ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުން ބާލައި ސަރުކާރު ބަދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތާއެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާވާފައިވާ 'ދަ ޑިމޮކްރެޓްސް' އާ އެކު މަޝްވަރާތައް ކުރަމުން ދާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އަދުރޭ ވިދާޅުވީ، ޑިމްކޮރެޓްސް އިން ޕީޕީއެމާއެކު ކޯލިޝަން ހެދުމަށް ރަސްމީކޮށް ހުށަހަޅާފައި ނުވާ ކަމަށާއި، ނަމަވެސް ގައުމީ ބައެއް މައްސަލަތަކުގައި ރައީސް ޔާމީންގެ މަޝްވަރާގެ މަތިން ޑިމޮކްރެޓްސްއާ އެކު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް ޔާމީނަށް މި ސަރުކާރުން ކުރާ އަނިޔާއާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އުދުރޭ ވާހަކަ ދެއްކެވިއެވެ. އެ މައްސަލައިގައި ރައީސް ސޯލިހާ ބައްދަލު ކުރަން އެ ކޯލިޝަނުން ކުރާ މަސައްކަތް ނާކާމިޔާބު ވި ވާހަކައިގެ ތަފްސީލެއް ދެއްވަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހާ ބައްދަލު ކުރަން އެ ކޯލިޝަނުން މަސައްކަތް ކުރާތާ 10 ދުވަސް ވެފައިވާ ކަމަށާއި މިއަދުވެސް ބައްދަލު ކުރެވޭ ގޮތް ނުވި ކަމަށެވެ.
ހެނދުނު ރައީސް އޮފީހަށް ގޮސް ބައްދަލުނުކުރެވުމުން އެ ކޯލިޝަނުން ދިޔައީ ޕީޖީ އޮފީހަށް ކަމަށާއި ޕީޖީއާ ބައްދަލުކޮށް ކަންބިޑުވުންތައް ހިއްސާކުރިކަމަށް އަދުރޭ ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ލަސްކޮށް ފުއްގިރި މައްސަލަ އަވަސް ކޮށް ކުރިއަށް ގެންދާ މައްސަލަ ހިއްސާކުރި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އެއަށްފަހު 12:30 ގައި ރައީސް ސޯލިހް ބައްދަލުކުރައްވާނެ ކަމަށް ބުނެފައި ވާތީ، އަނބުރާ ރައީސް އިފީހަށް ގޮސް ތިއްބައި އެ އޮފީހަށް ޕީޖީ ހުސެއިން ޝަމީމާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ސީޕީ މުހައްމަދު ހަމީދު އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ހާޒިރު ކުރި ކަމަށް އަދުރޭ ވިދާޅިވިއެވެ. އެ ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެން އިރު، އެ ތަނުގައި އިންޑިއާގެ ސަފީރު އިން ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެ ބޭފުޅުން އެކުގައި ބައްދަލުކޮށް މި ބަންދު ތެރޭގައި އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާ ދެވޭނެ ގޮތްތައް ޕްލޭން ކުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
މިއަދު ރައީސް ސޯލިހާ ބައްދަލުކުރެވޭ ގޮތް ނުވުމުން އަދުރޭ ވަނީ ރައީސް ސޯލިހަށް ހޫނު ރައްދެއް ދެއްވާފައެވެ. މި ބަންދުތެރޭގައި ތިބޭފުޅުންނަށް [ރައީސް ސޯލިހަށް] ޗުއްޓީ ހޭދަކޮށްލެވިދާނޭ ހީނުކުރެއްވުމަށް އަދުރޭ ވިދާޅުވިއެވެ. މިއަދު މި ފެނުނީ ކުޑަކުޑަ މިންވަރެއް ކަމަށާއި މި ބަންދުތެރޭގައި މިއަށް ވުރެ ވަރުގަދައަށް ޖައްސާނަން ކަމަށާއި މަސައްކަތް ހުއްޓާލާނީ ސަރުކާރު ހޯދާފައި ކަމަށް އަދުރޭ ވިދާޅިުވިއެވެ. މިހާރު ސަރުކާރާ ހަވާލުވުމުގެ ކުރިން ބަލަންޖެހޭ ބެލުންތައް ބަލަމުން ގެންދާ ކަމަށާއި ރައްޔިތުން މި ސަރުކާރު ބަދަލު ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެން މި އަހަަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރައްޔިތުން ދޭ ވޯޓަށް ފަހުގައި ރައީސް ކަމުގައި ނުހުރެވޭނެ ކަމަށް އެނާ ވިދާޅުވިއެވެ. ހަމަހިލާ މިފަހަރު ވޯޓު ވަގަށް ނަގައި އިންތިހާބު އޮޅުވާލާކަށް ނުކުރޭނެ ކަމަށާއި ރައީސް ސޯލިހް ރައީސް ކަމުން ބޭލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން މިހުރީ ތައްޔާރަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އެ ކަން ކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތާ އެއްގޮތަށް ގުޅެން ޖެހުނު ބަޔަކާ ގުޅިގެން ކުރަން ޖެހުނު މަސައްކަތެއް ކޮށްގެން ކާމިޔާބު ކުރާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.