މި ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ގޮނޑި ފުރުއްވަމުންދާ އަބްދުﷲ ޖާބިރުއަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
ކާށިދޫ ދާއިރާއަށް ވަނީ 5 ކެންޑިޑޭޓަކު ކުރިމަތިލާފައެވެ. އެއީ ޖާބިރު ހިމެނޭހެން އަމިއްލަގޮތުން ވާދަ ކުރި ތިން ކެންޑިޑޭޓުންނާއި އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި އަބްދުﷲ ނަސީރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި މުންތަޒިމް އިބްރާހިމް އެވެ.
އެގޮތުން ކާށިދޫ ދާއިރާގެ ގޮނޑި ބޮޑު މެޖޯރިޓީ އާއެކު ކާމިޔާބު ކުރައްވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓް މުންތަޒިމް އިބްރާހިމްއެވެ.
އިންތިހާބުގެ ތެރޭގައި "ދަ ޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި މުންތަޒިމް ވިދާޅުވީ ކާށިދޫ ދާއިރާގެ އަގު ވެއްޓިފައިވާ ކަމަށާއި ތަފާތު ދައްކާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދާއިރާގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވައި ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް މުންތަޒިމް ވިދާޅުވިއެވެ.
މި ދައުރުގައި ޖާބިރު ކާށިދޫ ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައި ވަނީ އަމިއްލަ ގޮތުންނެވެ. ނަމަވެސް ދާދިފަހުން ޖާބިރު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެން ހުންނަވަނިކޮށް އެމްޑީޕީގެ ޓިކެޓް އަތުލުމުން އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާތައް އިއުލާން ކުރަމުންދާއިރު ޕީއެންސީން ވަނީ މެޖޯރިޓީ ކާމިޔާބުކޮށް ސުޕާ މެޖޯރިޓީއާ ދިމާއަށް މިސްރާބު ޖަހާފައެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި މި ދައުރު ފުރުއްވަމުންދިޔަ ގިނަ މެންބަރުންގެ ގޮނޑިތައް ވަނީ ގެއްލިފައެވެ.