ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތަފާތު ބޮޑެތި އަދި ކުދި ވައުދުތައް ވަމުން ދާއިރު އުފެދޭ އެތައް ސުވާލުތަކެއް އެބަ ހުއްޓެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމްގެ މެނިފެސްޓޯ، ނުވަ ވައުދުތައް 'ހާސްކަނޑާލާ، ހަމަޖެހޭނެ' ގެ ސްލޯގަންގެ ދަށުން އިއުލާން ކުރަމުން ގެންދާ އިރު އޭނާ ގެންދަވަނީ ބޮޑެތި އެތައް ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ.

އެގޮތުން 65 އަހަރުން މަތީގެ 100 މީހުން، ކޮންމެ އަހަރަކު ހައްޖަށް ގެންދިއުމާއި، ގުރުއާން ހިތުދަސްކުރާ މީހުންނަށް ދޭ އެލަވަންސް 3000 ރުފިޔާ އަށް ބޮޑުކުރުމާއި، އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީގެ މިންވަރު 18،000 ޑޮލަރުން 27،000 ޑޮލަރަށް މަތިކުރުމާއި، ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 90 ޕަސެންޓަށް ދަށް ކުރުމާއި، 30،000 ހައުސިން ޔުނިޓު އަޅައި އެންމެންނަށް ބޯ ހިޔާވަހިކަން ފޯރުކޮށް ދީ މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އަޅައި ނިންމުމުގެ އިތުރުން، ކައިވެންޏަށް ފަހު ދިރިއުޅުން ފަށާ ޒުވާނުންނަށް ބޯ ހިޔާވަހިކަން ފޯރުކޮށްދޭން 18،000 ހައުސިން ޔުނިޓު އަޅާ ނިންމުން ހިމެނެއެވެ.

ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޖޭޕީ

މީގެ އިތުރުންވެސް ހިޔާ ފްލެޓު ލިބޭ ފުލުހުންނާއި ސިފައިންގެ ކުލި މައާފުކޮށް، ފުލުހުންނާއި ސިފައިންނަށް އިތުރު 1000 ހައުސިން ޔުނިޓު ތިން އަހަރު ތެރޭ ހަވާލުކުރުމާއި، ބޭސްފަރުވާއަށް ގޮސް ރާއްޖެއިން ބޭރުގައި ހުރުމާއި ކެއުން ފަދަ ހަރަދުތައް އާސަންދައިގެ ތެރޭގައި ހިމެނުމާއި، އުފަންވާ ކޮންމެ ކުއްޖަކަށް 5000 ރުފިޔާގެ މާލީ އެހީއެއް ދިނުމާއި ތައުލީމު ހިލޭ ކުރުން ފަދަ ބައިވަރު ވައުދުތަކެއް ވަނީ ވެވަޑައިގެންފައެވެ.

ފުލުހުންނާއި ސިފައިންގެ ކުލި މައާފު ކުރަން މީގެ ކުރިން ވިދާޅުވި އިރު ރޭ މާމިގިލީގައި ވިދާޅުވީ، ފުލުހުންނާއި ސިފައިން އަދި ފަނޑިޔާރުންނާއި އާއިލާތަކަސް ހިލޭ ބޯހިޔާވަހިކަން ދެއްވާނެ ވާހަކައެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން ކުރިމަތިލެއްވި، ކާނަން މުހައްމަދު ނާޒިމްވެސް ވަނީ އޭނާގެ ވެރިކަމެއްގައި ޕީއެޗްޑީއާއި ހަމައަށް ހިލޭ ކިޔެވޭނެ ކަމަށާއި، ރާއްޖޭގައި އުފައްދާ ތަކެތި ރާއްޖެ އެތެރެ ކުރާނަމަ ޑިއުޓީ ބޮޑުކުރުމާއި އެފަދަ ތަކެތި އެތެރެ ކުރުން މަނާ ކުރާނެ ކަމަށާއި، ދަނޑުވެރިންނަށް އެހީވުމުގެ ގޮތުން ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތީގެ ޑިއުޓީ ދަށްކޮށް ނުވަތަ ޑިއުޓީ ފްރީކޮށް އެ ތަކެތި ގެނެވޭގޮތް ހަދައިދޭނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުންވެސް ގެދޮރާއި ފެލްޓާއި އެނޫންވެސް އުފުލާ ނުލެވޭހާ ބޮޑެތި އެތައް ވައުދެކެވެ.

މިހާރުގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުވެސް ގެންދަނީ އެތައް ވައުދެއް ވެވަޑައިގަންނަވަމުންނެވެ. އެގޮތުން ނޭޝަނަލް ބަޔޯ މެޑިކަލް އިކުއިޕްމެންޓެއް ހެދުމާއި، ޑްރޯން ބޭނުންކޮށްގެން މެޑިކަލް ސާމްޕަލް ޓްރާންސްފާ ކުރުމާއި، ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ ވަރުގަދަކޮށް، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ރިކަވަރީ ވިލެޖު ހެދުމާއި، ޒަކާތާ ބެހޭ ގާނޫނެއް ހެދުމާއި ހައްޖާއި އުމުރާގެ އަގު ކޮންޓްރޯލްކުރުމާއި، ބައެއް ސްޓޫޑެންޓް ލޯންތައް މާފް ކޮށްދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން ވަޑައިގަންނަވާ ކޮންމެ ރަށެއްގައިހެން ހޮސްޕިޓަލް އަޅުއްވާ ވާހަކަ އަކީވެސް ދައްކަވާ ބޮޑުވާހަކަފުޅެކެވެ.

ނުފުއްދޭ ވައުދުތައް ގިނަ

ހިނގަމުން މިދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ގިނަ ވައުދުތަކެއް ވެފައިވާ ވެރި ކަމެކެވެ. ކުދި އަދި ބޮޑެތި ކަންތައްތައް ހިމަނައިގެން ޖުމްލަ 160 ވައުދެއް ވެފައި ވެއެވެ. އިގުތިސޯދީ، ތައުލީމީ، ވިޔަފާރި، ސިއްހަތު، އިޖުތިމާއީ، ދަތުރުފަތުރު، ތިމާވެށި، ދީނާއި އަދުލު އިންސާފާ އަދި ކޮރަޕްޝަނުގެ ދައިރާތައް ހިމެނޭ ގޮތުން ގިނަ ވައުދުތައް ވެފައި ވާއިރު ނުފުއްދި ހުރި ވައުދުތައްވެސް ގިނައެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ /ފޮޓޯ: ރައީސް ކެމްޕެއިން ޓީމް

އެގޮތުން އޮލިމްޕިކް ސައިޒް ސްވިމިން ޕޫލް ކޮމްޕްލެކްސެއް މާލެ ސަރަހައްދުގައި ހެދުމާއި، ހުރިހާ މިނިވަން މުވައްސަސާ ތަކުގައި މިހާރު ކަން ހިނގާ ގޮތުގެ އޯޑިޓެއް ހަދާ އަދި އެތަނެއް އެފިޝަންޓް ކުރުމާއި، ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހާއްސަ ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެކު އުފަންވާ ތުއްތު ކުއްޖާއަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިންމު ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ “ބޭބީ ބޮކްސް” ފޯރުކޮށްދިނުމާއި، ކޮންމެ ރަށެއްގައިވެސް ހުރި ތަރިކައާއި ދުވަސްވީ ބިނާތަކާއި، އާސާރު އެކުލެވޭ ތަންތަނާއި ތާރީހާ ގުޅިފައިވާ ތަކެއްޗަކީ އެރަށެއްގެ އެންމެ މުހިންމު އައިޑެންޓިޓީ ކަމުން މިފަދަ ތަންތަނާއި ތަކެތި ހިމާޔަތްކުރުން އެންމެހާ ފަރާތްތަކަށް ލާޒިމްވާގޮތަށް ގާނޫނީ ޒިންމާ ކަނޑައަޅާ، ތަރިކައިގެ ލިސްޓެއް އެކުލަވާލެވި ހަރުދަނާ އުސޫލަކުން އާސާރު ބެލެހެއްޓެން ފެށޭނެ ކަމަށް ބުނި ނަމަވެސް މިއީ އަދި ހާސިލްނުވެ ހުރި ބައެއް ކަންކަމެވެ.

