ފުލުހުންގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް ވަޒީފާއަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިފިއެވެ.

ފުލުހުން ބުނީ މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން 15 ނޮވެމްބަރު 2026 ގެ 16:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހޭނެކަމަށެވެ. އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައިނުގަންނާނެކަމަށް ވަނީ ބުނެފައެވެ.

ވަޒީފާއަށް އެދި ހުށަހަޅާ މީހަކީ ގްރޭޑް 10 ނިންމާފައިވާ މީހަކަށް ވާންޖެހޭ އިރު، އެމީހާ އަކީ މީލާދީ ގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމަކީ އެ ވަޒީފާއަށް ހުށަހަޅާ ފަރާތްތަކުގެ ޝަރުތެއްގެ ގޮތުގައި ހިމެނޭ ކަންކަން ކަމަށް ފުލުހުން ބުނެއެވެ.

ހަމައެއާއެކު އެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި ހުރުން އަދި އަންހެނެއް ނަމަ އިސްކޮޅު 5 ފޫޓު 2 އިންޗި ހުރުމަކީ ވެސް ޝަރުތެކެވެ.

ވަޒީފާއަށް ކުރިމަތިލާ މީހަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމަކީ ވެސް ވަޒީފާއަށް އެދޭ މީހާގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން، ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ މީހަކަށް ނުވުމާއި ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުމާ އަދި ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށް ވެސް ވާން ޖެހެއެވެ.

ވަޒީފާއަށް މީހުން ހޮވުމުގައި ބަލާނެ ކަންކަމުގެ ތަފްސީލް ހާމަ ކުރަމުން ފުލުހުން ބުނީ، އެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އަދި ފެތުމުގެ ޓެސްޓުން ފާސްވާން ވާނެ ކަމަށެވެ. އަދި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރަފީ ޓެސްޓް އަދި ކުރެވޭ އިންޓަވިއުއިން ފާސްވާން ޖެހެއެވެ.