ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަގުސަދުގައި، ގެސްޓްހައުސްތަކާއި ސަފާރީ (ލިވްއެބޯޑް) ތަކަށް ދޫކުރާ ފައިނޭންސިން އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. ގައުމީ ބޭންކުން މި ބަދަލުތައް ގެނެސްފައިވަނީ މި ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހި ފަރުދުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ހޯދައިދިނުމަށެވެ.
ބީއެމްއެލްއިން ގެސްޓްހައުސް ފައިނޭންސިން އަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މަޝްރޫއުގެ ޖުމްލަ އަގުން އިންވެސްޓަރު އަމިއްލައަށް ހަރަދުކުރަން ޖެހޭ ފައިސާ ނުވަތަ އިކުއިޓީ ވަނީ 30 ޕަސެންޓް އިން 20 ޕަސެންޓް އަށް ދަށްކޮށްފައެވެ. އަދި ފައިސާ އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް އިތުރުކޮށްދީފައިވާއިރު، ދެ އަހަރުގެ ގްރޭސް ޕީރިއަޑެއްވެސް ލިބިގެންދާނެއެވެ. މީގެއިތުރުން، ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި، ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު 7 ޕަސެންޓް ގެ ކުޑަ އިންޓްރެސްޓް ރޭޓެއް ހަމަޖައްސާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ 9 ޕަސެންޓް އެވެ.
ސަފާރީ ވިޔަފާރިތަކަށް ހާއްސަ ލިވްއެބޯޑް ފައިނޭންސިންެ އިކުއިޓީ ވެސް ވަނީ 30 ޕަސެންޓް އިން 25 ޕަސެންޓް އަށް ދަށްކޮށްފައެވެ. އަދި އަނބުރާ ދެއްކުމުގެ މުއްދަތު 7 އަހަރުން 12 އަހަރަށް، އަދި ގްރޭސް ޕީރިއަޑް އެއް އަހަރުން ދެ އަހަރަށް ވަނީ އިތުރުކޮށްދީފައެވެ. މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާނަމަ 8 ޕަސެންޓްގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފަރާތްތަކަށް ކަނޑައަޅާފައިވަނީ 10 ޕަސެންޓް އެވެ.
ފައިނޭންސް ހޯދުމުގައި ވިޔަފާރިވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިކުއިޓީ ހަމަޖެއްސުން ކަމަށްވާތީ، ބޭންކުން ވަނީ އެކަމަށްވެސް ވަރަށް ބޮޑު ލުޔެއް ދީފައެވެ. އެގޮތުން، މަޝްރޫއަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓްމަންޓްތައް، ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކުރުމަށްފަހު، އިކުއިޓީގެ ގޮތުގައި ބަލައިގަންނަ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެ.
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށާއި، ބޭންކުގެ އަމާޒަކީ މި ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރުކުރުން ކަމަށެވެ. އަދި އިކުއިޓީ ދަށްކޮށް، އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކުރުމުގެ ސަބަބުން މި ދާއިރާއަށް ވަނުމަށް ހުރި ހުރަސްތައް ނެތިގޮސް، ދިވެހި ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބީއެމްއެލް އިން އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު އިސްކަމެއް ދީގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މި ހިނގާ އަހަރުގެ ތެރޭގައި އެކަނިވެސް ފަތުރުވެރިކަން ހިމެނޭހެން 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ބޭންކުން ވަނީ ދޫކޮށްފައެވެ. މީގެ މައިގަނޑު ބޭނުމަކީ ރަށު ފެންވަރުގެ ގެސްޓްހައުސްތަކާއި ސަފާރީތަކުން ފެށިގެން ބޮޑެތި ރިސޯޓްތަކާ ހަމައަށް، ފަތުރުވެރިކަމުގެ ނަފާ ދިވެހިންނަށް ފުރިހަމައަށް ހޯދައިދިނުމެވެ.
