މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަހައްދުގައި ހިންގަމުންދާ ފުޑްކޯޓު ޔުނިޓުތައް ހުސްކުރަން ވިޔަފާރިވެރިންނަށް އަންގައިފިއެވެ.
ފުޑްކޯޓުގެ ޔުނިޓްތައް ހިންގަމުންދަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބެލުމުގެ ދަށުންނެވެ. އެނގިފައިވާ ގޮތުގައި އެތަންތަން ހުސްކުރުމަށް އެސްޓީއޯއިން މިހާރު ވަނީ ވިޔަފާރިވެރިންނަށް އަންގާފައެވެ.
އަދި އެއީ މާލޭގެ ހުޅަނގުދެކުނު ހާބަރު ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ހިންގާ މަޝްރޫއަށް ޖާގަ ދިނުމުގެ ގޮތުން ކަމަށް މި ނޫހަށް ވަނީ އެނގިފައެވެ.
އަދި ހަމަ އެހެންމެ އެ ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން ކުއްޔާއި މަރާމާތު ފީގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން އޮތްނަމަ، އެ ފައިސާގެ ތަފުސީލާއި، ފައިސާ ދައްކައި ހަލާސްކުރަންޖެހޭ ތާވަލު މި 90 ދުވަހުގެ ނޯޓިސް ހަމަވުމުގެ ކުރިން އެ ފަރާތްތަކާ ހިއްސާކުރާނެ ކަމަށްވެއެވެ.
ގާތްގަނޑަކަށް 30 ހާސް އަކަފޫޓުގެ އެ ސަރަހައްދުގައި 26 ފުޑްކޯޓް ޔުނިޓް ހުންނައިރު އެތަންތަން ކުއްޔަށް ދީފައި ވަނީ 2018 ވަނަ އަހަރުއެވެ. އެތަން ތަރައްގީކޮށްފައި ވަނީ 32 މިލިއަން ރުފިޔާގެ ބޮޑު ހޭދައެއް ކޮށްގެންނެވެ.
މި ސަރަހައްދު އަލުން ތަރައްގީކުރުމުގެ މަޝްރޫއަކީ މާލޭގެ ވިޔަފާރި ބަނދަރާއި ހާބަރު ސަރަހައްދުގެ އުމްރާނީ ތަރައްގީއަށް މުހިންމު ބަދަލުތަކެއް ގެނައުމަށް ރޭވިފައިވާ މުހިންމު މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.
