އިންޑިއާގެ ބެންގަލޫރްގައި މިއަދު ފެށި ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފުރަތަމަ މެޗުގައި މިމުބާރާތުން އަލަށް ފެނުނު ކުވައިތުން 3-1 އިން ނޭޕާލް ބަލިކޮށްފިއެވެ.

ދެ ގްރޫޕްއަކަށް ބަހާލައިގެން ކުޅޭ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު ގްރޫޕް އޭގެ މިމެޗުގަައި ކުވައިތުން ނޭޕަލް ކޮޅަށް ވައްދާލި ދެލަނޑު ވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފްގައެވެ.

މި ގޮތުން ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި ޖަހާ ދިނީ އެޓީމުގެ ކެޕްޓަން ހަޖީއާއެވެ. އަރިމަތިން ނަގާ ދިން ހުރަހެއް އޭނާ ބޮލުން ޖަހާ ވައްދާލީ ހުސް ގޯލަކަށެވެ.

ފުރަތަމަ ހާފްގެ ކުޅުން ނިމުމުގެ ކުރިން ކުވައިތުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ފުޅާކޮށްފައެވެ. ނޭޕާލްގެ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް އެޓީމުގެ ދެ ކުޅުންތެރިންނާއި ކީޕަރު ކަޓުވާލުމަށް ފަހު ގޯލު ޖެހީ ޖާޒީ ނަމްބަރު 10 ޚާލިދީއެވެ.

މިމެޗުގައި ކުވައިތުން ޖެހި ތިން ވަނަ ޖެހީ މެޗުގެ 65 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމެއް ފެނިފައިވޭ/ފޮޓޯ: ޓުވިޓާ

2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންގެ ފައިނަލްގައި ކުޅުނު ނޭޕާލްއިން ވަނީ މިމެޗުގެ 68 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ބިސްޓާއެވެ. ގްރޫޕްއޭގެ ފުރަތަމަ މެޗު ނިމުނީ 3-1 އިން ކުވައިތް މޮޅުވެގެންނެވެ. މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ކުވައިތް މިވަނީ ގްރޫޕް އޭގެ ތާވަލުގެ 1 ވަނަ އަށް އަރާފައެވެ.

އެގްރޫޕްގައި ދެން ހިމެނޭ އިންޑިއާ އަދި ޕާކިސްތާނު ކުޅޭ މެޗު މިރޭ ރާއްޖޭ ގަޑިން 7 ޖަހާ އިރު އޮންނާނެއެވެ. އިންޑިއާއަކީ އެންމެ ފަހުގެ ސާފް ޗެމްޕިއަންއެވެ.

މި މުބާރާތުގެ އަނެއް ގްރޫޕްގައި އޮތީ ދިވެހި ރާއްޖެ، ބޫޓާން، ބަންގްލަދޭޝް، އަދި ލުބުނާނެވެ. މާދަމާ ރާއްޖޭ ގަޑިން 3 ޖަހާ އިރު ލުބުނާނާއި ބަންގްލަދޭޝް ބަައްދަލުކުރާ އިރު މިމުބާރާތުގައި ރާއްޖޭއިން ކުޅޭ ފުރަތަމަ މެޗުގައި ނިކުންނާނީ ބޫޓާންއާ ދެކޮޅަށް ރޭގަނޑު 7 ޖަހާ އިރުއެވެ.