ދިވެހިރާއްޖޭގެ އިގްތިސޯދު ބަރޯސާވެފައި ވަނީ ގައުމަށް އެތެރެ ކުރެވޭ މުދަލުގެ މައްޗަށް ކަމުން، މި މުދާ ރައްޔިތުންނާ ހަމައަށް ރައްކާތެރި ކަމާއެކު ފޯރުކޮށް ދިނުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. އެގޮތުން އަގު ބޮޑެތި މުދަލުން ފެށިގެން ދިވެހިންގެ ދުވަހުގެ ކެއުމަށް ބޭނުން ކުރާ ކާބޯތަކެތި ފަދަ އެކި ބާވަތުގެ މުދަލަކީ މިހާރު އިންޑިއާ، ސްރީލަންކާ އަދި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުން ގެންނަ މުދަލެވެ.

އެހެންކަމުން ދުރު ކަނޑުގެ ރާސްތާތައް ކަނޑައްތުކޮށް، ދިވެހިރާއްޖޭގެ ސަރަހައްދަށް ވަންނަ މުދާ އުފުލާ އުޅަނދު ފަހަރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވެސް ނުހަނު މުހިންމު ކަމެކެވެ. މި ކަމަށް ހާއްސަ ހިދުމަތްތަކެއް މިހާރު ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދަނީ ފޯރުކޮށް ދެމުންނެވެ. މިއީ އެ ކުންފުނިން ދެމުންގެންދާ ޕައިލެޓޭޖް ހިދުމަތެވެ.

މި ދާއިރާގައި އެމްޕީއެލްގެ ހިދުމަތުގައި މަސައްކަތް ކުރަމުންދާ ތަޖުރިބާކާރެއްގެ ގޮތުގައި ކެޕްޓަން އަހްމަދު މުއާޒަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ. ކެޕްޓަން މުއާޒު އެމްޕީއެލްގައި މަސައްކަތްކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، މިހާރު އޭނާ މަސައްކަތް ކުރަމުން ދަނީ އެމްޕީއެލްގެ ނޯޓިކަލް ސާވިސަސް ޑިޕާޓްމަންޓް (އެންއެސްޑީ) ގެ ސީނިއާ ޕައިލެޓެއްގެ މަގާމުގައެވެ.

އެމްޕީއެލްގެ ނޯޓިކަލް ސާވިސަސް ޑިޕާޓްމަންޓް (އެންއެސްޑީ) ގެ ސީނިއާ ޕައިލެޓް އަހްމަދު މުއާޒު

އެމްޕީއެލްގެ ޕައިލެޓޭޖް ހިދުމަތުގެ މައިގަނޑު މަގްސަދަކީ ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރު ރައްކާތެރިކަމާއެކު ދަތުރުކުރުމަށް އެހީތެރިވެ ދިނުމެވެ. މި ހިިދުމަތް ފޯރުކޮށްދޭ ޕައިލެޓުންނަކީ ސަރަހައްދުގެ ފުރިހަމަ މައުުލޫމާތާއި ތަޖުރިބާާ ލިބިފައިވާ ފަރާތްތަކެވެ. އެ ފަރާތްތަކުން އުޅަނދުފަހަރު ބައިނަލްއަގްްވާމީ ކަނޑުން ބަނދަރުގެ ބާރތްތަކަށް އަދި އަނބުރާ ގެންދިއުމުގައި މަގު ދައްކައި ދެއެވެ. މި ހިދުމަތް ފޯރުކޮށް ދިނުމުގައި ބައިނަލްއަގްްްވާމީ ކަނޑުދަތުރުފަތުރުގެ ގަަަވާއިިދުތަކަށް ފުރިހަމައަށް އަަމަލުކުރެވޭ އަދި ހުރިހާ މަސައްކަތެއް ވެސް ކުރެވެނީ ފަރުވާތެރިކަމާއި ރައްކާތެރިކަމާ އެކުގައެވެ.

