އިލެކްޓްރޮލައިޓް އަދި ވިޓަމިން ގިނަ މިންވަރަކަށް އެކުލެވޭ ބުއިންތައް، ހުއްދައެއް ނެތި ރާއްޖެ އެތެރެކޮށް އާންމު ފިހާރަތަކުގައި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިލެކްޓްރޮލައިޓް، ވިޓަމިން އަދި މިނަރަލް ގިނަ އަދަދަކަށް އެކުލެވޭ ބުއިންތައް ރާއްޖެ އެތެރެކޮށް، އާންމު ފިހާރަތަކުގައި ފުޅާ ދާއިރާއެއްގައި ވިއްކަމުންދާކަން ވަނީ އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައެވެ. އަދި މިފަދަ ބުއިންތައް އެނާޖީ ނުވަތަ ހައިޑްރޭޝަން ބުއިމެއްގެ ގޮތުގައި ލޭބަލްކޮށްފައި ހުރި ނަމަވެސް، އޭގައި ހިމެނޭ މާއްދާތަކާއި އޭގެ މިންވަރަށް ނުބަލައި ކުޑަކުދިންނާއި، ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުންވެސް އާންމުކޮށް ބޭނުންކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދެއް ނެތި މިފަދަ ބުއިންތައް ބޭނުންކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްހީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ކަމެއް ކަމުގެ އިންޒާރު އެ އޮތޯރިޓީން ވަނީ ދީފައެވެ. މީގެއިތުރުން، އެނާޖީ، ހައިޑްރޭޝަން، ސްޓެމިނާ، މަސްލް ރިކަވަރީ ނުވަތަ އެކި ކަހަލަ ސިއްހީ ފައިދާތައް ލިބިދޭ ކަމަށް ބުނެ ވިއްކާ މިފަދަ ބުއިންތައް ގިންތިކުރެވެނީ "ނިއުޓްރާސޫޓިކަލްސް" ގެ ގޮތުގައި ކަމަށްވެސް އެމްއެފްޑީއޭއިން ހާމަކުރެއެވެ.

އެހެންކަމުން، މި ބާވަތުގެ ބުއިންތައް އާންމު ބުއިމެއްގެ ގޮތުގައި އެތެރެކޮށް، ވިއްކައި އަދި ބޭނުން ނުކުރުމަށް އެންމެހާ ފަރާތްތަކަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެފަހުން މިފަދަ ބުއިންތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ އެ އޮތޯރިޓީގެ "ގައިޑްލައިން ފޯ ރަޖިސްޓްރޭޝަން އޮފް ނިއުޓްރާސޫޓިކަލްސް" ގެ ދަށުން ރަޖިސްޓްރީކޮށް ހުއްދަ ހޯދުމަށްފަހުގައެވެ.

އެމްއެފްޑީއޭ އިން އިތުރަށް ބުނީ، މި އުސޫލުތަކާ ހިލާފަށް ރަޖިސްޓްރީނުކޮށް ރާއްޖެ އެތެރެކުރާ މިފަދަ ބުއިންތައް، ބޭހާ ބެހޭ ގަވާއިދުގެ ދަށުން އެ އޮތޯރިޓީގެ ފަރާތުން ހިފަހައްޓަމުން ގެންދާނެ ކަމަށެވެ. އަދި މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅަން ވަނީ އެދިފަ އެވެ.