ހޯސްލައިފައި ފަޅުތެރެއަށް އަޅަމުންދާ ވެލިގަނޑު ފެތުރެމުން ގޮސް، ނޫ ވިލުތައް މަޑުމަޑުން ފޮރުވެމުންދެއެވެ. ކޮންމެ އަހަރަކުވެސް ރާއްޖޭގެ ޗާޓަށް އާ ބިންތައް އިތުރުވެ، ފަޅުތަކުގެ ސިފަ ބަދަލުވަމުން ދާއިރު، ބިން ބޮޑުވުމަކީ ހަގީގީ މުއްސަނދިކަންތޯ މިއީ މިއަދު ކުރަންޖެހިފައިވާ ސުވާލެކެވެ.
މި ބަހުސަށް އާ ސަމާލުކަމެއް ލިބިގެންދިޔައީ، ރަސްމާލެ ހިއްކުމަށް ކުރިން އަންދާޒާކުރި އަދަދަށްވުރެ ހަރަދު ކުޑަވެ، މުޅި މަޝްރޫއުއަށް ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 5.09 ބިލިއަން ރުފިޔާ) ހިނގާނެކަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓްގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ހާމަކުރެއްވުމާ ގުޅިގެންނެވެ.
“އަހާ” ފޯރަމްގައި ވާހަކަދައްކަވަމުން ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، ރަސްމާލޭގެ 1،009 ހެކްޓަރު (10.09 އަކަކިލޯމީޓަރު) އެއްކޮށް ހިއްކުމަށް ކުރިން 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހިނގާނެ ކަމަށް ލަފާކުރެވުނު ކަމަށެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާސްޓާ ޕްލޭންގެ ހިސާބުތަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ގާތްގަނޑަކަށް 188–194 ހެކްޓަރާއި ދެވަނަ ފިޔަވަހީގެ 244–251 ހެކްޓަރު އެއްކޮށްލުމުން ޖުމްލަ ބޮޑުމިނަކީ ގާތްގަނޑަކަށް 418 އާއި 445 ހެކްޓަރާ ދެމެދުގެ މިންވަރަކަށް ވާއިރު، ރަސްމާލެއިން ހިއްކާ 1،009 ހެކްޓަރަކީ ހުޅުމާލޭގެ ދެ ފިޔަވައްސަށް ވުރެ ދެގުނައަށް ވުރެ ބޮޑު ސަރަހައްދެކެވެ. ނަމަވެސް ސީދާ ޑްރެޖަރުތައް ކުއްޔަށް ހިފުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ މަސައްކަތްތައް ހަވާލުކުރުން ފަދަ ފިޔަވަޅުތަކުން، 1،000 ހެކްޓަރު ހިއްކުމުގެ ހަރަދު 330 މިލިއަން ޑޮލަރަށް އަދި 500 ހެކްޓަރުގެ ހަރަދު 160 މިލިއަން ޑޮލަރަށް ކުޑަކުރެވިފައިވާ ކަމަށް މުއްތަލިބާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައި ބުނެއެވެ.
ރަސްމާލޭގެ އާ ހިސާބުތަކާއި ނުފެންނަ ހަރަދުތައް
އެމަނިކުފާނުގެ މި ހިސާބުތަކުން އަޅައި ބަލާއިރު، ޑޮލަރަކަށް 15.42 ރުފިޔާގެ ރޭޓުން ހިއްކާ ކޮންމެ އަކަމީޓަރަކަށް ޖެހެނީ ގާތްގަނޑަކަށް 504 ރުފިޔާއެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި ވެލި އަޅައިގެން ބިން އުފެއްދުމުގެ އަގެވެ. އެ ބިމުގައި މީހުން އާބާދުކޮށް ދިރިއުޅެވޭނެ ސިޓީއަކަށް ހެދުމަށް ބޭނުންވާ ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަގުތަކާއި، ފެނާއި ނަރުދަމާއާއި، ކަރަންޓާއި ދަތުރުފަތުރުގެ ނިޒާމު ގާއިމުކުރުމަށް ހިނގާނެ ޖުމްލަ ހަރަދާއި، އެކަމަށް ނަގާ ދަރަނި ނުވަތަ ބޮލަކަށް ޖެހޭ މާލީ ބުރައާއި، އޭގެ ބަދަލުގައި ކުއްޔާއި ވިޔަފާރިން ދައުލަތަށް ލިބޭނެ އިގުތިސާދީ މަންފާގެ ރަސްމީ ހިސާބުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ނޮވެންބަރު 17، 2026 ގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ، ރަސްމާލެއިން ހިއްކުމަށް ކަނޑައަޅާފައިވާ 1،009 ހެކްޓަރުގެ ތެރެއިން މިހާތަނަށް 800 ހެކްޓަރުގެ ބިން ވަނީ ހިއްކައި ނިމިފައި ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ބާކީ އޮތް ގާތްގަނޑަކަށް 200 ހެކްޓަރު ހިއްކައި، 2026 ވަނަ އަހަރުގެ ނިޔަލަށް މުޅި ބިން ހިއްކައި ނިންމާލުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަމަށާއި، ގާތްގަނޑަކަށް 65،000 ހައުސިން ޔުނިޓާއި 25،000 ގޯތި ދޫކުރުމަށް ރާވާފައިވާ މި ސިޓީގެ ފެނާއި ނަރުދަމާއާއި ކަރަންޓާއި މަގުތައް ހެދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.
