ހަތަރު އަހަރަށް ފަހު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެމްޑީޕީ އާ އަލުން ގުޅިވަޑައިގެންފިއެވެ.

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގަތުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށްޓަކައި ޖާބިރު ވަނީ ޖެނުއަރީ 2019 ގެ ފަހުކޮޅު އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. ކާށިދޫ ދާއިރާ އަށް ޖާބިރު އިންތިހާބުވެވަޑައިގަތީ އަމިއްލަ މެންބަރެއްގެ ގޮތުގައެވެ.

ސޯލްޓް ކެފޭގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޖާބިރުގެ ފޯމާ ހަވާލުވެވަޑައިގަތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ރަސްމިއްޔާތަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސިފަކުރެއްވީ، ޖާބިރު އެމްޑީޕީ އާ އަލުން ގުޅިވަޑައިގަތުމަކީ އެމްޑީޕީއަށާއި ހުދު އެމަނިކުފާނަށް ލިބުނު އެހީތެރިކަމެއްގެ ގޮތުގައެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ޖާބިރުގެ ހިއްސާ ލިބިގެން ދާނެ ކަމާ މެދު ޝައްކެއް ނުކުރާ ކަމަށެވެ.

ދެ ބޭފުޅުން މީގެ ކުރިން ވެސް މަޖިލީހުގައި އެކުގައި މަސައްކަތްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޒުވާނުން ދެކެނީ ޖާބިރަކީ ޒުވާނުންގެ ލީޑަރެއްގެ ގޮތުގައެވެ.

އޭނާ އަލުން އެމްޑީޕީ އާ ގުޅިވަޑައިގަތީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން، ޖާބިރު ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.

"އަޅުގަނޑު ހުރީ އެމްޑީޕީގަ، ދެން އޭރުގަ އަޅުގަނޑު އެމްޑީޕީގަ ތިބުމަށް ނޭދުނު މީހުން މިހާރު ނެތީ، ދެން އަޅުގަނޑު ހޮވަން ބޭނުންވަނީ ރާއްޖޭގެ ރައީސަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވާތީ އެ ޕްލެޓްފޯމުގައި މަސައްކަތްކުރަން އަނބުރާ މިއައީ،"

"އަޅުގަނޑަށް 100 ޕަސެންޓު ޔަގީން ކާމިޔާބުވާނެ ކަމަށް، އަޅުގަނޑުގެ ފުލް ކެޕޭސިޓީގަ މަސައްކަތްކުރާނަން،" އޭނާ ވިދާޅުވިއެވެ.

ޖާބިރު އެމްޑީޕީ އާ ގުޅިވަޑައިގަތީ، ގާނޫނުގައި ބުނާ އަދަދަށް މެންބަރުން ހަމަނުވެގެން ޑީއާރުޕީ އުވާލުމުން، ގްރީން ޕާޓީގެ ނަމުގައި ޕާޓީ އެއް އުފެއްދެވުމުގެ މަސައްކަތުގައި އުޅުއްވުމަށް ފަހުގައެވެ.

އެމްޑީޕީ އާ ޖާބިރު އަލުން ގުޅިވަޑައިގަތީ، އޭނާގެ ނަން ގެންނަވައި، އެމްޑީޕީގެ ކުރިމަގާ މެދު މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ސުވާލު އުފައްދަވާފައި އޮއްވާ، އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ޖާބިރު އެމްޑީޕީ އާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވާފައި ވަނިކޮށެވެ.

ޖާބިރުގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވަނީ ޖުމްހޫރީ ޕާޓީން ވަކިވެ، އެމްޑީޕީ އާ އަލުން ގުޅިވަޑައިގެންފައެވެ.