ކެންޑިޑޭޓުން ވާ ވައުދު ތަކާމެދު ރައްޔިތުން ވިސްނަން ޖެހޭ

ބައެއް ޓެކްސް ތައް އުވާލާ، ޓެކްސްތައް ކުޑަ ކޮށްދީ ގިނަ ކަންކަން 'ހިލޭ' ކޮށްދޭން އެކިއެކި ކެންޑިޑޭޓުން ވައުދުތައް ވަމުން އަންނަނީ ރައްޔިތުން އެންމެ ބޭނުންވާނެހެން ހީވާ ކަންތައްތަކުންނެވެ. އާންމު ދަތުރުފަތުރު ތަކުން ނަގާ އަގު އެއްކޮށް ކަނޑާލަންވެސް ވައުދުތައް ވަމުން އަންނަ އިރު މި ވާހަކަތައް އަޑުއަހާލަން ކިތަންމެ ހާވެސް 'ހިތްހަމަޖެހެވެ.' މިކަމާ މެދު ރައްޔިތުން އުފަލުން ފޮޅެންވީ މުސްތަގުބަލުގައި ވާނެ ގޮތަކާމެދު ވިސްނާ ނުލާ ހެއްޔެވެ؟ އުފެދޭ ސުވާލަކީ މިވަރު ބޮޑެތި ވައުދުތައް ފުއްދުމުގެ ކުޅަދާނަކަން ރާއްޖޭގެ އިގްތިސާދުގައި އެބަ ހުރި ތޯއެވެ؟ ވައުދު ވާ ކެންޑިޑޭޓަށް ވެރިކަން ލިބިއްޖެނަމަ އެ ވައުދުތައް ފުއްދޭނެ ފަންވަރު ނުވަތަ ފުދުންތެރިކަން މި އިގްތިސާދުގައި އެބަ ހުރި ހެއްޔެވެ؟ އެއްވެސް އާމްދަނީއެއް ނުލިބޭ ޕްރޮޖެކްޓުތައް ހިންގުމާއި މިހާރު އާމްދަނީ ލިބިލިބި ހުރި ކަންކަން ހުއްޓާލައިފިނަމަ ނުވަތަ ރައްޔިތުންނަށް ދޭ ހިދުމަތުން ނަގާ ކުޑަ ފީ ކަނޑާލައިފިނަމަ ދެން އެކަން ފޫ ބައްދާނީ ކިހިނެއް ހެއްޔެވެ؟

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމް/ ފޮޓޯ: އެމްއެންޕީ

އެކި ކެންޑިޑޭޓުން ވަމުން ދާ ވައުދުތައް ހިސާބު އަކުރުން އެއްކޮށްލައިފި ނަމަ ދައުލަތުގެ އާމްދަނީ އާއި ހަރަދު އަރައިގެން ދާނެ ގޮތް އިނގުން މުހިންމެވެ. މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދުގެ ޖުމުލަ އާމްދަނީ 32.09 ބިލިއަން ރުފިޔާގައި ހުރި އިރު ޖުމްލަ ހަރަދު ވަނީ 40.06 ބިލިއަން ރުފިޔާގައެވެ. ޖުމުލަ ދަރަނި 113 ބިލިއަން ރުފިޔާ ހުރަސްކޮށްފިއެވެ. އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ އަކީ 123،829 ރުފިޔާއެވެ. އެހެން ކަމުން މިހާރު ކެންޑިޑޭޓުން ވަމުންދާ ވައުދުތަކަކީ ނަންބަރަށް ތިރިކޮށްފި ނަމަ، ހަރަދާއި ދަނަރި 100 އެތައް އަހަރަކަށް ސޮއްސާލާނެ އަދަދުތަކަށް ނުވާނެހެއްޔެވެ؟