ފާއިތުވި 25 އަހަރުގެ ބަދަލާއި ގުދުރަތީ ރައުސުލްމާލު
މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ (އެމްޖޭއީޓީ) ގައި 2026 ވަނަ އަހަރު ހުސައިން ޒިޔާތާއި އީޑެން ރިގޯ އަދި ފާތިމަތު ޝަންނަ ޝާއިއުކުރި ދިރާސާއިން ދައްކާ ގޮތުގައި، 2000 އިން 2024 އަށް މީހުން ދިރިއުޅޭ 69 ރަށެއްގައި 109 މަޝްރޫއެއްގެ ދަށުން މަދުވެގެން 4،198 ހެކްޓަރު (41.98 އަކަކިލޯމީޓަރު) ގެ ބިން ވަނީ ހިއްކާފައެވެ.
ވޯލްޑް ބޭންކުން ފާހަގަކޮށްފައިވާ ގޮތުގައި މިއީ މީހުން ދިރިއުޅޭ ރަށްތަކުގެ ޖުމްލަ ބިމަށް 30 އިންސައްތައަށް ވުރެ ބޮޑު އިތުރުވުމެކެވެ. އަދި މުޅި ރާއްޖޭގައި ހިއްކި ބިމުގެ 71 އިންސައްތަ މާލެ އަތޮޅަށް އަމާޒުވެފައި ވާއިރު، ދުރު ރާސްތާގެ ގައުމީ ޕްލޭނެއް ނެތި އުމްރާނީ ވަސީލަތްތައް ތަކުރާރުކޮށް ގާއިމުކުރުމަކީ ދައުލަތަށް އުފުލަންޖެހޭ ދާއިމީ މާލީ ބުރައެއް ކަމަށް އެ ދިރާސާގައި ބަޔާންކޮށްފައި ވެއެވެ.
އުމްރާނީ މިފަދަ މަޝްރޫއުތަކަށް ފައިސާ ހޯދުމުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތަށާއި ދަރަނީގެ ދެމެހެއްޓެނިވިކަމަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ވޯލްޑް ބޭންކްގެ 2024 ވަނަ އަހަރުގެ “މޯލްޑިވްސް ކަންޓްރީ އެންވަޔަރަންމަންޓަލް އެނަލިސިސް” ރިޕޯޓުގައި ބަޔާންކޮށްފައި ވެއެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގޮނޑުދޮށް ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ ރަށްތަކުގައި، އެފަދަ މަޝްރޫއުތައް ނުހިންގާ ރަށްތަކަށް ވުރެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ދައުލަތުން ގާތްގަނޑަކަށް ދެގުނަ އިތުރަށް ހޭދަކުރަން ޖެހެއެވެ. އަދި ފަރުތަކުގެ ގުދުރަތީ ރައްކާތެރިކަން ނެތް ނަމަ، ފެންބޮޑުވުމާއި އުދައެރުމުގެ ސަބަބުން އަހަރަކު ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީގެ) 8 އިންސައްތައާ އެއްވަރުގެ މާލީ ގެއްލުމެއް ކުރިމަތިވާނެ ކަމަށާއި، ރާއްޖޭގެ ޖީޑީޕީއާއި ވަޒީފާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަތުރުވެރިކަމާއި މަސްވެރިކަން ސީދާ ބަރޯސާވަނީ މި ގުދުރަތީ ރައުސުލްމާލަށް ކަމަށް ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.
