މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އޭޓީއެމް މެދުވެރިކޮށް އެ ފައިސާ ނެގުމަށް، ރައިޑް-ހެއިލިން (ޓެކްސީ) އަދި ޑެލިވަރީ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ސްކޭމަރުން ދަނީ ޑްރައިވަރުންނާއި ޑެލިވަރީ މަސައްކަތްތެރިންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި އެހެން ފަރާތަކާ ހަވާލުކޮށްދިނުމުން އިތުރު ފައިސާ ނުވަތަ ބޮޑެތި ޓިޕްސް ދޭނެ ކަމަށް ބުނެ ހުށަހަޅަމުން ކަމަށެވެ. މިއީ އިތުރު އާމްދަނީއެއް ހޯދުމަށް ލިބޭ ފުރުސަތެއް ކަމަށް ހީވި ނަމަވެސް، މިއީ ތިމާއަށް ނޭނގި މާލީ ކުށެއްގައި ބައިވެރިވެވޭ ނުރައްކާތެރި ކަމެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

ސްކޭމް ހިންގާ ގޮތް

ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ސްކޭމް ހިންގުމަށް އެންމެ ފުރަތަމަ އެޕްލިކޭޝަން މެދުވެރިކޮށް ސައްހަ ދަތުރަކަށް ނުވަތަ ޑެލިވަރީއަކަށް ރިކުއެސްޓް ފޮނުވައެވެ. އަދި ޑްރައިވަރު އެ ބަލައިގަތުމުން، އެޕްލިކޭޝަނުން ބޭރުން ސީދާ ފޯނުން ގުޅައިގެން ތަފާތު ވާހަކަތައް ދައްކައިގެން ޑްރައިވަރުގެ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއެވެ. އެއަށްފަހު، އެ ފައިސާ އޭޓީއެމުން ނަގައިގެން ވަކި ތަނަކަށް ނުވަތަ ވަކި މީހަކާ ހަވާލުކުރުމަށް އެދެނީ ދަތުރުގެ އަގަށްވުރެ ބޮޑު ޓިޕްސްއެއް ދޭނެ ކަމަށް ބުނެއެވެ.

ނަމަވެސް މިގޮތަށް ޖަމާކުރާ ފައިސާއަކީ އެހެން މީހުންނަށް އޮޅުވާލައިގެން ހޯދާފައިވާ ސްކޭމް ފައިސާ ކަމަށާއި، މިގޮތަށް ފައިސާ ނަގައިދިނުމުން ކުށްވެރިންނަށް އެ ވަގު ފައިސާ ދައުރުކުރުމަށް އެހީތެރިވެދެވެނީ ކަމަށް ފުލުހުން ބުންޏެވެ. ގާނޫނާ ހިލާފަށް ހޯދާ ފައިސާ ދައުރުކުރުމަށް އެހެން މީހުންގެ އެކައުންޓް ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިންގ" އެވެ.

މިކަމުގައި ހުރި ނުރައްކާތައް

އެ ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަން ނޭނގުނު ކަމުގައި ވިޔަސް، މިފަދަ ކަންކަމުގައި ބައިވެރިވުމުން އަމިއްލަ ބޭންކް އެކައުންޓް ފްރީޒްވުމާއި، ހަލާލު އާމްދަނީގެ މުއާމަލާތްތަކަށް ހުރަސްއެޅުމުގެ އިތުރުން މާލީ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މީގެއިތުރުން، ޖިނާއީ ތަހުގީގުތަކަށް ހާޒިރުވާން ޖެހުމާއި ގާނޫނީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. ސަބަބަކީ، ނަގުދު ފައިސާ ހިފައިގެން ސްކޭމަރުން ފިލައިގެން ދާއިރު، ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ޖަވާބުދާރީވާން ޖެހެނީ އެކައުންޓްގެ ވެރިފަރާތަށް ވާތީއެވެ.

ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް

މިފަދަ ކަންކަމުން ރައްކާތެރިވުމަށް ފުލުހުން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި:

  • ނުދަންނަ މީހުންގެ ފައިސާ ޓްރާންސްފަރ ކުރުމަށް ނުވަތަ ނަގައިދިނުމަށް އަމިއްލަ އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުން.
  • ހަމައެކަނި ދަތުރުގެ އަގާއި ޑެލިވަރީ ޗާޖަށްވާ ފައިސާ އެކަނި ބަލައިގަތުން.
  • އިތުރު ފައިސާ ދޭނެ ކަމަށް ބުނި ނަމަވެސް، އެކައުންޓުން ފައިސާ ނަގައިދިނުމަށް އެދޭ އެދުންތަކަށް އިންކާރުކުރުން.
  • މުއާމަލާތްތައް ހިދުމަތްދޭ ޕްލެޓްފޯމްގެ ރަސްމީ ޗެނަލްތަކުގެ ތެރޭގައި ބެހެއްޓުން.
  • އާދަޔާ ހިލާފަށް ގިނައިން ޓިޕްސް ނުވަތަ ހަދިޔާ ދޭން ހުށަހަޅާނަމަ ޝައްކުކޮށް ސަމާލުވުން.
  • ބޭންކިންގ މައުލޫމާތާއި، ޕާސްވޯޑް، ޕިން އަދި އޯޓީޕީ އެއްވެސް ފަރާތަކާ ހިއްސާނުކުރުން.

ފުލުހުން އިތުރަށް ވިދާޅުވީ، އެކައުންޓަށް ޝައްކުކުރެވޭ ފައިސާއެއް ޖަމާވެއްޖެނަމަ، އެ ފައިސާ ފޮނުވި ފަރާތުގެ އިރުޝާދަށް އެ ފައިސާ ނެގުމާއި، ހަރަދުކުރުމާއި ނުވަތަ އަނބުރާ ފޮނުވުން ފަދަ އެއްވެސް ކަމެއް ނުކުރުމަށެވެ. އަދި ވަގުތުން ބޭންކަށާއި ފުލުހުންނަށް އެކަން އަންގައި، މެސެޖުތަކާއި ކޯލް ރެކޯޑް އަދި ޓްރާންސްފަރ ސްލިޕް ފަދަ ހެކިތައް ރައްކާތެރިކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަމިއްލަ ބޭންކް އެކައުންޓަކީ ތިމާގެ އަމިއްލަ ޒިންމާއެއް ކަމަށާއި، އިތުރު އާމްދަނީ ހޯދުމުގެ ނަމުގައި ކުށްވެރިންގެ ދަލުގައި ނުޖެހި، މާލީ ވަސީލަތްތައް ރައްކާތެރިކުރުމަށް ސަމާލުވެ ތިބުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.