ކުރިއަށް އޮތް ރިޔާސީ އިންތިހާބަ ގުޅޭ ގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) މަޝްވަރާ ކޮށްފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ ރޭ 21:30 ގައި މާލޭ ހެންވޭރު ކޮޅުގައި ހުންނަ ވިންޓޭޖް ގާޑަންގައެވެ.
ހިނގަމުން ދާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ބަދަލުކުރަން ކަމަށްބުނެ ޕީޕީއެމް/ޕީއެންސީ އިން ދަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވާ 'ދަ ޑިމޮކްރެޓްސް'އާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ.
ޕީޕީއެމުން ރޭ އެމްއެންޕީއާއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވި ނަމަވެސް އެ ބައްދަލުވުމާ ގުޅޭ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި އެ ކޯލިޝަނުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. އަދި އެމްއެންޕީގެ ފަރާތުން އެންމެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވރ ވަޑައިގަތީ އެ ޕާޓީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.
ޕީޕީއެމުން ޔާމީންގެ ރިޔާސީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ޔާމީން ޖަލަށްލުމާ އެކު، ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ވަނީ ވަރަށް ހަނިވެފައެވެ.
މީގެ އިތުރުން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ފުރުސަތު ހަނިވެފައިވީ ނަމަވެސް އިދިކޮޅުން ތަކުރާރުކޮށް ބުނަމުން ދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށާއި ރައީސް ޔާމީންގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ.