ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ ނުލައި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގްރޫޕުން ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް ތައްޔާރުވުމަށް 'ވޯމް އަޕް' ބައްދަލުވުމެއް ބޭއްވި ކަމަށް ވިދާޅުވެ، ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވަނީ 'އެކްސް'ގައި ފޮޓޯތައް ހިއްސާކުރައްވައި ޕޯސްޓެއް ކުރައްވައިފައެވެ.
ޕީއެންސީގެ އިސް ޑެޕިއުޓީ ލީޑަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޝުޖާއު އެކްސްގައި ހިއްސާކުރެއްވި ފޮޓޯތަކުން އަބްދުއްރަހީމެއް ނުފެނެއެވެ.
މިއީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ގްރޫޕްގެ ބައްދަލުވުމެއްގައި، މި ވަގުތު މާލޭގައި ހުންނެވި އަބްދުއްރަހީމް ބައިވެރިވެވަޑައިނުގެންނެވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމެވެ.
ޕީއެންސީގެ މަޖިލިސް މެންބަރުންގެ ގްރޫޕްގެ މި ބައްދަލުވުމުގައި އަބްދުއްރަހީމް ބައިވެރިވެވަޑައިގެންފައި ނުވަނީ، ރައީސާއި އަބްދުއްރަހީމްގެ ގުޅުން ނުތަނަސްވެފައިވާ ދަނޑިވަޅެއްގައެވެ. ދެ ބޭފުޅުންގެ ގުޅުން ހީނަރުވެފައިވާ ކަމަށް، ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި މިދިޔަ މަހުގެ ފަހުކޮޅު އަބްދުއްރަހީމް އެއްބަސްވެވަޑައިގެންފައިވެއެވެ.