އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ލުބުނާނާއި ބޫޓާން ވާދަކުރި މެޗު ފަސޭހަ ކަމާއެކު ލުބުނާނު ކާމިޔާބުކޮށްފިއެވެ.
ލުބުނާނުން މިމުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ބޫޓާން ބަލިކޮށްފައިވަނީ 4-1 ގެ ސްކޯލައިނަކުންނެވެ. މިމެޗުގައި ލުބުނާނުން 4 ލަނޑު ވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ.
މިގޮތުން، މެޗުގެ ފުރަތަމަ ހާފްގައި ލުބުނާނުން ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ދައްކާފައެވެ.
މެޗުގެ ދެވަނަ ހާފްގައި ބޫޓާންއިން ކުޅުން ރަނގަޅުކުރި އިރު އެޓީމަށް ޕެނަލްޓީއެއްވެސް ލިބުނެވެ. އެހެން ނަމަވެސް މި ޕެނަލްޓީ އެޓީމުން ޖެހީ ބޭރަށެވެ.
މެޗުގައި ބޫޓާންއިން ޖެހި ހަމައެކަނި އެޓީމުން ކާމިޔާބުކުރީ މެޗުގެ 79 ވަނަ މިނެޓްގައެވެ.
މިމެޗުން ބަލިވުމުން މުބާރާތުގެ ސެމީއަށް ދިއުމުގެ ފުރުސަތު ބޫޓާންއަށް މިވަނީ ވަރަށް ހަނިވެފައެވެ. އެއީ މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކުޅެ ބަލިވެފައި އޮތުމުންނެވެ. ގްރޫޕް ސްޓޭޖްގައި ބޫޓާންއިން ކުޅޭ އެންމެ ފަހު މެޗުގައި ވާދަކުރާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެމެޗުން ބޫޓާން އަށް މޮޅުވުން ނޫން ގޮތެއް ނޯންނާނެއެވެ.
މިއަދުގެ މެޗުން މޮޅުވި ލުބުނާނު މިހާރު ވަނީ ގްރޫޕް ބީގެ އެއްވަނައަށް އަރާފައެވެ. އެއީ ކުޅުނު ދެމެޗުން މޮޅުވެގެން 6 ޕޮއިންޓް ހޯދައިގެންނެވެ. ސެމީއިން ޖާގައެއް ކަށަވަރުކުރަން ލުބުނާނަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.