މާލެ ސަރަހައްދުގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މިރޭ ހުޅުވުމަށް ހަމަޖެހިފައިވާ ކާނިވަލަށް ޒިޔާރަތް ނުކުރުމަށް އާބަންކޯއިން އިލްތިމާސް ކޮށްފިއެވެ.

މި ކާނިޔާ ހުޅުވުމަށް ހަމަޖެހިފައިވަނީ މިރޭ 08:30ގައެވެ. އާބަންކޯއިން ބުނީ ކާނިވަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ކާނިވަލުގައި އުޅޭއިރު ވީހާވެސް ގައިދުރުކަން ބެހެއްޓުމަށާއި ގިނަގިނައިން އަތް ދޮވުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

މިރޭ ކާނިވާ ހުޅުވިގެން ދާއިރު، 6 ދުވަހުގެ މުއްދަތަކަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި އެހެންކަމުން ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ކާނިވަލަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.

މިރޭ ކާނިވާ ހުޅުވުމަށް ހަމަޖެހިފައިވާއިރު އެމްއެންޑީއެފްއިން ވަނީ މިރޭ 21:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވާ އަރުވާނެ ކަމަށް ބުނެފައެވެ. މިހަރަކާތް ކުރިއަށް ގެންދާނީ ގާތްގަނޑަކަށް 8 މިނެޓެއްހާ އިރަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިފަހުން ރާއްޖޭގައި ބާއްވާ އެންމެ ކުލަ ގަދަ ކާނިވާ ކަމުގައިވާ މިނިވަން އުފާ ކާނިވަލް 2023 އަކީ ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާބަންކޯ އާއި ހޯމް މިނިސްޓްރީ ގުޅިގެން ހުޅުވާ ކާނިވަލެކެވެ.

މި ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. އޭގެތެރޭގައި ކާނިވަލް ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާއި އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެއެވެ. އަދި ދިރާގުގެ ފަރާތުން ޑްރޯން ޝޯ އާއި ލޭޒާ ޓެގް ގެ ހަރަކާތްތައް ވެސް ހިމެނެއެވެ.

މިނިވަން އުފާ ކާނިވަލްގެ ހަރަކާތްތައް އިންތިޒާމް ކޮށްފައި ވަނީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ބައިވެރި ވެވޭނެ ފަދަ ގިނަ ހަރަކާތްތަކެއް ހިމަނައިގެންނެވެ. އަދި މުޅި ޕާކު ކާނިވަލެއް ރަމްޒުކޮށްދޭ ގޮތަށް ޒީނަތްތެރި ކޮށްފައިވާ އިރު، ހިތްފަސޭހަ މާހައުލެއްގައި އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވަގުތު ހޭދަކޮށްލުމަށް ހާއްސަ ޒޯންއެއް ވެސް ޕާކުގައި ހުންނާނެއެވެ.

މި ޕާކަށް ވަނުން މުޅިން ހިލޭ ކަމަށާއި ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ވަރަށް ހާއްސަ ގުރުއަތެއް ނެގުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ކިއުއާރް ކޯޑެއް މެދުވެރިކޮށް ރަޖިސްޓާ ކޮށްލުމުން މި ގުރުއަތުގައި ބަައިވެރިވެގެން، އުރީދޫގެ ހެޔޮ އެދުންތަކާ އެކު އިންޑޮނީސިއާގެ ބާލީއަށް 7 ދުވަހުގެ، އެކޮމޮޑޭޝަން އަދި ޓްރާންސްޕޯޓާ އެކު ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

މި ޕާކް ކުރިން ހުޅުވަން ހަމަޖެހިފައި ވަނީ ރޭގައެވެ. ނަމަވެސް މި މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތަކުން ފެށިގެން މާލެ ސަރަހައްދުގައި ބޭރަށް ހިންގާ ރޯގާއެއް ފެތުރެމުން ދިއުމުން ކާނިވާ ހުޅުވުން ވަނީ ފަސްކޮށްފައެވެ.

މި ރޯގާ އާ ގުޅިގެން އެޗްޕީއޭއިން ބުނީ، މިއީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށާއި މިއީ ހަލުވިކަމާއެކު ފެތުރޭ ވައިރަސްއެއް ކަމަށެވެ. ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.