ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް ހަވާލުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރުމުގެ ހިތްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިގައި ނެތުމަކީ އެމަނިކުފާނުގެ ނާގާބިލްކަމުގެ ފާޅުކަން ބޮޑު ހެއްކެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުން މަޖިލީހުގެ މެންބަރުން ރައީސް ސޯލިހްއަށް ބައްދަލު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު މިއަދު ވެސް އެބޭޅުން ވަނީ ލަސްނުކޮށް އެޕޮއިންޓްމެންޓްއެއް ހަމަޖައްސަވާ ދެއްވުން އެދި އެމަނިކުފާނަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި ވަނީ އެ ބޭފުޅުން ރައީސް ސޯލިހްއާ ބައްދަލުކުރުމަށް އަންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި ރައީސް އުޅުއްވަނީ ފިއްލަވައިގެން ކަމަށެވެ. އަދި އެއީ ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތާ ޒިންމާތަކަށް ހިޔާނަތްތެރިވުން ނޫން ކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް އެ ސިޓީގައި ވެއެވެ.

އިދިކޮޅު ކޯލިޝަންގެ މެންބަރުން މިއަދު ރައީސް އޮފީހަށް ވަޑައިގެންފައިވަނީ މަޖިލީހަށް ވަޑައިގެން ނަމަވެސް ތަޅުމަށް ވަދެވޭގޮތް ނުވުމުން މަޖިލީހުގައި ހުރި ގޮނޑިތައް ބޭރަށް ނެރުމަށްފަހުގައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ގޮނޑިތައް މަޖިލިސް ޗެމްބަރުން ނެރުމުގައި އިސްކޮށް ހަރަކާތްތެރިވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު (ސެމްބެ) އެވެ.

މަޖިލީހުގެ މައިނޯރިޓީ ހިއްސާ އޮންނަ ޕީޕީއެމްއިން މެޖޯރިޓީ ހިއްސާ އޮންނަ އެމްޑީޕީއަށް ތުހުމަތުތައް ކުރަމުންދާއިރު އެމްޑީޕީއިން އަންނަނީ ޕީޕީއެމްއަށް ތުހުމަތުތައް ކުރަމުންނެވެ. އެގޮތުން މިއަދު މަޖިލީހުގައި އިދިކޮޅު ޕީޖީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ސަރުކާރުން އޮތީ މަޖިލީހުގައި ބޮޑު ތަޅު އަޅުވާފައި ކަމަށާއި އެކަން ނިމުމަކަށް ގެނެވޭނީ މެޖޯރިޓީ ލީޑަރަށް ކަމަށެވެ. އެހެންނަމަވެސް މެޖޯރިޓީ ލީޑަރު އިއްޔެ ވިދާޅުވެފައިވަނީ އިދިކޮޅުން މަޖިލިސް ހަރާބުކުރާ ވާހަކަ ކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ ފެށުނީންސުރެ މަޖިލީސް ހަރާބުކޮށް މަޖިލީހުގެ ކަންތައްތައް އުސޫލާ ހިލާފަށް ގެންގޮސް ހުރިހާ ކަމެއް ކުރީ ކޮންބައެއްކަން އެ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.