އިގްތިސޯދު ދިރާސާ ކުރައްވާ އެއް ބޭފުޅެއް ކަމަށް ވާ އާތިފް ޝަކޫރު އޭނާގެ ބްލޮކުގައި ގައުމުގެ ކުރިމަގަށް ހުރި އިގްތިސޯދީ ހުރަސްތައް ބަޔާން ކުރައްވާފައި ވެއެވެ. އެގޮތުން އާމްދަނީ އަށް ނުބަލައި އޭގެ މައްޗަށް ހަރަދުތައް ބައްޓަން ނުކޮށް ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަކީ ހިލޭ ލިބޭ ތަކެތި ކަމަށް ދުށުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އާތިފް ވިދާޅުވެފައިވާ ގޮތުގައި ގައުމަށް ލިބޭ އާމްދަނީ އަށް ބިނާކޮށް ހަރަދުތައް ހަމަޖެއްސުމުގެ ސަގާފަތެއް ރާއްޖެއަކު ނެތެވެ. ރައްޔިތުންނަށް ދޭ ހިދުމަތް ހިލޭ ދެވޭ ވަރަށް އިގްތިސޯދުގައި ވަރު ނެތް ކަން އާތިފުގެ ބްލޮގުގައިވެސް ފާހަގަ ކުރެއްވިއެވެ.

ގައުމުގެ މާލީ ހާލަތު އެނދު ދާންކޮށްފައިވާ އިރު، ކޮންމެ އިލެކްޝަނަކާ ދިމާކޮށް ހިލޭ ދޭނެ ހިދުމަތްތައް ދަނީ ގިނަވަމުން
އާތިފް ޝަކޫރު

ރާއްޖޭގެ ސިޔާސީ މައިދާނުގައި ފާއިތުވި 40 ވަރަކަށް އަހަރު ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ހިލޭ ހުރިހާ ކަމެއް ވާނެ ކަމަށް ގަބޫލުކުރާ ގަބޫލު ކުރުމަކީ އިގްތިސޯދީ ގޮތުން ކިހާ ގެއްލުން ހުރި ކަމެއްކަން ރައްޔިތުންނަށް ކިޔައިދޭނެ ސިޔާސީ މީހުން ނޫޅޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އިކޮނޮމީއަކީ ނާޒުކު އިކޮނޮމީއެއް – ވޯލްޑް ބޭންކް

ގާތްގަނޑަކަށް 550،000 މީހުންގެ އާބާދީއަކަށް ބިނާވާ ދިވެހިރާއްޖޭގެ އިކޮނޮމީގެ ހާލަތު ކޮވިޑާ ދިމާކޮށް ދަށްވެ 2022 ވަނަ އަހަރު ދިވެހިރާއްޖެ އައި ފަތުރުވެރިންގެ އަދަދު އިތުރުވެ އިކޮނޮމީ ރިކަވާވިނަމަވެސް، ދިވެހިރާއްޖެ އަކީ ފަތުރުވެރިކަމަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން އެކްސްޓާނަލް ޝޮކްސްތަކަށް ރާއްޖޭގެ އިކޮނޮމީ ނާޒުކު ކަމަށް ވޯލްޑް ބޭންކުން ވަނީ ހާމަކޮށްފައެވެ.

ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލެ

މީގެއިތުރުން ޕަބްލިކް ސެކްޓަރުގައި މިހާރު ދަރަނިވެރިވެފައިވާ ވަރުންނާއި، ބޭރުގެ ނޮން ކޮންސެޝަނަލް ލޯނުތަކުގެ ތެރެއިން ހިންގުމަށް ހަމަޖެހިފައިވާ ބޮޑެތި މަޝްރޫއު ތަކުންނާއި، ގިނަ އަދަދެއްގެ ސަބްސިޑީތަކުން ރާއްޖޭގެ މާލީ ނާޒުކުކަން އިތުރުވެގެން ދެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ގައުމުގެ ދަރަނި ބޮޑުވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

އެހެންކަމުން ކުރިއަށް އަންނަން އޮތް ޖީލުތަކުގެ ބޮލުގައި އެތައް ބިލިއަން ރުފިޔާގެ ދަރަނި އެޅި އިގްތިސޯދު ހަލާކު ވުމަށް ދޫކޮށްނުލާ، ރާއްޖެއާއި އެކަށޭނަ އަދި ހާލަތާ ބައްދަލު ކަންތައްތައް ގަބޫލުކޮށް އެ ކަންކަމަށް ވައުދުވުން މުހިންމެވެ.