ދިވެހިރާއްޖޭގެ އިގްތިސޯދު އެނގޭނީ ވަކި ސިޔާސީ ލީޑަރަކަށް ނޫން ކަމަށާއި އެގޮތަށް ދައުވާ ކުރުމަކީ މީހުން މަލާމަތްކޮށް ޖޯކު ޖަހާނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިސަލް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އިގްތިސޯދު އެނގެނީ ވަކި ސިޔާސީ ލީޑަރަކަށް ނޫންކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ އެފަދައިން ހީކުރެވުމަކީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި މިހާރު ވަރަށް ތައުލީމީ، ކްރިއޭޓީވް، އިނޮވޭޓިވް ވިސްނުންތައް ހުރި ޒުވާނުން ތިބި އިރު، ފިނި ކޮޓަރިއެއްގައި އިންނަވައިގެން، ދިވެހިރާއްޖޭގެ އިގްތިސޯދު އެނގެނީ ހަމައެކަނި ތިމާއަށް ކަމަށް ދައުވާ ކުރުމަކީ މިއަދު ބޭފުޅުން މަލާމަތްކޮށް ޖޯކު ޖަހާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ހޮވާފައި ވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓޭނެ ވަރު ރައީސްއެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުއަކީ ރައީސް ޔާމީންއަށްވުރެ އިލްމީ ގޮތުން އަދި ސިޔާސީ ގޮތުން ގާބިލް ކެރޭ ލީޑަރެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޕީއެންސީއިން ވެރިކަމަށް އައީ ރައީސް ޔާމީންގެ ހުސްގޮނޑި ދައްކައިގެން ކަމަށް ބުނެ ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުން ފައިސަލް ވިދާޅުވީ އޭރު އެބުނާ ހުސްގޮނޑި ދެއްކި ކަމަށްވަންޏާ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވީ ރައީސް މައުމޫނުގެ ފޮޓޯ ކަމަށެވެ. އަދި ރައީސް މައުމޫނު ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެން އެމަނިކުފާނުގެ ތުއްދޮންބެ (ރައީސް މައުމޫނު) 7 މަސް ދުވަސް ވަންދެން ޖަލުގައި ބޭންދި ކަމަށެވެ.
ފައިސަލް ވިދާޅުވީ ރައީސް ޔާމީން ގަބޫލު ކުރައްވަން ޖެހޭ ހަގީގަތަކީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުއިއްޒު ހޯއްދެވީ ސިޔާސީ ގޮތުން މޮޅުވީމާ ކަމަށެވެ. އަދި ރައީސް މުއިއްޒުއަށް ހަޖޫޖެހޭ ވަރުގެ ސިޔާސީ އެއްވެސް ބޭފުޅަކު ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ނެތް ކަމަށެވެ.