ޕީޕީއެމްގެ ފިކުރަކީ ވަކި މީހެއްގެ މިލްކެއް ނޫން ކަމަށް ވިދާޅުވެ ޕީއެންސީގެ ޗެއާޕާސަން އަދި ސްޕެޝަލް އެޑްވައިޒާ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް ނުސީދާ ރައްދެއް ދެއްވައިފިއެވެ.
އަދުރޭ މިފަދައިން ވިދާޅުވެފައި ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމްގެ ފިކުރަކީ ވަކި މީހެއްގެ މިލްކެއް ނޫން ކަމަށާއި އެއީ ގައުމިއްޔަތުގެ ފިކުރު ކަމަށެވެ. އަދި އަބަދުވެސް އެ ފިކުރު އޮންނާނީ ގައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ބައެއްގެ އަތްމަތީގައި ކަމަށެވެ.
މިއަދު އެ ފިކުރު އޮތީ ޕީޕީއެމް، ޕީއެންސީގައި ކަމަށާއި އެ ފިކުރުގެ މިހާރުގެ ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވެސް އަދުރޭ ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމް، ޕީއެންސީގެ އެތެރޭގެ ކޯޅުން ބޮޑުވެ، ޕާޓީއިން ވަކިވެވަޑައިގެން ރައީސް ޔާމީން ގެންދަވަނީ ޕީއެންއެފްގެ ނަމުގައި ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި އެ ޕާޓީގެ ނަމުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވަމުންދާ ސިލްސިލާ ޖަލްސާތަކުގައި ޔާމީން ގެންދަވަނީ ސަރުކާރަށާއި ޕީޕީއެމް، ޕީއެންސީއަށް ފާޑުވިދާޅުވަމުންނެވެ.
މި ފާޑު ވިދާޅުވުންތަކާ ގުޅިގެން ރައީސް ޔާމީން ދައްކަވާ ބައެއް ވާހަކަފުޅުތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން އަދުރޭ ގެންދަވަނީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ފާއިތުވި ފަސް އަހަރު ކުރީގެ ރައީސް ޔާމީން ޖަލު ހުކުމެއްގައި ހުންނަވަން ޖެހިވަޑައިގަތުމާއެކު ކޮންގްރެސް ކޯލިޝަނުގެ ހިންގުން ހަވާލުކޮށްފައި އޮތީ އަދުރޭ އަށެވެ.