ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން "މިލިޓަރީ ޑިސްޕްލޭ" އެއް ހުށަހަޅައިދީފިއެވެ.

ޖުމުހޫރީ މައިދާނުގައި ބޭއްވި މި ޑިސްޕްލޭ ހުށަހެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒުއެވެ.މި ޑިސްޕްލޭގައި ވަނީ، ދިވެހިރާއްޖެއަށް ކުރިމަތިވާ ނިރުބަވެރި ހަމަލާއަކާ ދެކޮޅަށް އެއްގަމާއި ކަނޑާއި ވައި ބޭނުންކޮށްގެން ގައުމީ ދިފާއީ ބާރު ގެ ސިފައިން ހިންގާ ޖޮއިންޓް އޮޕަރޭޝަނެއްގައި، ގާބިލުކަމާއި ކުޅަދާނަކަމާއެކު ހަރަކާތްތެރިވާ މަންޒަރު ދައްކުވައިދީފައެވެ.

މީގެއިތުރުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ބޭއްވި ދިދަ ޖެހުމާއި، ގާޑު މައުންޓް ކުރުމުގެ ހާއްސަ ރަސްމިއްޔާތެއް މިއަދު ހެނދުނު ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު މާލޭގައި ހުންނަ ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަހައްދުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް އެ ސަރަހައްދަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ހަސަން ރަޝީދެވެ.

ދިވެހިރާއްޖޭގެ އިއްޒަތާއި ގައުމީ މިނިވަންކަން ދިފާއުކުރުމުގައި 1988 ނޮވެންބަރު 3 ގައި ޝަހީދުވި މަތިވެރި ބަތަލުންގެ ޒިކުރާ އާކުރުމުގެ ގޮތުން ބޭއްވި މި ރަސްމިއްޔާތުގައި، ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ އިތުރުން ސިފައިންގެ ހާއްސަ ލަވަޔާއި ދުއާ ކުރުން ކުރިއަށްދިޔައެވެ.

މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ މިއަދު ފަތިހު ބޭއްވި ބޮޑު ޖަމާޢަތުގެ ފަތިސް ނަމާދުންނެވެ. އެ ނަމާދުގައި ގައުމުގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި ދައުލަތުގެ އިސްވެރިން ބައިވެރިވެ، ގައުމަށް ނަސްރާއި ނަސީބު މިންވަރުކޮށްދެއްވިކަމަށްޓަކައި ﷲ ތައާލާއަށް ޝުކުރު ދަންނަވައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެދި ދުއާކޮށްފައިވެއެވެ.