އަންނަ މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން އަންނަ ހަފްތާ ބަންދުގައި ފަށާނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދުރޭ ވިދާޅުވީ، ޕީޕީއެމް އާއި ޕީއެންސީ އޮތީ މުއިއްޒު ފަހަތުގައި ބަދަހިކޮށް ކަމަށާއި މި އިންތިހާބު އެ ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ކެމްޕެއިނުގެ ހަރަކާތްތަކަށް މާލެއިން ޓީމުތައް އަތޮޅުތެރެއަށް މި ހަފްތާ ބަންދުގައި ފުރަން ފަށާނެ ކަމަށާއި އެ ޓީމުތަކުން މާލެ ދެން އެނބުރި އަންނާނީ ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އަދުރޭ ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ މެނިފެސްޓޯ އަކީ ޔާމީންގެ މެނިފެސްޓޯ ކަމަށާއި ރިޔާސީ އިންތިހާބަށް އިދިކޮޅުން ނިކުންނާނީ އެ މެނިފެސްޓޯ ހިފައިގެން ކަމަށެވެ. އަދި މެނިފެސްޓޯގައި ހިމެނޭ ބައިތައް ކުރިއަށް އޮތް ދުވަސްތަކުގައި ލޯންޗު ކުރެވޭނެ ކަމަށާއި ރޭވުންތެރި ކަމާއެކީ އެކަން ކުރިއަށް ދާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ދެ ޕާޓީގެ ލީޑަޝިޕުން އެއްގަލަކަށް އަރައި، ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ރިޔާސީ އިންތިހާބުގައި ޔާމީނާއި މުޅި ލީޑަޝިޕް ވެސް މުއިއްޒު އެންޑޯޒް ކުރަން ނިންމިކަން އިއުލާން ކުރައްވާފައި ވާއިރު އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ޔާމީން މިނިވަން ކުރުން ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އޭނާގެ ވެރިކަމެއްގައި ހުރިހާ ކަމެއް ކުރައްވާނީ ޔާމީންގެ ލަފާފުޅާއި މަޝްވަރާގެ މަތިން ކަމަށެވެ. އަދި ފަސް އަހަރުގެ ތެރޭގައި ކުރިއަށް ގެންދަވާނީ ޔާމީންގެ ތަރައްގީގެ ލެގަސީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަލު ހުކުމާ ހެދި ޔާމީންގެ ޝަރުތު ހަމަނުވެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަ ނުކުރެއްވޭ ގޮތް މެދުވެރިވުމުން ޔާމީން ފުރަތަމަ އެދިވަޑައިގަތީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ. އެކަމަކު ޕީޕީއެމްގެ ސެނެޓުން އިންތިހާބުގައި ވާދަކުރަން ނިންމުމުން ޕާޓީ ތެރޭގައި ހިޔާލު ތަފާތުވުން އުފެދުނެވެ. ނަމަވެސް މުއިއްޒު ކެންޑިޑެސީ ފޯމު ހުށަހަޅަން ދަރުބާރުގެއަށް ވަޑައިގެން ހުންނަވަނިކޮށް ޔާމީން ވިސްނުންފުޅު ބަދަލުކުރައްވާފައި ވާކަން އަދުރޭ ވަނީ މީގެ ކުރިން އިއުލާން ކުރައްވާފައެވެ.