އެމްޑީޕީއިން ޓިކެޓު އަތުލުމުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރަން ހުށަހެޅި ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައިގެންފިއެވެ.
ޖާބިރު މުޖުތަމައުގެ އާއްމު މިންގަނޑާ ހިލާފަށް ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް އަމަލު ކޮށްފައި ވާތީ ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީއިން ޖާބިރު ހޯއްދެވި ޓިކެޓު އެމްޑީޕީއިން ވަނީ އަތުލާފައެވެ. އަދި ޖާބިރު ވަނީ އެމްޑީޕީއިންވެސް ވަކިވެސް ކޮށްފައެވެ.
އެއަށްފަހު ޖާބިރު ވަނީ އަމިއްލަ ގޮތުން އެ ދާއިރާއަށް ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާފައެވެ. ޖާބިރުގެ ކެންޑިޑެންސީ އީސީއިން ގަބޫލުކުރިކަމުގެ ލިޔުން "ދަ ޕްރެސް" އަށް ލިބިފައިވާއިރު އެ ލިޔުމުގައިވާ ގޮތުން ޖާބިރު ކުރިމަތިލުމަށް ފޯމު ހުށަހެޅުއްވީ މިދިޔަ އަންގާރަ ދުވަހެވެ.
އީސީއިްނ ވަނީ ފޯމުގައިވާ މައުލޫމާތާއި ތަކެތި ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތިން ޖާބިރު ރައްޔިތުން މަޖިލީހުގެ އިންތިހާބަށް ޝަރުތު ހަމަވާ މީހެއް ކަމަށް ބަލާ ހުށަހެޅި ހުށަހެޅުން ބަލައިގަންފައެވެ.
އެމްޑީޕީއިން ބުނީ ޖާބިރުގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވީ ނަމަވެސް މައްސަލަ ނިމުމުގެ ކުރިން އެހެން ފަރާތަކަށް ޓިކެޓު ދޭން ޖެހުނީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ކައިރިވާތީ ކަމަށެވެ. އަދި އެމްޑީޕީއިން ވަނީ އެ ޓިކެޓު ވަކީލް އަބްދުﷲ ނަސީރަށް ދީފައެވެ.