އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާ އަންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުންނެވެ.
ވަޒީރު ސައީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސްއަޅައި، ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާ ހިލާފުވަމުންދާ ކަމަށް ބުނެއެވެ. އަދި އިގްތިސާދީ އިސްލާހުތައް ގެނައުމަށް އެދެވޭ އެއްވެސް ސިޔާސަތެއް ތަންފީޒުކުރެވިފައި ނެތުމުގެ ސަބަބުން، ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާކަމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ދައުލަތުގެ މާލީ ހާލަތު މިވަގުތު އޮތް ގޮތުން ދަތިތަކެއް ހުރިއިރު، ރާއްޖެއިން ބޭރުގައި ބޭއްވި އިންވެސްޓަރު ފޯރަމްތަކަށާއި މަޝްރޫއުތައް ފެށުމުގެ ރަސްމިއްޔާތުތަކަށް ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށްވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.
މާދަމާ އަންނަ މަޖިލިސް ޖަލްސާގައި މި މައްސަލައާ ގުޅޭގޮތުން ބަހުސްކޮށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވާއިރު މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީއަށެވެ.
