ގައުމީ އެއާލައިން މޯލްޑިވިއަންގެ ޕައިލެޓަކާއި ކްރޫ މެންބަރުންނާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހަޑިހުތުރު ބަހުން މުއާމަލާތްކޮށް އިންޒާރު ދިން މައްސަލަ، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދެން ބާއްވާ ބައްދަލުވުމަކަށް އެޖެންޑާކުރުމަށް ނިންމަވާފައިވާ ކަމަށް، އެ ކޮމިޓީގެ މުގައްރިރު އަދި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލްވި ވީޑިއޯއަކުން ފެންނަ ގޮތުގައި:
- ޖާބިރު ވަނީ ކްރޫ މެންބަރުންނަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައި
- ކްރޫ މެންބަރުންގެ އިތުރަށް ޕައިލެޓަށް މަރުގެ އިންޒާރު ދީފައިވޭ
ޖާބިރު ދަތުރުކުރެއްވި މޯލްޑިވިއަންގެ ސީޕްލޭންގެ ކްރޫ މެންބަރުންނަށާއި ޕައިލެޓުންނަށް އިންޒާރު ދިން މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ބަލާނެތޯ 'ދަ ޕްރެސް' އިން ސުވާލުކުރުމުން ރާއީ ވިދާޅުވީ، ކޮމިޓީން ދެން ބާއްވާ ބައްދަލުވުމެއްގައި އެ މައްސަލަ އެޖެންޑާކުރަން ނިންމާފައިވާ ކަމަށާއި، ކޮމިޓީ ބައްދަލުވުމުގައި މެންބަރުންނާ މަޝްވަރާކުރެއްވުމަށް ފަހު ކޮމިޓީން އެ މައްސަލައިގައި އަމަލުކުރާނެ ގޮތް ނިންމާނެ ކަމަށެވެ.
މޯލްޑިވިއަންގެ ކްރޫ މެންބަރުންނަށް ޖާބިރު އިންޒާރުދިން މައްސަލަ ފުލުހުންނަށް ހުށަހަޅައި، އެ އެއާލައިނުން ވެސް މައްސަލަ ބަލަމުންދާ ކަމަށް، މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް 'ދަ ޕްރެސް' އަށް އިއްޔެ ވިދާޅުވެފައިވެއެވެ. އެ މައްސަލައިގައި މޯލްޑިވިއަނުން އަދި ޖާބިރަށް ފިޔަވަޅު ނާޅާ ކަމަށާއި، ފިޔަވަޅު އެޅުމާ ހަމައަށް ދެވޭނީ ފުރިހަމަކުރަން ޖެހޭ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު ކަމަށް، އޮފިޝަލް އިއްޔެ ވިދާޅުވިއެވެ.
ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، މުޖުތަމައުގެ އާންމު މިންގަނޑުތަކާ ޖާބިރު ހިލާފުވެފައިވާ ކަމަށް ބުނެ، މައި އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ ދާދިފަހުން ޖާބިރު އެ ޕާޓީން ވަކިކޮށްފައެވެ. އެކަން ހާމަކޮށް ނެރުނު ބަޔާނެއްގައި އެމްޑީޕީން މިދިޔަ ހޯމަ ދުވަހު ބުނީ، މުޖުތަމައުގެ އާންމު މިންގަނޑުތަކާ ހިލާފަށް، ހަޑިހުތުރު ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭ ގޮތަށް ޖާބިރު އަމަލުކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި އެމްޑީޕީން ވަނީ، މި މައްސަލައިގައި ޖާބިރު ހޯއްދެވި ކާށިދޫ ދާއިރާގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުދޭނެ ކަން ވެސް ހާމަކޮށް، ޓިކެޓު އަތުލައިފައެވެ.