މާލެ ސަރަހައްދުން ގޯތި ދޫކުރުމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި ސިޔާސީ އަމަލެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅުން ބުނީ ރިޔާސީ އިންތިހާބަށް 75 ދުވަހަށް ވުރެ ގާތްވެފައިވަނިކޮށް މާލޭ ސަރަހައްދުގައިވާ ދިވެހިންގެ ބިންތައް އެންމެ ހައްގުވާ ފަރާތްތައް ބެލުމެއް ނެތި، ނަހަމަ ގޮތުގައި ބަހާލި ބާހަލުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލޭ ސަރަހައްދުން ހިއްކާފައިވާ ބިންތަކުގައި ހުސްކޮށް ބިން ކޮޅެއް އޮތްނަމަ އެބިންތައް ވަނީ އެއްވެސް އިންސާފެއް ނެތި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގާތް މީހުންނާއި ސަރުކާރުގެ ބޮޑުންނަށް ބަހާލާފައި ކަމަށާއި އޭގެ ތެރޭގައި ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ގުޅީފަޅު ގެ އިތުރުން އަދި ހިއްކުމުގެ އީޕީއޭވެސް ހާދަފައި ނުވާ ސަރަހައްދުތައް ހިމެނޭ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އިދިކޮޅުން ބުނީ ގޯތި ބެހުމުގައި އެއްވެސް އިންސާފުވެރިކަމެއް ނެތްއިރު މިސަރުކާރުގެ 20000 ފްލެޓްގެ ވައުދު ފުއްދުމަށް ކުރެވުނު މަސައްކަތެއް ނެތް ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ފަށްޓަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރޭގައި ހިމެނޭ އެތައް ފްލެޓެއް ހުސްކޮށް އެއްވެސް ރައްޔިތަކަށް ނުދީ އެތަންތަން ނިންމުމަށްވެސް އެއްވެސް މަސައްކަތެއް ނުކޮށް ހުރި ކަމަށެވެ.
ހަމަހަމަކަމެއް އިންސާފެއް ނެތި ހައްގުވާ ފަރާތްތައް ބެލުމެއް ނެތި، ރާއްޖޭގެ އެތައް ރައްޔިތަކު ބާކީކޮށް ގާތް އެކުވެރިންނާއި ސަރުކާރުގެ ބޮޑުންނަށް ބިންތައް ބަހާލުމާއި ހިއްކާފައި ނުވާ ސަރަހައްދުތަކަކުން ގޯތި ހަމަޖައްސައިދީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން ހިންގާފައިވާ ޖަރީމާތައް އެސީސީއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ބެލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.