ބ. މާޅޮހުގައި ދެ މަޝްރޫއެއްގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެ ދެ މަޝްރޫއަކީ މާޅޮހު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫއާއި އެރަށު މިސްކިތް އިމާރާތްކުރުމުގެ މަޝަރޫއުކަމަށެވެ.

އެގޮތުން މާޅޮހުގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓަކީ 1500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ބިނާކުރަން ހަމަޖެހިފައިވާ އެއް ބުރީގެ އިމާރާތެއް ކަމަށާއި، މިއީ 2.04 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 150 ދުވަސްތެރޭ ނިންމާ ގޮތަށް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ މާޅޮސް މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއީ 10.75 މިލިއަން ރުފިޔާއަށް 365 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށެވެ.

އެމްޓީސީސީން ބުނީ 775 މީހުންގެ އާބާދީއެއް ދިރިއުޅޭ މާޅޮހު ރައްޔިތުންނަށް މި ފެށިގެންދާ މަޝްރޫއުތަކުގެ މަސައްކަތް ފުރިހަމަކުރެވުމާއި އެކު އުމްރާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މި ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި މާޅޮސް ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައިވަނީ ހޯމްލޭންޑު މިނިސްޓަރު ޑރ. އަލީ އިހުސާން އާއީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންއެވެ. އަދި މިސްކިތް އިމާރާތްކުރުމުގެ މަޝަރޫއުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މީގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައުދީ އާއި ސަރުކާރުގެ އެހެނިހެން އިސްވެރިން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.