ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުالله ޖާބިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.
ޕީއެންސީގެ މައި ޖަގަހަ ކައިރި ހުންނަވާ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މުޅި ރާއްޖެއަށް ރައީސް ގެނެސްދެއްވާ ތަރައްގީ ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މި ސްޕީޑުގައި މަޝްރޫއުތައް ކުރިއަށްގެންދެވިއްޖެނަމަ ރައްޔިތުން ބޭނުންވާ ހުރިހާ ލަނޑުދަނޑިތަކެއް ރައީސް ހާސިލް ކޮށްދެއްވާނެ ކަމަށެވެ.
އަދި ހުކުރު ދުވަހު ޕީއެންސީން ބާއްވާ ބޮޑު ބައްދަލުވުމުގައި ބައިވެރިވާނެކަން ފާހަގަ ކުރައްވާ ޖާބިރު ވިދާޅުވީ، ގައުމު ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނުމަށް ރައީސް ކުރައްވަމުންގެންދާ މަސައްކަތުގައި އޭނާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މިވަގުތު ސިޔާސީ ދާއިރާއާއި ދުރުގައި ހުންނެވި ޖާބިރު ވަނީ އެންމެ ފަހުން ބޭއްވި މަޖިލީހުގައި ވެސް ވާދަކޮށްފައެވެ. މަޖިލީސް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން ޕްރައިމަރީ ވެސް ކާމިޔާބުކުރި ފަހުން ޖާބިރުގެ އަހުލާގީ މައްސަލައެއް ބެލުމަށް ފަހު އޭނާ އަތުން އެމްޑީޕީން ވަނީ ޓިކެޓު އަތުލައި ޕާޓީން ވެސް ބޭރުކޮށްފައެވެ. އެހެންވެ، ޖާބިރު މަޖިލީހަށް ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.
އެކަމަކު އެ އިންތިހާބުގައި ޖާބިރު ކުރިމަތިލާންޖެހުނީ ނާކާމިޔާބީއާއެވެ. މަޖިލިސް އިންތިހާބުގައި ޖާބިރަށް ލިބިވަޑައިގަތީ 369 ވޯޓެވެ. ޖުމުލަ 1،321 ވޯޓާ އެކު ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓު މުންތަޒިމް އިބްރާހިމެވެ. އޭގެ ކުރިން ޖާބިރު ވަނީ ކާށިދޫ ދާއިރާގެ މެންބަރުކަން ދެ ފަހަރެއްގެ މަތިން ފުރުއްވާފައެވެ.
އަދި ހަމަ އެހެންމެ ޖާބިރު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ޑީއާރުޕީގެ ލީޑަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެ ޕާޓީގެ މެންބަރުން ހަމަނުވާތީ ޕާޓީ އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ގްރީން ޕާޓީ ކިޔާ ސިޔާސީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ. އެ ޕާޓީއަށް މެންބަރުން ހަމަ ކުރެއްވުމަށް އިސްކޮށް ހަރަކާތްތެރިވި ނަމަވެސް އެ ޕާޓީން މެންބަރުން ހަމަކޮށް އީސީގައި މިހާތަނަށް ރަޖިސްޓްރީކޮށްފައި ނުވެއެވެ.