ބިން ހިއްކުމާއި ބަނދަރު ހެދުމުން ގޮނޑުދޮށްތައް ގިރައިގެންދިއުން
ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް ގިރައިގެންދިއުމާއި ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ އެންމެ ބޮޑު އެއް ސަބަބަކީ، ރަށްރަށުގެ ގުދުރަތީ އުފެދުމަށް ރިއާޔަތްކުރުމެއް ނެތި ބިން ހިއްކުމާއި ފަރުމަތި ކޮނެގެން ބަނދަރު ހެދުންކަން އިލްމީ ދިރާސާތަކުން ސާބިތުވެއެވެ. އެމްޖޭއީޓީގައި ޝާއިއުކުރި ދިރާސާގައި ބުނާގޮތުގައި، ހުރިހާ ރަށަކަށް އެއް ތައްގަނޑެއްގެ އިންޖިނިއަރިން ފަރުމާތައް ބޭނުންކުރުމުގެ ސަބަބުން ރަށްރަށުގެ ވަށައިގެން ވެލި ދައުރުވާ ގުދުރަތީ ނިޒާމަށް ބުރޫއަރައި، ބިން ހިއްކި ރަށްރަށުގެ ގޮނޑުދޮށްތައް ގިރުމާއި ފެންބޮޑުވުމުގެ ނުރައްކާ އިތުރުވެފައިވެއެވެ.
އަދި ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ހަދާ އީއައިއޭ ރިޕޯޓުތައް ފުރިހަމަވުމުގެ ކުރިން ބައެއް މަޝްރޫއުތަކަށް ހުއްދަ ދިނުމާއި، ގަވާއިދުތައް ތަންފީޒުކުރުން ބަލިކަށިވުމުގެ ސަބަބުން ތިމާވެށީގެ ރައްކާތެރިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވޭ ކަމަށްވެސް އެ ދިރާސާއާ ބުނެއެވެ.
މީގެ އިތުރުން، ރަނގަޅު ދިރާސާއެއް ނެތި ބަނދަރުތައް ހެދުމަކީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށްތައް ގިރައިގެންދިއުމުގެ އެންމެ ބޮޑު އެއް ބައިވެރިޔާކަން ވޯލްޑް ބޭންކާއި ތިމާވެށީގެ މާހިރުންގެ ދިރާސާތަކުން ދައްކައެވެ. ވޯލްޑް ބޭންކްގެ 2024 ވަނަ އަހަރުގެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2002 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި 200 އަށް ވުރެ ގިނަ މަސްނޫއީ ބަނދަރު ހަދާފައިވާއިރު، ދިރާސާކުރި 608 ރަށުގެ ތެރެއިން ފަރުމަތި ކޮނެގެން ބަނދަރު ހަދާފައިވާ ރަށްތަކުގެ އަދަދު ވަނީ ދިހަ އަހަރުގެ ތެރޭގައި 100 އިން 178 އަށް (62 އިންސައްތަ) އިތުރުވެފައެވެ.
ގޮނޑުދޮށުގެ އިންޖިނިއަރިންއާ ގުޅޭގޮތުން ޕޯލް ކެންޗާއި ކެވިން ޕާނެލް އަދި ރޮބް ބްރޭންޑާ (2003) ކުރި ދިރާސާއާއި، ވާޖިނީ ޑުވާ (2020) 104 މީހުން ދިރިއުޅޭ ރަށާއި 82 ރިސޯޓު ހިމެނޭހެން ކުރި ދިރާސާއިން ދައްކާ ގޮތުގައި، މޫސުމާއެކު ރަށްރަށުގެ ވަށައިގެން ބަދަލުވާ އޮއިވަރާއި ވެލި ދައުރުވާ ގޮތަށް ނުބަލައި ބަނދަރުތަކާއި ބޭރުތޮށި ލުމުން، އޮއިވަރު ހިފެހެއްޓި ރަށުގެ އެހެން ދިމާތަކުން ގޮނޑުދޮށް ގިރުން އިތުރުވެގެން ދެއެވެ.
