."

"ސާބަސް. އިރުއޮއްސޭ ގަނޑީގަ ތިހެން ގޮވާކަށް ނުވާނެ ވަލުތެރޭ ހުރެ. ދޭ ބަލަ ބަލާލަން. ނުދާނެ ދުރަކަށް."

ރީނާއާ ޝަނާގެ އަޑު ރީތިކޮށް އަހަރެމެން ދެމީހުންނަށް އިވުނެވެ. ދޫކޮށްލާހިތް ނެތި ތޮލާލު އަހަރެން ކޮއްޕާލީ ކައިރީގަ ހުރި ރުކާ ދިމާލަށެވެ. އަހަންނަށް ލިބުނީ އިތުރު އަނިޔާއެކެވެ.

"ނިމުނީ މިވާހަކަ މީހެއް ކައިރީ ބުނެފިއްޔާ. މިރޭ މަ ގުޅީމަ މަށާ ބައްދަލް ކުރަން އަންނާތި."

އަހަރެންގެ މޫނަށް އިނގިލި ދިއްކޮށްލުމަށްފަހު ތޮލާލު ގަސްތަކުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. ހުރިތަނަށް އަހަންނަށް ތިރިވެވުނީ ރޮމުންނެވެ. ތޮލާލަކީ ޖެހިލުން ކުޑަ ނުބައި ޖާހިލެއްކަން ކުރިންވެސް އަހަންނަށް އެނގެއެވެ. އެކަމަކު އެވަރު ކޮށްލަން ތޮލާލަށް ކެރިދާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަމެވެ. އާއިލާގެ މީހަކަށް އެނގި ފަޅާ އަރާދާނެ ކަމުގެ ބިރެއް ހާސްކަމެއް ހުރި ނަމަވެސް އެގޮތަށް އައިސް އަހަރެންގެ ގައިގަ އަތްލަން ތޮލާލަކަށް ނުކެރުނީހެވެ.

"ކޮންތާކަށްތަ އެވަނީ."

މިފަހަރު ރީނާގެ އަޑު އައީ ތަންކޮޅެއް ކައިރިންނެވެ. އަވަސް އަވަހަށް މޫނު ފޮހެލަމުން އަހަރެން ފައިދަށުގައި ހުރި ދަރުތަށް އެއްކުރަން ފެށީމެވެ. އަނިޔާއާއި އިމްތިހާނުތަކަށް ކެތްތެރިވާން އަހަރެންނަށް ދަސްވިތާ ކިތަންމެ ދުވަހެކެވެ. ހަޔާތުގައި ހިތާމައާއި ހިތްދަތިކަން މެނުވީ އަހަންނަށް ލިބުނީ ކޮން އެއްޗެއް ހެއްޔެވެ.؟ އުފަންވީ ތަނުން މަންމަ ނިޔާވިއެވެ. ބަފަޔަކު ހުރެމެ އަހަރެން އެލޯބިން ވެސް ވީ މަހުރޫމެވެ. ބައްޕަގެ ދެއަތުންވެސް އެންމެ ގިނައިން އަހަންނަށް ލިބުނު ހަދިޔާއަކީ އަނިޔާއެވެ.

"ދޮންބެދައްތާ."

"މިހިރީ އަހަރެން"

ދަރުތަށް ހޮވާލައިގެން އަހަރެންނަށް ނުކުމެވުނީ ރީނާގެ ކުރިމައްޗަށެވެ. އަހަރެންގެ މޫނު ރީނާއަށް ނުފެންނަނީސް އަހަރެން ކުރިއަށް ހިނގައިގަތީމެވެ.

"ކިހާއިރެއް ގޮވާތާ. ބިރެއްވެސް ނުގަނޭތަ؟"

އަހަރެންގެ ފަހަތުން ރީނާ ހިނގައިގަތީ ސުވާލު ކޮށްލަމުންނެވެ. އަހަރުމެނަށް ވަލުން ނުކުމެވުނު އިރު ތޮލާލު ޓެންޓު ކައިރީ ހުއްޓެވެ.

"އެއަންނަނީ ދެ ޑިންގީ މިދިމާލަށް. އެމީހުން ކީއްވާނެ އެކޮޅަށް ދިޔައިއްޔާ."

