ތެދު ދޮގު ބެލުމެއް ނެތި ފެންނަ ކޮންމެ ހަބަރެއް މީސްމީޑިއާގައި ފަތުރާއިރު މި އަމަލުން ނިކުންނާނެ ނަތީޖާއަކާ މެދު ވިސްނާލުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ހުތުބާގައި ބުނީ، ކީރިތި ރަސޫލާ ކުރެއްވި ހަދީޘްފުޅެއްގެ މާނައިގާ ވަނީ އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމެއްގެ ލެޔާއި މުދަލާއި އަބުރު ހަރާމްވެގެން ވާ ކަމަށެވެ. މިއަދުގެ ހާލަތަށް ވިސްނާއިރު، އެންމެ ގިނައިން ފެންނަ އެއް ކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށެވެ.
ހައްގަކާ ނުލައި މީހެއްގެ މުދަލާއި ލެއާއި އަބުރަށް އަރައިގަތުމަކީ ހަރާމް ކަމެއް ކަމަށާއި މިއީ މިއަދުގެ މުޖުތަމައުގައި އެންމެ އާންމުވަމުންދާ ފާފަ ކަމަށް ހުތުބުގައި ބުނެއެވެ. ތެދު ދޮގު ބެލުމެއް ނެތި އެމީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނަނެ ނަތިޖާއަކަށް އެންމެ ފަހަރަކު ވެސް ވިސްނައިލުމެއް ނެތިއެވެ.
މި ކަމުގައި ނަބިއްޔާ ކުރެއްވި ހަދީޘްފުޅެއްގެ މާނަ ހިއްސާކުރަމުން ހުތުބާގައި ބުނީ، މުއުމިނަކާ ބެހޭ ގޮތުން ތެދު ނޫން އެއްޗެއް ބުނި މީހަކު އެ މީހަކު އެ ބުނި އެއްޗަކުން ރުޖޫއަނުވެ ހުރެ މަރުވެއްޖެ ނަމަ މާތްﷲ އެ މީހަކު ނަރަކައިގެ އަހުލުވެރީންގެ ގައިން ނުކުންނަ ފާ ދިޔައިގައި ވަޒަންވެރި ކުރުވާ ހުއްޓެވެ. ތެދު ދޮގު ބެލުމެއް ނެތި ވާހަކަ ދެއްކުމުގެ ސަބަބުން މަޝްރިގާއި މަޣއްރިބާ ދެމެދުގެ ދުރުމިނަށް ވުރެ ވެސް ފުނަށް އޭނާ ނަރަކައިގެ ތެރެއަށް ވެއްޓެއެެވެ.
މިއަދުގެ މުޖުތަމައުއަކީ ވަރަށް ބޮޑަށް ސޯޝަލް މީޑިއާ އަށް ބަރޯސާވެފައިވާ މުޖުތަމއުއެއްކަން ފާހަގަ ކުރަމުން ހުތުބާގައި ބުނީ، ފޭސްބުކް، ޓިކްޓޮކް، ވައިބާ، ޓވިޓާ، ޠުޓިއުބް ފަދަ މީސްމިޑިއާތަކަކީ ވައި ރޯޅިއެއްހެން ހަބަރުތައް ފެތުރައިދޭ މަންސަތަކެއް ކަމަށެވެ. ތެދެއް ވިޔަސް ދޮގެއް ވިޔަސް އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކޮށް ޝެއާ ކުރުމާއި ހިތްވަރުދީ ލައިކުދީ ފަސޭހައިން ވާހަކަތައް ފެތުރެއެެވެ.
މީހަކު މީހެއް ކައިރިގައި ބުނާ ވާހަކައެއް ހަނދާން ނައްތާލަން ވަރަށް ފަސޭހާ ވެދާނެއެވެ. ނަމަވެސް މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހއިްސާޚުރާ ވާހަކަތައް އެތައް ޒަމާނަކަށް ދެމިހުންނަ، އެތައް ބަޔަކު އެހެން މީޙުންނަށް ހިއްސާ ކުރާނެ އެއްޗެކެވެ.
އެގޮތަށް ފެތުރޭ އެއްޗަކީ މީހެއްގެ އަބުރު ކަތިލުމަށް ނުވަތަ ޣީބަ ބުނުން ކަމުގައިވާނަމަ، އެ އެއްޗެއް ފެތުރޭހާ ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެ ކަމަށް ހުތުބާގައި ބުނެއެވެ. އެކަމުގެ ސަބަބުން ގިޔާމަތްދުވަހު ތިބާ ވާހުށީ ބަނގުރޫޓުވެފައިވާ މީހެއް ގޮތުގައި ކަމަށާއި ތިބަގެ ހެޔި އަމަލުތައް ހުސްވެ އަނެކާގެ ފާފަތައް ހިފައިގެން ނަރަކައަށް ދާން ޖެހިދާނެ ކަމަށް ހުތުބާގައި ބުނެއެވެ.
އެހެންކަމުން މިއަދުގެ ހުތުބާގައި ދިން ނަސޭހަތަކީ މީހެއްގެ އަބުރު ކަތިލެވިފައިވާ ނަމަ އެމީހެއްގެ ކިބައިން މައާފަށް އެދި ހިތް ހަލާލު ހޯދާށެވެ. ފާޅުގައި މީހުންނަށް އެނގޭ ގޮތަށް މީހެއްގެ އަބުރަށް އަރައިގެންފައިވާ ނަމަ ފާޅުގައި މއާފަށް އެދޭށެވެ. އަދި އެ ކަން އިސްލާހުކޮށް ތައުބާވެ މާތްﷲގެ މަގަސް ރުޖޫއުވުމަށް ހުތުބާގައި ނަސޭހަތްތެރިވެއެވެ.