ދިވެހި ފުލުހުންގެ ހިދުމަތުން އަތުލައިގެންފައި ހުރި ގިނަ އަދަދެއްގެ ބޭރު ފައިސާތަކެއް ގެއްލުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިރޭ މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ފުލުހުން ބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ހުށަހެޅުނު މައްސަލައެއްގައި ސީޒް ކުރެވުނު ފައިސާއާ ބެހޭ ގޮތުން ފާހަގަކުރެވުނު ޖުމްލަ، ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިކަން ފާހަގަކުރެވިފައި ވަނީ އިއްޔެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން 30،000 ޑޮލަރުގެ ފަރަގެއް ފާހަގަވެފައިވާކަމަށް ފުލުހުން ބުންޏެވެ.

"ހަލާކުވެފައިވާ ފައިސާ ވެސް، ފައިސާ ބެހެއްޓިފައިވާ ތަނުން، ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ އެ ކަން ފޮރެންސިކް މެދުވެރިކޮށް ދަނީ ބަލަމުން،" ފުލުހުން ފޮނުވި އިތުރު މެސެޖެއްގައި ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މިހާ ގިނަ އަދަދެއްގެ ފައިސާ ގެއްލުނު މައްސަލަ ބަލަމުންދާ ކަމަށް ބުނި ނަމަވެސް އިތުރު މައުލޫމާތެއް ފުލުހުން ހިއްސާ ކޮށްފައި ނުވެއެވެ. އަދި އިތުރު މައުލޫމާތު ލިބުނުހާ އަވަހަކަށް އެ މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.