ދަރުބޮނޑި ބިންމައްޗަށް ވައްޓާލަމުން އާޝިއާ މޮޅިވެރި ރާގެއްގައި ބުނެލިއެވެ. އެތަނަށް އިތުރު ބަޔަކު އައިސް އެމީހުންގެ މިނިވަންކަން ގެއްލެން އާޝިއާ ބޭނުމެއްނުވިއެވެ.

"ނުވަދެވޭނެ މިހާރު މިދިމާލަކުން. ދިޔަވަރު ހިކިފަ އެއޮތީ"

ޔަގީންކަމާއިއެކު ރީނާ ބުނެލިއެވެ. އެމީހުންގެ ވާހަކައަށް ސަމާލުކަމެއް ނުދީ ގެނައި ދަރުތަށް ބެހެއްޓުމަށްފަހު އަހަރެން ދުރައް ހިނގައިގަތީމެވެ. އެވަގުތު އަހަރެންގެ މޫނު އެއްވެސް މީހަކަށް ފެންނަން އަހަރެން ބޭނުމެއް ނުވިއެވެ. މޫނުން ނަގަމުން ދިޔަ ދިލައާއި އެކު ހިތައް ކޮށްފަވާ އަސަރުން އެވަގުތު އަހަރެން ބޭނުންވީ އެކަހެރި ވެލާށެވެ.

"މޫނަށް ކިހިނެއްވީ؟"

އަހަރެންނަށް ސިހުމެއް ލިބުނީ ކުރިމަތިން ނަޒީފްގެ އަޑު އިވުމުންނެވެ. ނަޒީފް އަހަރެން ފަހަތުން އައިކަން އަހަރެންނަށް ނުވެސް އެނގެއެވެ. އަހަރެންގެ މޫނު ރީތިކޮށް ފެނުމުން ނަޒީފް ނިތައް ރޫއަރުވާލިއެވެ.

"ކިހިނެއް ވެފަ ތިހިރީ. މީހަކު ޖެހީތަ؟"

ނަޒީފް އަހަރެންގެ ދަތްދޮޅީ ހިފާ ރީތިކޮށް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަންނަކީ ދޮން އަންހެނަކަށް ވުމުން ތޮލާލުގެ އިނގިލީގެ ނިޝާންތަށް ހުރީ ހާމައަށް ފެންނާށެވެ. ނަޒީފްގެ އަޑު އިވި އާޝިއާވެސް ގާތަށް ޖެހި ބަލާލީ އަހަރެންގެ މޫނަށެވެ.

"ޔާ ރައްބީ ތިޔޯ."

އާޝިއާގެ އަޑު ދިޔައީ ބާރުވެގެނެވެ. އެންމެން ބަލާލީ އަހަރެންނާ ދިމާލަށެވެ. އައިސް އަހަރެންވެ ވަށާލައިފިއެވެ.

"ބުނެބަލަ ކިހިނެއްވީތަ؟ ކިހިނެއްވެފަ މީ؟"

ނަޒީފް ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިގެން ހިނގައްޖެއެވެ. އަހަރެންނަށް ނަޒީފް ގައިގަ އޮޅުލައި ގަނެވުނީ ރޮއިގަންނަމުންނެވެ. ދަތުރުގެ ފޯރި ކެނޑި އެންމެންގެ މޫނަށް ވެރިވެގެން ދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. ބޮޑު ކަމެއް ނުވާނަމަ އަހަރެން އެގޮތަށް ނުރޯނެކަން އެންމެނަށް ވިސްނުނެވެ. އަހަރެން ރޯން ފެށުމުން މިސްކު އައިސް އޮޅުލައިގަތީ އަހަރެންގެ ފައިގައެވެ. އަހަރެން ރޯތަން ފެނިއްޖެނަމަ މިސްކުއަށް އެކަމުން ކުރާ އަސަރު އަހަންނަށް އޮތީ ކުރިންވެސް ފެނިފައެވެ. ނަމަވެސް މިވަގުތު އަހަރެންގެ ހިތަށްކޮށްފައިވާ އަސަރުގެ މައްޗަށް ހިތްވަރާ ކެތްތެރިކަން އިސްކުރާނެހައި ހިތްވަރު އަހަރެން ގަޔަކުނެތެވެ. ތަކުރާރުކޮށް ވީ ކީއްތޯ ނަޒީފް އަހަންނާ ސުވާލު ކުރަމުން ދިޔައިރުވެސް އަހަންނަށް ކުރެވުނުހާވެސް ކަމަކީ ރުއިމެވެ. އެންމެ ފަހުން ނަޒީފް އަހަރެންނާ މިސްކު އޭނަ ގައިގަ ލައްކޮށްލައިގެން ހިނގައިގަތީ ދުރަށެވެ.