ކެޕްޓަން މުއާޒު މި ދާއިރާއިން އިތުރަށް ކުރިއަށް ދިއުމަށްޓަކައި ހާއްސަ ތަމްރީންތަކެއް ވަނީ ހާސިލުކޮށްފައެވެ. އޭގެ ތެރޭގައި ސްރީލަންކާ އިން ފުރިހަމަ ކުރެއްވި ޝިޕް ހޭންޑްލިން އަދި އިލެކްޓްރޯނިކް ޗާޓް ޑިސްޕްލޭ އެންޑް އިންފޮމޭޝަން ސިސްޓަމް (އީސީޑީއައިއެސް) ތަމްރީން ޕްރޮގްރާމްތައް ހިމެނެއެވެ. ކެޕްޓަން މުއާޒު ދެންނެވީ މި މަސައްކަތަކީ ވަރަށް ފަހުރުވެރި އަދި ދިވެހިރާއްޖޭގައި ނިސްބަތުން ބޮޑު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަމަށެވެ.

އެމްޕީއެލްގެ ނޯޓިކަލް ސާވިސަސް ޑިޕާޓްމަންޓް (އެންއެސްޑީ) ގެ ސީނިއާ ޕައިލެޓް އަހްމަދު މުއާޒު

ޕައިލެޓެޖް ހިދުމަތު ދިނުމުގެ މަސައްކަތަކީ ވަރަށް ޒިންމާދާރު ބޮޑު މަސައްކަތެކެވެ. އެމްޕީއެލްއިން ފޯރުކޮށްދެމުންދާ މި ހިދުމަތުގައި ބޭރު ގައުމުތަކުން ރާއްޖެއަށް މުދާ ބަރުކޮށްގެން އަންނަ ބޯޓު ފަހަރުތައް ރާއްޖޭގެ އެތެރެވަރީގައި ދުއްވައި އުޅޭ އިރު، އެ ބޭރުން އަންނަ މީހާއަށް ރާއްޖޭގެ އެތެރެވަރީގެ ހާލަތު އެނގިފައި ނުހުރެއެވެ. އެގޮތުންެ މުދާ ބަރުކޮށްގެން އަންނަ ބޯޓުފަހަރުތައް އެ ދަތުރުކުރާ ބަނދަރަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން ހިމެނެއެވެ. އަދި އުޅަނދުގެ ކެޕްޓަނު އެދިއްޖެ ހާލަތެއްގައި އެ ފަރާތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ބޭރު ގައުމުތަކުން މުދާ ބަރުކޮށްގެން، އަންނަ އުޅަނދުފަހަރުތައް ދަތުރުފަތުރު ކުރުމުގައި ވަރަށް ދިގު ހަނި ޗެނަލްތަކުން ދަތުރު ކުރަން ޖެހެއެވެ. މިސާލަކަށް 200 ނުވަތަ 300 މީޓަރުގެ އުޅަނދު ފަހަރުވެސް އެބަހުރި، ފުދޭ ވަރަކަށް މުދާ ބަރުކޮށްގެން އަންނަ ބޯޓުފަހަރުތައް، އެހެންވީމަ މި އުޅަނދުތަކަށް ދިވެހިރާއްޖޭގެ އެތެރެވަރީގެ ހާލަތު އެނގިފައި ނުހުރެއެވެ.

މިސާލަކަށް ރާއްޖޭގެ އޮއިވަރާއި، މޫސުމާއި، އަދި ކުދި އުޅަނދުފަހަރުތައް ދަތުރުކުރާނެ ރޫޓްތައްވެސް ނޭނގިދާނެއެވެ. މި އަންނަ އުޅަނދަށް އެ އުޅަނދުގެ މަންޒިލަށް ދެވެންދެން އެހީވުމުގެ ގޮތުން އެ އުޅަނދަށް އަރައި، އެ މައުލޫމާތު އުޅަނދުގެ ކެޕްޓަނަށް ކިޔައިދޭ ކަމަށް މުއާޒް ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ވެސް ކެޕްޓަނާއި ޕައިލެޓުން މުއާމަލާތް ކުރެއެވެ. ކެޕްޓަން ކިޔައިދޭނެ ބޯޓުގެ ހުރި ބަރު މިނާއި، ދުއްވަމުންދާ ސްޕީޑާއި، ދޯނި ސަބްމާޖްވެފައި ހުންނަ މިންވަރުގެ މައުލޫމާތުވެސް ހިއްސާކުރާނެއެވެ. އަދި ޕައިލެޓެއްގެ ހައިސިއްޔަތުން ކެޕްޓަނަށް ކިޔައިދޭނެ ރައްކާތެރިކޮށް ދަތުރުކުރަން ޖެހޭ ރޫޓް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގެ ނޯޓިކަލް ސާވިސަސް ޑިޕާޓްމަންޓް (އެންއެސްޑީ) ގެ ސީނިއާ ޕައިލެޓް އަހްމަދު މުއާޒު

