ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީއަށް މިއަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީއިން އާންމުކޮށްފައިވާ އޮކްޓޯބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 27 މައްސަލަ (9 ފިރިހެން ކުދިން، 18 އަންހެން ކުދިން) އަދި ދެވަނައަށް އެންމެ ގިނައިން ހުށަހެޅުނު ޖިންސީ ހާނިއްކައިގެ 24 މައްސަލަ (6 ފިރިހެން ކުދިން، 18 އަންހެން ކުދިން) ހިމެނެއެވެ. މީގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 19 މައްސަލައާއި، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ގޮތުން އިހުމާލުވުމުގެ 9 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 5 މައްސަލަ، ގަނާ ލިބުމުގެ 4 މައްސަލަ، ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ 3 މައްސަލަ، ކުޑަކުދިންގެ ބަދުއަހްލާގީ ވީޑިއޯއާ ގުޅޭ 2 މައްސަލަ، ގްރޫމް ކުރުމުގެ 1 މައްސަލަ އަދި ފުރައްސާރައިގެ 1 މައްސަލަ ހިމެނެއެވެ. މި ބައިގައި ޖުމްލަކޮށް ހިމެނެނީ އަންހެން ކުދިންގެ 62 މައްސަލައަކާއި ފިރިހެން ކުދިންގެ 47 މައްސަލައެކެވެ.
ކުޑަކުދިންގެ އަހްލާގީ މައްސަލަތަކާ ގުޅޭގޮތުން 35 މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅުނުއިރު، އޭގެ ތެރޭގައި ރުޅި އިސްކުރުމުގެ 6 މައްސަލަ، ސްކޫލަށް ދާން ބޭނުންނުވުމުގެ 6 މައްސަލަ އަދި ގެއިން ނިކުމެގެން ދިއުމުގެ 5 މައްސަލައިގެ އިތުރުން އެހެނިހެން 18 މައްސަލައެއް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންގެ 22 މައްސަލައަކާއި އަންހެން ކުދިންގެ 13 މައްސަލައެކެވެ. އަދި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ 3 މައްސަލައެއް ވެސް ވަނީ ހުށަހެޅިފައެވެ.
އާއިލީ މައްސަލަތަކަށް ބަލާއިރު، ޖުމްލަ 33 މައްސަލައެއް ރިޕޯޓުކުރެވިފައިވެއެވެ. އޭގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 20 މައްސަލައާއި، ބައްދަލުކުރުމުގެ 9 މައްސަލަ އަދި ހަޟާނާގެ 4 މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 57 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އޭގެ ތެރޭގައި އަންހެނުންނާ ގުޅޭ 52 މައްސަލައަކާއި ފިރިހެނުންނާ ގުޅޭ 5 މައްސަލަ ހިމެނެއެވެ. އެންމެ ގިނައީ ޖިސްމާނީ އަނިޔާކުރުމުގެ 31 މައްސަލައާއި ނަފްސާނީ/އަނގަބަހުން ކުރެވޭ އަނިޔާގެ 13 މައްސަލައެވެ. މީގެ އިތުރުން އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހެޅި 11 މައްސަލައެއް ބަލާފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އޮކްޓޯބަރު 31 ގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 153 ކުދިން (89 ފިރިހެން އަދި 64 އަންހެން) ތިބިއިރު، އެ މަހު 3 ކުއްޖަކު ވަނީ އަލުން އާއިލާއާ ރީއިންޓިގްރޭޓް ކުރެވިފައެވެ.
އޮކްޓޯބަރު މަހު ސިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ މިނިސްޓްރީގެ ހެލްޕްލައިންތަކަށް ޖުމްލަ 2،324 ކޯލު ލިބިފައިވެއެވެ. އެއީ ޗައިލްޑް ހެލްޕްލައިން (1412) އަށް ލިބުނު 1،775 ކޯލާއި ސޯޝަލް ސާވިސް ހެލްޕްލައިން (1421) އަށް ލިބުނު 549 ކޯލެވެ. މީގެއިތުރުން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 141 ފަރާތަކަށް ކައުންސިލިން، 24 ފަރާތަކަށް ޕޭރެންޓިން ސެޝަން އަދި 24 ފަރާތަކަށް ސައިކޯސޯޝަލް ސަޕޯޓް އެ މިނިސްޓްރީއިން ވަނީ ފޯރުކޮށްދީފައެވެ.