"ކިހިނެއްވެފަ އެއީ. އަނެއްކާ ޖިންނި ކަމެއް...."

"މޮޔަ ވާހަކަ ނުދައްކާ. އެކަހަލަ ކަމެއްވީ ނަމަ އެންމެ ފުރަތަމަ ރޮއެގެންފަ ބުނާނީ ރަށަށް ހިނގާށޭ ނޫންތަ.؟"

ރީނާ ބިރުންހުރެ ފެށި ވާހަކަ ހުއްޓުވީ ރީނާގެ ފިރިމީހާ އާމިރެވެ. އަހަންނަށް ރީތިކޮށް އެއަޑު އިވުނެވެ.

"ދެން އެކަމަކު އެނޫން ވިއްޔާ އެއީ ކިހިނެއްވެފަ؟"

އާޝިއާއަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ. ދަތުރު އައިސް ތިބި މީހުންގެ ތެރެއިން މީހަކު އަހަރެންގައިގަ ނުޖަހާނެކަން އެތަނުގައި ތިބި އެންމެނަށްވެސް އެނގެއެވެ. ފާތިމާ ފިޔަވައެވެ. އަހަންނަށް ވެފައި ހުރިގޮތް ފެނުމުން އެއީ ތޮލާލު ކޮށްފައި ހުރިކަމެއްކަން ހަމަ ރަނގަޅަށްވެސް ފާތިމާއަށް އެނގިއްޖެއެވެ. ފާތިމާ ބިރުން ނޭވާ ހިފަހައްޓައިގެން ހުރީ އެވާހަކަ އަހަރެންގެ ދުލުން ބޭރުކޮށްދާނެތީއެވެ. އެހެންވެއްޖެނަމަ ނަޒީފްގެ ރުޅިގަނޑު ފަޅައިގެން ދާން ލަހެއް ނުވާނެއެވެ.

"މަންމާ ބުނެބަލަ. ކާކުތަ ޖެހީ.."

އަހަރެން ގޮވައިގެން ގޮސް ނަޒީފް އިށީނީ އިރުއޮއްސެމުން ދިޔަ ދިމާ ދޮންވެލި ގަނޑުމަތީގައެވެ. އަހަރެން ހަމަޖެހިލަންދެން މިސްކު އަހަރެންގެ ގައިގައި ބައްދާލައިގެން އޮތުމަށްފަހު ތެދުވެ އަސަރާއިއެކު އަތުން އިޝާރާތްކޮށްލަމުން ސުވާލު ކޮށްލިއެވެ.

"މަންމައަކަށް ނުވޭ ކަމެއް. އަސްލު ވީގޮތަކީ މޫނުގަ އައިސް ކުޅަދުރެއް ޖެއްސީ. ބިރުން ތެޅިގެންފަ މަންމައަށް މޫނުމަތީ އަތުން ތަޅައި ގަނެވުނީ. ދަރިފުޅަށް އެނގޭނު މަންމި ކުޅަނދުރު ދެކެ ބިރުގަންނަވަރު. އެހެންވެ ބިރުގެންފަ ހުރީމަ ރޮވުނީ."

އަހަރެންގެ ވާހަކަ އަޑު އެހުމަށްފަހު މިސްކު އަތުން ޖެހީ ނިތްކުރީގައެވެ.

"މިސްކުވެސް ހީކުރީ މަންމައަށް ޖިންނިއެއް ފެނުނީކަމަށް. މަންމަ ތީ ބޮޑު މޮޔައެއް."