އަދި 2002 އިން 2016 އަށް ދައުލަތުން ހިންގި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 54 މަޝްރޫއުގެ ތެރެއިން 52 މަޝްރޫއަކީ މިފަދަ ހަރު ތޮށިލުމުގެ މަޝްރޫއުތަކަށް ވާއިރު، ބަނދަރުތަކުގެ ސަބަބުން އޮއިވަރަށް އަންނަ ބަދަލުތަކުން ރަށް ގިރުން ހުއްޓުވުމަށް ޖަހާ ތޮށިތަކުންވެސް ބައެއް ފަހަރު އިތުރަށް ރަށް ގިރުމަށް މަގުފަހިވާ ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައި ވެއެވެ.
ހަމައެހެންމެ، ފަޅު ކޮނުމާއި ބިން ހިއްކުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބެމުންދާކަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ވޯލްޑް ބޭންކްގެ ހިސާބުތަކުން އެނގެއެވެ. ފަޅުތައް ކޮނުމުން އުފެދޭ ކިސަޑާއި ވެލި ކަނޑުގެ ލޮނުގަނޑުގައި ފެތުރި، މުރަކަތަކުގެ މައްޗަށް އެޅުމުގެ ސަބަބުން ހޫނުގަދަވުމުން މުރަކަތައް މަރުވާ ނިސްބަތް އިތުރުވާ ކަމަށް އުތުރު މާލެ އަތޮޅުގައި ޕަންކްރާޒީއާއި ބައިވެރިން (2020) ކުރި ދިރާސާއިން ދައްކައެވެ. އަދި ބިން ހިއްކުމާއި ބަނދަރު ކޮނުމުގެ ސަބަބުން ފަޅުތަކާއި، ފަރުތަކާއި، މޫދުވިނައާއި، ކުޅިފާތަކާއި މެންގްރޫވް ފަދަ ގުދުރަތީ މާހައުލުތައް ނެތިދިއުމުގެ އިތުރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ފާހަގަކޮށްފައިވާ ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން ހިންގި 52 އަށް ވުރެ ގިނަ ބިން ހިއްކުމުގެ މަޝްރޫއުތަކުން އުފެއްދި ގިނަ ބިންތައް އަދިވެސް ބޭނުންނުކުރެވި ހުރުމަކީ، ތިމާވެށި ގުރުބާންކޮށްގެން ހޯދި ބިމުގެ ހަގީގީ މަންފާއާ މެދު ސުވާލު އުފެދޭ ކަމެކެވެ.
މިކަމުގެ ހަގީގަތް އެންމެ ބޮޑަށް ހާމަވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދި ރަސްމީ ހިސާބުތަކާއި ސެޓެލައިޓް ފޮޓޯތަކުގެ އެހީގައި މޯލްޑިވްސް އިންޑިޕެންޑެންޓާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އާންމުކޮށްފައިވާ ރިޕޯޓުތަކުންނެވެ. އެ ރިޕޯޓުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2007 ވަނަ އަހަރުން ފެށިގެން ހިންގި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާއި ސުނާމީއަށްފަހު އާބާދުކުރި ތ. ވިލުފުށި (40.5 ހެކްޓަރުގެ 80 އިންސައްތަ ބޭނުންކުރެވޭ) ފިޔަވައި، ދެން ހިއްކި ގިނަ ރަށްރަށުގެ ބިމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް އޮތީ ވިނަ ފަޅައި، އެއްވެސް ބޭނުމެއް ނުކުރެވި ފަޅަށެވެ.
