ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ގެނައީ ވެސް އަދި ވެރިކަމުން ބާލާނީ ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

މިދިޔަ 5 އަހަރު ރައީސް ސޯލިހް އުޅުއްވީ ގޯސްކޮށް ކަމަށް ވިދާޅުވެ ނަޝީދު ވަނީ ސަލާމަތްވެ ވަޑައިގެން އަވަހަށް ގެއަށް ވަޑައިގެންނެވުމަށް ރައީސް ސޯލިހްއަށް ގޮވާލައްވާފައެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގައި ފެއްޓެވި ހަމަ އެއްވެސް ކަމެއް ނިންމިފައި ނުވާ ކަމަށެވެ. އަދި އެއީ އެކަން ކުރައްވަން ބޭނުންފުޅުވެވަޑައިނުގަންނަވާތީ ނޫން ކަމަށެވެ. އެއީ ރައީސް ސޯލިހްގެ އަރިހުގައި އެކި ކުންފުނިތައް ހުރި ނަމަވެސް ރައީސް ސޯލިހްގެ ހިތްޕުޅުގައި ތަސައްވުރެއް ނެތުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަޅުގަނޑު ގާތުގައި ވަރަށް ގިނަ ބޭފުޅުން ވިދާޅުވޭ އަޅުގަނޑޭ މި ބޭފުޅާ (ރައީސް ސޯލިހް) ވެރިކަމަށް ގެނައީ، އަޅުގަނޑު މިހާރު ދަންނަވާލަން ބޭނުމީ އެ ބޭފުޅާ ވެރިކަމުން ބާލާނީ ވެސް އަޅުގަނޑޭ
ރައީސް ނަޝީދު

ދަ ޑިމޮކްރެޓްސް ގެ ފަރާތުުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިލްޔާސް ލަބީބްއަކީ ހިތްވަރުގަދަ ކެރޭ ބޭފުޅެއް ކަމަށާއި އިލްޔާސްއަށް ކުޑަގޮޅިއަށް ދާން ކެރޭނެ، އެތާނގައި އޮންނަވަން ވެސް ކެރޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުން އެދޭ ސްޕީޑްގައި ކަންކަން ކުރިއަށް ގެންދިއުމާއި ކަންކަން ނިންމުމަށް މިފަހަރު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އިލްޔާސް ލަބީބް ވަރުގެ ކެނޑިޑޭޓެއް ނެތް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑަށް ޔަގީން ތިބޭފުޅުން ތި އެދިލައްވާ ސްޕީޑްގައި ކަންކަން ކުރިއަށް ގެންދިއުމަށް ކަންކަން ނިންމުމަށް މިފަހަރު ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރެއިން އިލްޔާސް ލަބީބް ވަރެއް ހަމަކަށަވަރުން ވެސް ނެތް
ރައީސް ނަޝީދު

ނަޝީދު އިތުރަށް ވިދާޅުވީ އިލްޔާސްއަކީ ގައުމު ހިންގަން ބޭނުންވާ "ސްޓޭޓްކްރާފްޓް"ގެ އިލްމާއި ވިސްނުން ހުރި ހަމައެކަނި ކެނޑިޑޭޓް ކަމަށެވެ. އަދި ތަސައްވުރެއް އޮވެ ވިސްނުންތެރިކަމާއެކީ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

ރައީސް ސޯލިހްއަށް ފާޑުވިދާޅުވެ ނަޝީދު ވާހަކަ ދައްކަވާފައިވާއިރު އެމަނުކުފާނު ވަނީ އިދިކޮޅު ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން ދެން ގިނަ ދުވަހު ޖަލުގައި ނުހުންނަވާނެ ކަމަށާއި ރައީސް ޔާމީން މިނިވަން ކުރުމަށް ވަކާލާތު ކުރާނެ ކަމަށާއި ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހްތިޖާޖުތަކުގައި މަގު މައްޗަށް ވެސް ނުކުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭން ބޭރުގެ ވަކީލުންނާއި ގެނެސް ވަކާލާތު ކުރުމުގެ އިތުރުން ބައިނަލްއަގްވާމީ ފަރާތަކާއެކު އެ މަނިކުފާނު މިނިވަން ކުރުމަށް ވާހަކަދައްކަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.