މާލޭ އުސްފަސްގަނޑާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަތަކުގެ ތެރޭގައި މީހަކު ތާށިވެގެން، އެމީހާ ސަލާމަތްކުރުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ފަށައިފިއެވެ.
ފުލުހުން ބުނީ، ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ސްކޭޓް ޕާކާ ދިމާ ތޮށިގަނޑު ހިލަތަކުގެ ތެރޭގައި މީހަކު ތާށިވެފައި އޮތް ކަމުގެ ރިޕޯޓު ފުލުހުންގެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 17:16 ހާއިރުގައެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި ހިލަތަކުގެ ދޭތެރޭގައި ތާށިވެފައިވާ މީހާ ސަލާމަތްކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އާއި ފުލުހުން ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ތާށިވެފައިވަނީ ކާކުކަން އަދި އެމީހާއަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ސަލާމަތީ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.
އެމީހާ ސަލާމަތް ކުރުމުގެ މަސައްކަތް މިހާރުވެސް އެ ސަރަހައްދުގައި ކުރިއަށް އެބަދެއެވެ.