އަތުގެ އިޝާރާތުން އެއްޗެހި ކިޔާލާފައި މިސްކު ހިނގައްޖެއެވެ. މިސްކު ހެމުން އައިސް އިޝާރާތް ތަކެއް ކުރަން ފެށުމުން އެކިޔާ އެއްޗެއް އެހެން މީހުނަށް ނޭނގުނަސް ހާސްވާންޖެހޭ ވަރުގެ ކަމެއް ނުވާކަން އެންމެނަށް ވިސްނިއްޖެއެވެ. މިސްކު ހެމުން ދާތަން ފެނުމުން ހަގީގަތް އަހަރެން މިފަހަރުވެސް ސިއްރުކޮށްފިކަން އެނގި ތޮލާލްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

"މަށަށް ޔަގީން ދޮގުކަން ތިހެދީ. އެކަމަކު އާދޭސް ނުކުރާނަން. އަހަރެންނަށް ކިޔައިދޭން ނުޖެހޭތީ، މަށަށް ސިއްރު ތިކުރަނީ. ދޮގު ހެދިވަރަކަށް ހީނަރުކަން އަންނާނީ އަހަރެމެންގެ މި ގުޅުމަށް."

ހިމޭންކަމުގައި އިރުކޮޅަކު އިނުމަށްފަހު ނަޒީފް މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ. އިސްޖެހި ގޮތަށް އަހަންނަށް އިނދެވުނީ ނަޒީފްގެ މޫނަށް ބަލާލާނެހާ ހިތްވަރުވެސް ނުލިބިފައެވެ. މިސްކު ކިޔާ އެއްޗެއް ސާފް ނުވާތީ އޭރު އެހެންމީހުން އައިސް އަހަރުމެންގެ މެދަށް ވަދެއްޖެއެވެ.

އަހަރެން ހެދި ދޮގު އެމީހުނަށްވެސް ވީ ޖޯކަކަށެވެ.

"ތީދެން ކޮންކަހަލަ ހަމަނުޖެހޭ ވާހަކައެއް. ގައިމު އެވަރު ކަމެއްވިނަމަ ހަޅޭވެސް ލަވާނެދޯ.؟"

"މީހަކު އައިސް ޖެހިނަމަވެސް ހަޅޭލެވީހެއްނު."

ރީނާއާ ދެކޮޅަށް ބަހެއް ބުނެލީ ޒާހިޔާއެވެ. އެވެސް ތެދެއްކަމުން އެހިސާބުން އެވާހަކަ ނިންމާލައި އެންމެން އެމީހަކު ކުރަމުން ދިޔަ ކަމަކާއިވެގެން މަސްއޫލު ވެއްޖެއެވެ. ނަޒީފް ޓެންޓު ޖަހަން ދިއުމުން އަހަރެން ދެންވެސް އިށީދެލައިގެން އިނީ އެ ދޮންވެލިގަނޑު މަތީގައެވެ. އެންމެން ދުރަށް ޖެހިލުމުން އަހަރެންގެ ކައިރީ އައިސް އިށީނީ ފާތިމާއެވެ. އޯގާތެރިކަމާއެކު އަހަރެންގެ އަތްމަތީ އަތްބާއްވާލީ ޝުކުރުން ފުރިގެންވީ ނަޒަރަކުން އަހަރެންގެ މޫނަށް ބަލާލަމުންނެވެ.

"މިއީ އެންމެ ރަނގަޅު ތަނެއް ނޫން އެވާހަކަ ދައްކަން. ރަށަށް ގޮސް މާދަމާ މަންމަ އެވާހަކަ ނަޒީފްއާ ދައްކާނަން. މަންމަ ހުރިހާ ވާހަކައެއް ނަޒީފްއަށް ކިޔައިދޭނަން. އެކަމަކު ޒާހިޔާގެ ކުރިމައްޗަށް މިކަންތައް ބޭޒާރު ވެއްޖިއްޔާ އޭނަ މުޅި ރަށަށް ދަރިފުޅު ފަޟީހަތް ކޮށްލާނެ.!"

ޒާހިޔާ މިހާރުވެސް އެރަށަށް ގޮސް ހުރީ ތޮލާލަށް ފާރަލަމުންނެވެ. އަހަރެންނަށް ފާތިމާގެ މޫނަށް ބަލާލެވުނީ ގޮތްހުސްވެފައިވާ ހާލުގައެވެ.

(ނުނިމޭ)