ހުޅުމާލޭ ހިޔާ ފްލެޓެއްގެ ބެލްކަނީގައި ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 އޯގަސްޓް 27 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި މި ދެ މީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން ފުލުހުން ދިޔައީ މި މައްސަލަ ބަލަމުންނެވެ.

އެ މައްސަލައިގަ އެންމެ ފަހުގެ ތަފްސީލް ހާމަކުރަމުން ފުލުހުން ބުނީ، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ކަމަށެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.