އަމާޒަކީ ފްލެޓް ގަނެފައިވާ ފަރާތްތަކުގެ އިތުރުން ޑިވެލޮޕާސް އަށްވެސް ގެއްލުން ނުވާނެހެން އަވަހަށް ޕްރޮޖެކްޓްތައް ނިންމުން ކަމުގައި އާބަންކޯއިން ބުނެފިއެވެ.
އާބަންކޯއިން މިހެން ބިނެފައި ވަނީ ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއް ފާއިތުވުމާ ގުޅިގެންނެވެ. އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފަރާތުން މަސައްކަތް ކުރަމުން ގެންދަނީ ފްލެޓްތައް ގަނެފައިވާ ފަރާތްތަކަށް ވީހާވެސް ގެއްލުން ކުޑަވާނެ ގޮތެއް ބަލައިގެން ކަމަށެވެ.
އެގޮތުން ޕްރޮޖެކްޓް ގެ 91 ޕަސެންޓް މިހާރު ނިމިފައިކަން ފާހަގަކޮށް އާބަންކޯއިން ބުނީ ޑިވެލޮޕަރު ބަދަލުކޮށް އާ ޑިވެލޮޕަރެއް ހޯދައި، މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެ ކޯޕަރޭޝަނުން އެ ކުންފުންޏާއި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރިއަށް ގެންގޮސް ވީހާވެސް އަވަހަކަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އަމާޒަކީ މި މަސައްކަތުގައި މިހާރު ވެފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުއާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުން ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އާބަންކޯއިން މާލެއާއި ހުޅުމާލޭގައި ހައުސިން އާއި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނުގެ އިތުރުން ވިނަރެސް ފްލެޓް ތަކަކީ ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫއުތަކެވެ.