ދެ ކައުންސިލެއްގެ ރައީސުންގެ މަގާމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މި ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ، ވ. ތިނަދޫ ކައުންސިލުގެ ރައީސާއި، ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ހޮވުމަށެވެ. މީގެއިތުރުން ވ. ތިނަދޫ އަދި އައްޑޫސިޓީ ހުޅުދޫ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިހާބު ކުރުމަށްވެސް ވޯޓުލުން ކުރިއަށްދެއެވެ.

މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތަފްސީލު:

  • ވ. ތިނަދޫ ކައުންސިލުގެ ރައީސްކަމަށް: ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 1 ކެންޑިޑޭޓް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 1 ކެންޑިޑޭޓް.
  • ހއ. ވަށަފަރު ޑަބްލިއުޑީސީގެ ރައީސްކަމަށް: އަމިއްލަ ގޮތުން ވާދަކުރާ 1 ކެންޑިޑޭޓް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 1 ކެންޑިޑޭޓް.
  • އައްޑޫސިޓީ ހުޅުދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށް: ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ 1 ކެންޑިޑޭޓް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 1 ކެންޑިޑޭޓް.
  • ވ. ތިނަދޫ ޑަބްލިއުޑީސީގެ މެންބަރުކަމަށް: އަމިއްލަ ގޮތުން ވާދަކުރާ 1 ކެންޑިޑޭޓް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 1 ކެންޑިޑޭޓް.

މި ބައި-އިލެކްޝަނުގައި ވޯޓުލުމަށްޓަކައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި މާލެ ސަރަހައްދުގައި 5 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 3،776 މީހަކަށް ލިބިގެންވެއެވެ. އިންތިހާބުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި 81 އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، މޮނިޓަރުންނާއި، އޮބްޒާވަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އީސީން މައުލޫމާތު ދޭ ގޮތުގައި މި އިންތިހާބުތަކުގެ ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.