ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާ ކުރިއަށް ދިޔަ ވަގުތު، ފުވައްމުލަކުގައި ފުލުހުންނާއި އެ ރަށުގެ އިދިކޮޅު ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިނގައި، ހަތަރު މީހަކަށް އަނިޔާވެ ފަރުވާ ދީފިއެވެ.

ޖަލްސާ ކުރިއަށް ދިޔަ ވަގުތު، އިިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބައެއް ސަޕޯޓަރުން ވަނީ އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ޖަލްސާ އޮތް ސަރަހައްދު ކަމަށްވާ ފުވައްމުލަކުގެ މިސްކިތްމަގު އަވަށުގައި ހުންނަ މައިލޯ ސްޓޭޑިއަމާ ކައިރި ސަރަހައްދަކަށް އެއްވެ، މުޒާހަރާ ކޮށްފައެވެ.

މި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް މީހުން، ރަޔަޓް ގިއަރުގައި ތިބި ބައެއް ފުލުހުންނާ ދިމާލަށް އޮށްގާ އުކާ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އިދިކޮޅުން އޮށްގާ އުކުމުން ބަދަލުގައި ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ހަމަނުޖެހުން މަތަކުރުމަށް މަސައްކަތް ކޮށްފައެވެ.

ވަކި ހިސާބަކުން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހި، ވަނީ ކައިރީގައި ހުރި ކެފޭއަކަށެވެ. އެތަނުގައި ހިނގި ކުރިމަތިލުން ތަކުގައި ދެ ފުލުހަކަށާއި އާންމުންގެ ދެ މީހަކަށް އަނިޔާވެ، ހަތަރު މީހަކަށް ފަރުވާ ދޭން ޖެހުނެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އިތުރު ބަޔަކަށާއި ފުލުހުންނަށް ވެސް އެކިވަރުގެ އަނިޔާ ވެފައި ވެއެވެ.

ރޭ ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ މުޒާހަރާގައި ބައިވެރިވި ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ، އެ ތިން މީހުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށާއި، އެއްވެސް ނުރައްކަލެއް ނެތް ހާލަތެއްގައި މުޒާހަރާގެ ބައިވެރިން ވަލުތެރެއަށް ފަހައި އެ ތަނަށް ވަދެ އަނިޔާކޮށްފައިވާ ކަމަށާއި، އެކަމާ ގުޅިގެން އެ މީހުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަނިޔާ ލިބިފައިވާ ކަމަށެވެ.

އެ ތިން މީހުން ދޫކޮށްލުމަށް ގޮވާލައި، މުޒާހަރާގައި އަޑުއުފުލުމަށް ބޭނުންކުރި ޕިކަޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ސަރުކާރުގެ އޯޑަރަށް ކަމަށް، އެ ކޯލިޝަންގެ ބަޔާނުގައި ތުހުމަތު ކޮށްފައި ވެއެވެ.

އާންމު ގޮތެއްގައި ރަށްރަށަށް ތާއީދު ހޯއްދެވުމަށް ރައީސް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް، އިދިކޮޅުން ގިނަ ފަހަރަށް މުޒާހަރާކޮށް، ހިޔާލު ފާޅުކުރެއެވެ. އިދިކޮޅުން މައިގަނޑު ގޮތެއްގައި ގޮވާލަމުން ދަނީ ކޯލިޝަންގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރެއްވޭ ގޮތް ހެދުމަށެވެ.