އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު، އޭނާގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމުމާއެކު ރާއްޖެއިން ޑީޕޯޓްކޮށްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އޭނާގެ ހުކުމުގެ މުއްދަތު ހަމަވުމުން، ޑީޕޯޓްކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
އެކަމާ ގުޅިގެން އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ވިދާޅުވީ، އިމިގްރޭޝަން ގާނޫނުގެ ދަށުން އަލަމްގީރު ރާއްޖެ އެނބުރި ނާދެވޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހު ފުރުވާލާފައިވާ ކަމަށެވެ.
2022 ވަނަ އަހަރުގެ ތެރޭގައި ފެންމަތިވި މި މައްސަލައަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކާއެކު އަލަމްގީރު އެއްޖިންސުން ގުޅުން ހިންގައި، އެ މަންޒަރުތައް ވީޑިއޯކޮށް ބްލެކްމެއިލް ކުރި މައްސަލައެކެވެ. މި ވީޑިއޯތައް ސޯޝަލް މީޑިއާގައި ލީކުވުމާއެކު މުޅި ގައުމުގެ ސަމާލުކަން މިކަމަށް ހުއްޓުނެވެ.
އެ ވީޑިއޯތަކުގެ ތެރޭގައި ގާނޫނީ ވަކީލް އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގައި މަސައްކަތް ކުރި ސާޖަންޓް އަބްދުއްރަހްމާން ރަފީއުގެ ވީޑިއޯ ހިމެނެއެވެ.
މި މައްސަލައިގައި އަލަމްގީރުގެ މައްޗަށް ދައުލަތުން 40 ދައުވާއެއް އުފުލާފައިވާއިރު، އޭނާ ޝަރީއަތުގައި ދައުވާތަކަށް އިއުތިރާފުވުމާ ގުޅިގެން، ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ ސެޕްޓެމްބަރު، 2022 ގައެވެ.
އޮރިޔާން ކާޑު ހެދި ކަމުގެ ކުށުގައި އަލަމްގީރު ވަނީ ދެ އަހަރާއި 9 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައެވެ.
