ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކަން އިއުލާން ކުރައްވާފައިވާ ޕީޕީއެމްގެ ކެންޑީޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓެއްގެ ގޮތުގައި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ހަމަޖައްސަވައިފިއެވެ.
ތޮލާލަކީ ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ވެސް ތޮލާލް ވަނީ ކުރައްވާފައެވެ. ޕީޕީއެމްއިން ޔާމީންގެ އިންތިހާބީ އެޖެންޓެއް މިއަދު އިއުލާން ކޮށްފައިވީ ނަމަވެސް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ދިޔުމާއެކު އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ.
ކްރިމިނަލް ކޯޓުން ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު މައްސަލަ ހައިކޯޓުގައި ތާށިވެ ލަސްވާތީ، ޔާމީންގެ އިންތިހާބީ ހައްގު ކަށަވަރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އިއްޔެ ބޭރުކޮށްލުމުން، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. އަދި ކަރެކްޝަންސްގެ އެހީތެރިކަމާއެކު ޔާމީނުގެ ކެންޑިޑެސީ ފޯމު ފުރުމަށް ފުރުސަތު ލިބިފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަން ކަށަވަރު ވާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މައްސަލަ އެމަނިކުފާނާ އެއްކޮޅަށް ނިމުމުންނެވެ. އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން ޔާމީނާ އެއްކޮޅަށް މައްސަލަ ނުނިމިއްޖެ ނަމަ، އިންތިހާބުގައި ޔާމީނަށް ވާދައެއް ނުކުރެއްވޭނެއެވެ.
ނަމަވެސް ޔާމީން ނޫން ބޭފުޅަކު އިންތިހާބުގައި ވާދަ ނުކުރާނެކަމަށް ތަކުރާރުކޮށް ޕީޕީއެމް އިން ދަނީ ބުނަމުންނެވެ. ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރުމަށް އިއްޔެ ހުޅުވާލި ފުރުސަތު އަންނަ މަހު 7 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.