މިސާލަކަށް، 2010 ވަނަ އަހަރު ހިއްކި މ. މަޑުއްވަރީގެ 8.9 ހެކްޓަރާއި މ. ދިއްގަރުގެ 4.2 ހެކްޓަރުގެ ބިމުން ބޭނުންކުރެވެނީ ގާތްގަނޑަކަށް 10 އިންސައްތަ ކަމަށާއި، 2009 ގައި ހިއްކި ގއ. ވިލިނގިލީގެ 15 ހެކްޓަރުގެ ބިމުން 20 އިންސައްތަ އަދި 2010 ގައި ހިއްކި ހދ. ކުޅުދުއްފުށީގެ 28 ހެކްޓަރާއި 2007 ގައި ހިއްކި ގދ. ގައްދޫގެ ބިމުން ބޭނުންކުރެވެނީ އެންމެ 30 އިންސައްތައެވެ. މީގެ އިތުރުން، 2017 ވަނަ އަހަރު ގދ. ތިނަދޫއިން ހިއްކި 53 ހެކްޓަރުގެ ބޮޑު ބައެއް ހުހަށް އޮއްވައި 2025 ގައި އިތުރު 14.3 ހެކްޓަރު ހިއްކުމުގެ މަސައްކަތް ފެށުމާއި، 2023 ގައި އައްޑޫ ސިޓީންނާއި ކ. މާފުށި (25 ހެކްޓަރު) އަދި ކ. ގުރައިދޫ (15 ހެކްޓަރު) ފަޅުން ހިއްކި ބިންތައްވެސް ދިގު މުއްދަތަކަށް ބޭނުންނުކުރެވި ހުރީ ހުހަށެވެ.
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައިވާ ގޮތުގައި، ބައެއް ރަށްރަށުގައި ބިން ހިއްކުމަށްފަހު 20 އަހަރު ވީއިރުވެސް އެ ބިންތައް އޮތީ ވިނަ ފަޅައި ފަޅަށް ދޫކޮށްލެވިފައެވެ.
ތަރައްގީގެ ހަގީގީ ތިލަފަތް
ބިން ހިއްކައިގެން އުފައްދާ ގޯތިތަކާއި ވިޔަފާރި ބިންތަކުގެ ކުއްޔާއި މުއާމަލާތްތަކުން ލިބޭ މާލީ މަންފާ ފަސޭހައިން ހިސާބުކުރެވުނު ނަމަވެސް، އޭގެ ސަބަބުން ގެއްލިގެންދާ ފަޅުތަކާއި ފަރުތަކުގެ އިގުތިސާދީ އަގު ގައުމީ ހިސާބުތަކުގައި ހިމެނިފައެއް ނުވެއެވެ. ހިއްކާ ބިމުން ގޯތި ލިބޭ ފަރާތްތަކާއި ކޮންޓްރެކްޓަރުންނަށް ވަގުތީ މަންފާ ލިބުނަސް، ދިގު މުއްދަތުގައި ގޮނޑުދޮށް ހިމާޔަތްކުރުމަށާއި އުމްރާނީ ހިދުމަތްތައް ދެމެހެއްޓުމަށް ހިނގާ ހަރަދު އުފުލަންޖެހެނީ ޓެކްސް ދައްކާ ރައްޔިތުންނެވެ. އަދި ފާއިތުވި 25 އަހަރުގެ މަޝްރޫއުތަކުން އާމްދަނީއާއި ވަޒީފާގެ ގޮތުން ހަގީގީ މަންފާ ލިބުނީ ކޮން ފަންތިއެއްގެ ބަޔަކަށް ކަމާއި، އޭގެ ގެއްލުން ތަހައްމަލުކުރަން ޖެހުނީ ކޮން ބަޔަކަށްކަން ދައްކައިދޭ ގައުމީ ތަފާސްހިސާބުތަކެއް ނެތުމުން، ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ތިމާވެށްޓާއި އިގުތިސާދީ އަސަރުތައް ވަޒަންކުރުމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ.
އިންޖިނިއަރިންގެ އެހީގައި ކަނޑުގެ ލޮނުގަނޑުން އާ ހެކްޓަރުތަކެއް އުފެއްދުމަކީ ފަސޭހައިން ފެންނަ ކާމިޔާބީއެކެވެ. ނަމަވެސް ގައުމުގެ ހަގީގީ ކުރިއެރުން ވަޒަންކުރެވޭނީ، އަލަށް އުފައްދާ ބިމުން ލިބޭ މަންފާއަކީ، އެ ބިން އުފެއްދުމަށް ގުރުބާންކުރާ ގުދުރަތީ ރައުސުލްމާލާއި ކުރިއަށް އޮތް ޖީލުތަކުން އުފުލަންޖެހޭ މާލީ ބުރައަށްވުރެ އަގުހުރި އެއްޗަކަށް ވެގެންނެވެ.
