2028ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ޓިކެޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިރޭ އަރުވައިފިއެވެ.

ރައީސް ޑރ. މުއިއްޒަށް ޓިކެޓު އެރުވީ ޕީއެންސީގެ މަތީ މަޖިލިސް ނިންމުމަށް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައެވެ. ރައީސަށް ޓިކެޓު އެރުވީ ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަދި އެ ދެ ބޭފުޅުންގެ ފަހަތްޕުޅުގައި ޕީއެންސީގެ މަގާމުތަކުގެ ބޭފުޅުންގެ އިތުރުން މަޖިލިސް މެންބަރުން ވެސް ތިއްބެވިއެވެ.

ރައީސް މުއިއްޒު ދެވަނަ ދައުރަކަށް ވެރިކަމަށް ވާދަކުރެއްވުމަށް، ޕާޓީގެ އެތެރޭގައި ބާއްވާ ޕްރައިމަރީ ނުބާއްވާ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވަން ޕީއެންސީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހެޅީ އިއްޔެއެވެ. އެ ގަރާރާ މެދު ގޮތެއް ނިންމަން އަތް ހިއްލައިގެން ނެގި ވޯޓުގައި ބައިވެރިވި 1،119 މެންބަރުންގެ އިއްތިފާގުން ވަނީ އެ ގަރާރު އިއްޔެ ވަނީ ފާސްކޮށްފައެވެ.

https://www.facebook.com/share/v/1CBRhRdijj/?mibextid=wwXIfr

އެ ގަރާރުގައި ބަޔާންކޮށްފައިވަނީ، ޕީއެންސީގެ އަސާސީ ގަވާއިދުގެ 88 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ޕާޓީގެ މެންބަރަކު ދެވަނަ ދައުރަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާނަމަ، ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން ވެސް ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރު ވެރިކަމުގެ ޒައާމަތާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޢިއްޒު ކުރައްވަމުން ގެންދަވަނީ ޕާޓީގެ މެންބަރުންނާއި ދިވެހި ރައްޔިތުން ފަހުރުވެރިވާ ފަދަ އަގުހުރި މަސައްކަތްޕުޅުތަކެކެވެ.

އެގޮތުން ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމާއި، ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލުކަން ގާއިމުކުރެއްވުމުގެ އިތުރުން، ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ދިވެހި ފަސްގަނޑުގައި ނެތްކަން ކަށަވަރުކޮށްދެއްވާފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެއެވެ. އަދި ފަހުރުވެރި 'ދިވެހިންގެރާއްޖެ' ބިނާކުރެއްވުމުގެ ތަސައްވުރު ހަގީގަތަކަށް ހައްދަވައިދެއްވުމަށާއި،ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުއްވުމަށް އެމަނިކުފާނު އަޅުއްވަމުން ގެންދަވާ ހަރުދަނާ މާލީ ފިޔަވަޅުތައް ވެސް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހޮވިވަޑައިގަތީ 129,159 ވޯޓާއެކު އެވެ. އެއީ 54.04 ޕަސެންޓެވެ. ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީވެސް މެއެވެ. އެ ޕާޓީއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕީޕީއެމްގެ ތެރެއިން އުފަންވި ޕާޓީއެކެވެ.