ކެޕްޓަން މުއާޒް ވިދާޅުވި ގޮތުގައި މި އުޅަނދުފަހަރުތައް ރާއްޖޭގެ ރިސޯޓުތަކަށް ސަޕްލައި ހިފައިގެން ދެއެވެ. މީގެއިތުރުން އެމްޕީއެލްގެ ބަނދަރުތަކަށާއި ރާއްޖެތެރޭގެ އެހެނިހެން ބަނދަރުތަކަށް ވެސް މި އުޅަނދުފަހަރު ދަތުރު ކުރެއެވެ. އެފަދަ ހާލަތްތަކުގައި، އެ ތަންތަނަށް ވެސް މުދާ އަރުވައިގެން އަންނަ ބޯޓުފަހަރުތައް ރައްކާތެރިކަމާއެކު އެ ބަނދަރުތަކަށް ގެންގޮސް ދިނުމަށް އެ ފަރާތްތަކުން އެދިއްޖެނަމަ، އެ ހިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބޭ ކަމަށް މުއާޒު ވިދާޅުވިއެވެ

މި މަސައްކަތް ކުރާ އިރު ބޯޓުގެ ފަޅުވެރިންނާ މުއާމަލާތްކުރުމުގައި ބޯޓު ފަހަރުގައި ބޭނުންކުރާ ހާއްސަ ކޮމަން ޓާމްސްތަކެއް ހުންނަ ކަމަށް މުއާޒު ވިދާޅުވިއެވެ. މި ކޮމާންޑްތަކަކީ ބޯޓުގެ ފަޅުވެރިންނަށް އާންމުކޮށް އެނގިފައި ހުންނަ ކަންކަމެވެ.

ފަޅުވެރިންނާ ދެމެދު އޮންނަ ގުޅުމަކީ އުޅަނދު އޮމާންކޮށް ދުއްވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށާއި އޭނާ ދޭ ހުރިހާ އިރުޝާދުތަކަކަށް ކްރޫ އިން ތަބާވުމުގައި ފެނިގެން ދަނީ އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ރޫހު ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޕީއެލްގެ ނޯޓިކަލް ސާވިސަސް ޑިޕާޓްމަންޓް (އެންއެސްޑީ) ގެ ސީނިއާ ޕައިލެޓް އަހްމަދު މުއާޒު

ޕައިލެޓުންނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މުއާޒް ވަނީ ހާއްސަ މެސެޖެއް ދީފައެވެ. އެގޮތުން އެ މަގާމަށް އެންމެ އެކަށީގެން ވަނީ ކަނޑު ދަތުރުފަތުރުގެ ތަޖުރިބާ ނުވަތަ ބޯޓެއްގެ ޑެކް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ފަރާތަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ދުނިޔޭގެ ފެންވަރުގައި ރަނގަޅު އާމްދަނީއެއް ލިބޭ ދާއިރާއެކެވެ. ދިވެހިރާއްޖެއަކީ ކަނޑުވެށި ގައުމަކަށްވެފައި، މުސްތަގްބަލުގައި ގިނަ ބަނދަރުތައް ތަރައްގީވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން ގިނަ ޒުވާން ގާބިލު ކުދިން މިފަދަ މަސައްކަތްތަކަށް ކުރިމަތިލުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް މުއާޒް ވިދާޅުވިއެވެ. ޕައިލެޓެއްގެ މަސައްކަތަކީ ވަރަށް ޕްރޮފެޝަނަލް އަދި ޝަރަފްވެރި މަސައްކަތެއް ކަމަށް އޭނ ފާހަގަކުރެއްވިއެވެ.