ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާއަށް މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު ހަމަލާދިން މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ނިއުރޭޑިއަންޓުން ގޮވާލައިފިއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ރޭ ބައްދަލުކުރި މެޗުގެ 76 ވަނަ މިނިޓުގައި ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ވަނީ ހިންގާފައެވެ. މި ހަމަނުޖެހުމުގެ ތެރޭގައި މާޒިޔާގެ އެސިސްޓެންޓް ކޯޗު ސުޒޭރު ވަނީ ނިއުގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯގެ މޫނުމަތީގައި ޖަހާފައެވެ. އެއާއެކު ރެފްރީ ވަނީ ސުޒޭރުއަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
އެ ހަމަލާގައި ލޫސިއާނޯގެ ނޭފަތް ފަޅައިގެން ގޮސް ލޭ އައިސްފައި ވެއެވެ.
މި ހަމަލާއާ ގުޅިގެން ނިއު ރޭޑިއަންޓުން ނެރުނު ބަޔާނުގައި ވަނީ މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު، ނިއުރޭޑިއަންޓްގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯގެ މޫނުމައްޗަށް ހަމަލާދީ އަނިޔާކުރި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އަދި ޖިސްމާނީ ގޮތުން ދޭ މިފަދަ ހަމަލާތަކަކީ ފުޓްބޯޅައިގައި އެއްވެސް ޖާގައެއް އޮތް ކަމެއް ނޫން ކަމަށާއި، މިއީ ކުޅިވަރުގެ އަގުތަކާއި ސަލާމަތަށް ހުރަސްއެޅޭ އަމަލެއް ކަމަށްވެސް އެ ކްލަބުން ވަނީ ބުނެފައެވެ.
ނިއުރޭޑިއަންޓުން އިތުރަށް ބުނި ގޮތުގައި، މި މައްސަލަ ވަނީ ރަސްމީކޮށް ޑިސިޕްލިނަރީ އިދާރާތަކަށް ހުށަހަޅައި ހެކިތައް ހިއްސާކޮށްފައެވެ. އަދި ދަނޑުމަތީގައި ތިބޭ ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މި މައްސަލަ އަވަހަށް ބަލައި ސުޒޭރުއާ ދެކޮޅަށް ހަރުކަށި ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އެ ޓީމުން ބުނެފައިވެއެވެ.
ރޭ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ގޯމޭސް (ޑޯރީ) ޖެހި ލަނޑާއެކު 3-2 އިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފައެވެ.
